Last Updated: April 19, 11:00
Friday, April 19, 2024
މުނިފޫހިފިލުވުން

"އެނަބެލް ކަމްސް ހޯމް"ގެ ޓްރެއިލާ ދައްކާލައިފި

ކޮންޖުއަރިންގ ޔުނިވާސްގެ ޕްރިކުއެލް ސީރީސް ކަމުގައިވާ "އެނަބެލް"ގެ ތިންވަނަ ފިލްމް، "އެނަބެލް ކަމްސް ހޯމް"ގެ އާ ޓްރެއިލާ ދައްކާލައިފި އެވެ.

އެހެން ފިލްމްތަކެކޭ އެއްފަދައިން މި ފިލްމްގައި ވެސް އެޑް އަދި ލޮރެއިން ވޮރެން (ޕެޓްރިކް ވިލްސަން އަދި ވޭރާ ފާމިގާ) ފެނިގެންދާނެ އެވެ.

އެންމެ ފަހުން "ދަ ކޮންޖުއަރިންގ" އިން ފެނިގެންދިޔަ ގޮތުގައި އެނަބެލްގެ ބުދު ހުރީ މިހާރު އެޑް އާއި ލޮރެއިންގެ ގޭގައި ހުންނަ ކޮޓަރިއެއްގައި ބަންދުކޮށްފަ އެވެ. ނަމަވެސް އެނަބެލްގެ ކިބައިން ދުނިޔެ ސަލާމަތްވީ ކަމަށް އެންމެން ހީކޮށްގެން ތިބިއިރު، މި ފިލްމްގައި ފެނިގެންދާނީ އެ ކޮޓަރީގައި ތިބި އެހެނިހެން ނުބައި ބާރުތަކާއި އެނަބެލް މަސައްކަތްކުރާ މަންޒަރެވެ.

މި ފަހަރު އެނަބެލްގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެޑް އާއި ލޮރެންގެ އަންހެން ދަރިފުޅު ޖޫޑީ އާއި ޖޫޑީ ބަލަން ތިބޭ ދެ އަންހެނުންނަށެވެ.

މި ފިލްމްގައި ޖޫޑީގެ ރޯލް އަދާކޮށްފައި ވަނީ "ދަ ހޯންޓިންގ އޮފް ދަ ހިލް ހައުސް"ގެ މެކެނާ ގްރޭސް އެވެ.

"އެނަބެލް ކަމްސް ހޯމް" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.