Last Updated: April 26, 15:47
Friday, April 26, 2024
ދުނިޔެ

ޕާޓީ އަށްވުރެ މުހިއްމީ ރައްޔިތުންގެ ހިތްހަމަޖެހުން: އުރުދުޣާން

ރަޖަބް ތައްޔިބު އުރުދުޣާން

ޕާޓީ އަށްވުރެ މުހިއްމީ ތުރުކީގެ ރައްޔިތުން ހިތްހަމަޖައްސައި ދިނުން ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިހެން ވިދާޅުވީ ތުރުކީގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީއަށް ތުރުކީގެ ބޮޑެތި ސިޓީތަކުގެ އަޣުލަބިއްޔަތު ގެއްލިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ އިންތިހާބުގައި އަންކާރާ އާއި އިސްތަންބޫލްގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީންނެވެ.

ބޮޑެތި ސިޓީތަކުގެ އަޣުލަބިއްޔަތު އުރުދުޣާންގެ ޕާޓީ އަށް ގެއްލިފައިވާއިރު ރޭގެ ވަގުތެއްގައި ދިން ހިތާބެއްގައި އޭނާ ވިދާޅުވީ ހެދުނު ގޯސްތައް ރަނގަޅު ކުރުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ފައްޓަވާނެ ކަމަށާއި ގައުމާ ދެކޮޅަށް ކަންކަން ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާނެ ކަމަށެވެ.

"އަހަރުމެން ގައުމަކާ ނުތޮޅޭނަން. އޭރުން އެކަން ވާނީ ހުދުމުހުތާރު ކަމަކަށް. ޕާޓީ އަށް ވުރެ ބޮޑަށް އަހަރުމެންނަށް މުހިއްމީ ރައްޔިތުންގެ ހިތްހަމަޖައްސައި ދިނުން" އުރުދުޣާން ވިދާޅުވިއެވެ.

މީގެއިތުރުން އިގްތިސާދީ ހެޔޮ ބަދަލުތަކެއް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ތުރުކީ އަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

ބޮޑެތި ސިޓީތަކުގެ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް އިންތިހާބުގެ މުޅި ނަތީޖާ އަށް ބަލާއިރު ގިނަ ކައުންސިލްތައް ކާމިޔާބު ކޮށްފައިވަނީ އުރުދުޣާންގެ ޕާޓީންނެވެ.