Last Updated: April 27, 10:05
Saturday, April 27, 2024
ދުނިޔެ

ހަތް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލިކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި

މިދިޔަ ބުދަ ދުވަހު އިންޑިއާގެ ކޮއިމްބަތޫރްގައި އުމުރުން ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގޭންގްރޭޕްކޮށް މަރާލި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ މައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް އެ މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

އުމުރުން ހަތް އަހަރުގެ އެ ކުޑަކުއްޖާ މަރާލާފައި ވަނީ އެތައް ބަޔަކު ވެގެން ގޭންގްރޭޕްކޮށްލުމަށްފަހު އެވެ. އެންމެ ފުރަތަމަ އެއީ ހަމައެކަނި ގަސްދުގައި މީހަކު މަރާލި މައްސަލައެއްގެ ގޮތުގައި ބަލަމުންދިޔަ ނަމަވެސް، އެކުއްޖާ އަށް ޖިންސީ ގޯނާވެސް ކޮށްފައިވާކަން ފުލުހުން ވަނީ ފަހުން ކަށަވަރުކޮށްދީފައެވެ.

"އޭޝިއަން ނޭޝަނަލް ނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި ތިންވަނަ މީހާ ހައްޔަރުކޮށްފައި ވަނީ ކޮއިމްބަތޫރްގެ ތޮންޑަމުތުރް އިން ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުން ވަނީ 10 ޓީމެއް އެކުލަވާލާފައެވެ.

ފުލުހުން ކުރިން ޝައްކުކުރަމުންދިޔައީ ތުހުމަތު ކުރެވޭ މީހާ އާއި އެކުއްޖާ އާއި ގާތް މީހެއް ކަމަށެވެ. އެ ހިސާބުގައި މަގުމަތިން ހިނގާފައި ދާއިރު، އެކުއްޖާ އާއި ވާހަކަދައްކާ ހަތަރު މީހަކު ތިބޭ ކަމަށް އެކުއްޖާގެ މައިންބަފައިން ވެސް ވަނީ ބުނެފައެވެ.

އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި އެކުއްޖާ މަރާލާފައި ވަނީ ރޭޕްކުރުމަށްފަހު ނޭވާހާސްކޮށްގެންނެވެ. މި މައްސަލައިގައި މިއަދު ހައްޔަރުކުރީ ސަންތޯޝް ކުމާރް އެވެ. އޭނާ އަކީ އެކުއްޖާގެ އަވަށްޓެރިއެކެވެ.