Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

ޗައިނާގެ އިންޑަސްޓްރިއަލް ޕްލާންޓެއް ގޮވައި ހަތް މީހުން މަރުވެއްޖެ

ކުންޝަން ޓެކްނޮލޮޖީގެ ހަލާކުވެފައިވާ އިމާރާތެއް - ފޮޓޯ: ރޮއިޓާސް

ޗައިނާގެ ޖަންސޫ ޕްރޮވިންސްގެ އިންޑަސްޓްރިއަލް ޕްލާންޓެއް ގޮވައި، ހަތް މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މިއީ މިމަހުގެ ތެރޭގައި އެ ޕްރޮވިންސްގައި ހިނގި އެފަދަ ދެވަނަ ހާދިސާ ކަމުގައިވާއިރު، ބެއިޖިންގ ގައި ވަނީ އިންޑަސްޓްރީތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި ގުޅޭ ޤައުމީ ކެމްޕެއިނެއް ފަށައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިއަދުގެ ހާދިސާ ހިނގާފައި ވަނީ ދަގަނޑު މޯލްޑްކުރާ ޕްލާންޓެއްގެ ބޭރުގައި އުކާލާފައިވާ ދަގަނޑު ހުރި ކޮންޓެއިނަރެއްގައި އަލިފާން ރޯވެ، އެ އަލިފާންގަނޑު ޕްލާންޓާއި ހަމައަށް ފެތުރިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

މި ހާދިސާ އިތުރަށް ތަޙުޤީޤުކުރަމުންދާއިރު، މި ހާދިސާގައި އިތުރު ފަސް މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެކަކަށް ލިބުނު އަނިޔާ ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ކުންޝަން ވޮފަރ ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑްގެ ޕްލާންޓެއްގަ އެވެ

މިމަހުގެ 21 ވަނަ ދުވަހު ވެސް ޖަންސޫ ޕްރޮވިންސްގެ ޔަންޗެންގ ސިޓީގެ ކެމިކަލް ޕާކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ 78 މީހުން މަރުވެފައެވެ.