Last Updated: April 20, 06:38
Saturday, April 20, 2024
ސިއްހަތު

އޯޓިޒަމް ކުދިންނަށް މުޖްތަމައުގެ އަޅާލުން ބޭނުންވޭ: ފަޒްނާ

އޯޓިޒަމް ދުވަސް ފާހަގަ ކުރުމަށް އޯޓިޒަމް ސެންޓަރގައި ބޭއްވި ހަފްލާގެ ތެރެއިން: ފޮޓޯ- ރައީސް އޮފީސް

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނެކޭވެސް އެއްފަދައިން އޯޓިޒަމް ކުދިންނަށްވެސް މުޖްތަމައުގެ އަޅާލުން ބޭނުންވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ.

އޯޓިޒަމް ދުވަހާއި ގުޅިގެން އޯޓިޒަމް ސެންޓަރގައި ބޭއްވި އާއިލީ ނާސްތާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ އަސާސީ ޙައްޤުތައް ލިބިދިނުމުގައި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާފުކުރުމެއް އޮވެގެން ނުވާނެކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެކޭ އެއްފަދައިން އޯޓިޒަމް ހުންނަ ކުދިންނަށް ވެސް އެންމެ މުހިންމީ އެ ބަލީގެ އުނދަގޫތައް އިހުސާސްކުރަން ނުޖެހި އިތުރު ވޭންތައް ތަހައްމަލުކުރަން ނުޖެހޭނެގޮތަކަށް މުޖުތަމަޢުގެ ކަންކަން ބައްޓަންވެފައި ހުރުން ކަމުގައެވެ.

ސްޕެކްޓްރަމް ޑިސްއޯޑަރާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާއި ހޯދުންތައް ބެލެނިވެރިންގެ މެދުގައި ޙިއްޞާކޮށް އެކަކު އަނެކަކަށް ހިތްވަރުދޭ ސަޕޯޓް ގްރޫޕުތައް ހަރަކާތްތެރި ވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށާއި، މިފަދަ ގްރޫޕްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިލްތިމާސްކުރެއްވި އެވެ.

މީގެ އިތުރަށް އެކަމަނާ ވިދާޅުވީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ފަރާތްތަކަށް ދިމާވާ ތަފާތު ކަންތައްތައް ޙައްލުކުރުމަށް އެކަމުގެ މަޢުލޫމާތު އޮޅުންފިލުވުމަށް އެންމެ ފަސޭހަވާނީ އެފަދަ އަނެއް ބެލެނިވެރިޔާގެ ގާތުން ކަމަށެވެ.

އެގޮތުން އެކި ފަރާތްތަކުގެ ފޯރުންތެރިކަމާއި ހާލަތު ހުންނަގޮތުން އެފަދަ ކޮންމެ މީހަކީ ރާއްޖެއިން ބޭރަށް ގޮސް ނުވަތަ ރާއްޖެއިން ވިއަސް، ފަރުވާ ހޯދާ މީހަކަށް ނުވެދާނެކަން ފާހަގަ ކުރައްވަމުން އެކަމަނާ ވަނީ ފަރުވާ ހޯދަމުންދާ ފަރާތްތަކުން އެފަދަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ، ވެދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި ފާހަގަކުރައްވައިފައެވެ.

އޯޓިޒަމް އެސޯސިއޭޝަން ފަދަ ޖަމުޢިއްޔާއެއްގައި ތިބޭނީ އެފަދަ ފަރާތްތަކަށް އަޅާލައި، ރަނގަޅުގޮތްތައް ހޯދައިދޭން ބޭނުންވާ ފަރާތްތައް ކަމަށާއި، މުޖުތަމަޢުގެ އެހެން މީހުންނަށް މިކަމުގެ މަޢުލޫމާތު ފޯރުކޮށްދެއްވުމަށާއި، އެމީހުންގެ ޙައްޤުގައި ވަކާލާތުކުރުމަކީވެސް އެފަދަ ޖަމުޢިއްޔާއަކުން ކުރަން ލާޒިމްކަމެއްކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައިވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.