Last Updated: April 20, 18:39
Saturday, April 20, 2024
ޚަބަރު

7 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަނީ

ހަންކެޑެ ސަރަހައްދުން ގިރައިގެން ގޮސްފައި- ފޮޓޯ: އައްޑުލައިން ފައިލް ފޮޓޯ

ރާއްޖޭގެ 7 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިޢުލާންކޮށްފިއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ޑިޒައިންކޮށްދޭން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިޢުލާންކޮށްފައިވާ ރަށްތަކުގެ ތެރޭގައި ސ. މީދޫ، ސ. ހިތަދޫ، ތ. ބުރުނި، ތ. ވަންދޫ، މ. ކޮޅުފުށި، މ. މުލައް އަދި މ. ދިއްގަރު ހިމެނެއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި މިރަށްތަކުގެ ކޯސްޓަލް ޕްރޮޓެކްޝަން މަސައްކަތްކުރުމަށް ބޭނުންވާ މިހާރުގެ އެންވަޔަރަމަންޓްގެ ލިޓަރޭޗަރ ރިވިއު، އެންވަޔަރަމަންޓަލް، ބެތިމެޓްރިކަލް އަދި ހައިޑްރޮލޮޖިކަލް ސަރވޭ، މަސައްކަތާ ގުޅޭ ޑޭޓާ ނެގުން، ފީސިބިލިޓީ ސްޓަޑީ ހެދުން، ކޮންސެޕްޓް އިންޖިނިއަރިންގ ޑިޒައިން، ޑިޒައިން ރިޕޯޓް، ކުރެހުން ސެޓް، ބިލް އޮފް ކުއަންޓިޓީޒް، ސްޕެސިފިކޭޝަން އާއި އީ.އައި.އޭގެ މަސައްކަތްތައް ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ހިމެނޭ ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު ހުށަހަޅަން ވާނެކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓިންގ ކުންފުނިތަކުން ޓާރމްސް އޮފް ރިފަރެންސް ޓީ.އޯ.އާރްއާއި އެއްގޮތަށް ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށެވެ.

މި މަސައްކަތުގެ އީ.އޯ.އައި އިވެލުއޭޓްކުރުމުގައި ކޮންސަލްޓަންސީ ކުންފުނިން މަސައްކަތްކުރަމުން އައިސްފައިވާ މުއްދަތު ކޮންސަލްޓަންސީ ޓީމްގެ އެވެއިލަބިލިޓީ، ރިސޯސް އެވެއިލަބިލިޓީ، އަދި ކޮންސަލްޓަންސީ ކުންފުނީގެ ތަޖުރިބާއަށް ބަލާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި ކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެެވެ. މި މަސައްކަތަށް ޝައުއުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.