Last Updated: April 23, 15:56
Tuesday, April 23, 2024
ވިޔަފާރި

ބަރެސްދޫ ޕްރޮޖެކްޓުގައިވެސް ބޮޑެތި ޚިޔާނާތްތަކެއް!

ލ. ބަރެސްދޫ:

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ތެރެއިން ހިންގި ދެ ޕްރޮޖެކްޓަށް ނެގި ފައިސާއަށްވެސް ވީ ނުވީއެއް ނޭނގިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ އާ މެނޭޖުމަންޓުން މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވަނީ އެ ކުންފުނީގެ ތެރެއިން ހިންގި ޕްރޮޖެކްޓުތަކުގެ ތަފްޞީލް ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އެމްއައިޓީޑީސީގެ އާ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު ވިދާޅުވީ އެ ކުންފުނީގެ ފައިސާ ކުރީގެ މެނޭޖުމަންޓުން ހޭދަކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ކަމަށެވެ. އެމްއައިޓީޑީސީއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ކުންފުންޏެވެ. މި ކުންފުނިން މިހާތަނަށް ދެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވާއިރު އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ލ. ބަރެސްދޫ މަޝްރޫޢެވެ.

ބަރެސްދޫ މަޝްރޫޢަކީވެސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން 2014ވަނަ އަހަރުގެ ތެރޭގައި އިފްތިތާހް ކުރި މަޝްރޫޢެކެވެ. އެ މަޝްރޫޢު އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ އެމްއެމްޕީއާރްސީގެ ތެރެއިންނެވެ. އެ މަޝްރޫޢު އެމްއެމްޕީއާރްސީން ކުރިއަށް ގެންދިޔައިރު 19 ފަރާތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ބަރެސްދޫއިން ވަނީ ބިން ވިއްކާފައެވެ. ބިން ވިއްކައިގެން 34.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައެވެ. ރާއިދު ވިދާޅުވީ ބިން ވިއްކާފައިވަނީ ވެސް ދިވެހިރާއްޖޭގެ ހެދިފައިވާ ޤާނޫނުތަކާއި މުޅިން ޚިލާފަށް ކަމަށެވެ.

އެމްއައިޓީޑީސީ އުފެއްދުމަށްފަހު ސަރުކާރުން ވަނީ ބަރެސްދޫ މަޝްރޫޢު އެމްއެމްޕީއާރްސީން ނެގުމަށްފަހު އެމްއައިޓީޑީސީއަށް ދީފައެވެ. ރާއިދު ވިދާޅުވީ އެމްއައިޓީޑީސީން އެ މަޝްރޫޢާ ހަވާލުވުމަށްފަހު 19 ފަރާތަކަށް ބަރެސްދޫއިން ބިން ކުއްޔަށް ދީފައިވާ ކަމަށެވެ. އަދި ބިން ކުއްޔަށް ދީގެން 21 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ އެމްއެމްޕީއާރްސީން ބިން ވިއްކައިގެން ލިބުނު 34 މިލިއަނުގެ ތެރެއިން އެމްއައިޓީޑީސީއަށް ދީފައިވަނީ އެންމެ 14 މިލިއަން ކަމަށެވެ. ބާކީ ތިބި ފައިސާތަކަށް ވީނުވީއެއް ނޭނގޭ ކަމަށްވެސް ރާއިދު ވިދާޅުވިއެވެ. ރާއިދު ވިދާޅުވީ އެމްއައިޓީޑިސީން ހިންގި ޚިޔާނާތްތަކުގެ ސަބަބުން އެ ކުންފުނި މުޅިން ދަރަނިވެރިވެފައިވާ ކަމަށެވެ.