Last Updated: April 23, 14:49
Tuesday, April 23, 2024
ރިޕޯޓް

ކެމްފެއިން ފޯރިގަނޑު ނިމުމަކަށް!

ހިތަދޫ އުތުރު ދާއިރާ، ފޮޓޯ: އަޒީމް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގެ ކެމްޕެއިން ޖޯޝާއި ފޯރީގައި ކުރަމުން އަންނަ އިރު މާދަމާ ހަވީރު 6 ޖެހުމާއި އެކު ކެމްޕެއިން ކުރުމުގެ ވަގުތު ހަމަވާނެއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މަޖްލިސް އިންތިހާބުގެ ކެމްޕެއިން ފޯރި ގަދައެވެ. ކޯލިޝަނަކުން ވެރިކަމަށް އައިސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޖްލިސް އިންތިހާބަށް ނިކުތް އިރު މިވަނީ ކޯލިޝަން ގޮތަކަށް ރޫޅިފައެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް ނަޝީދުވެސް ކެނޑި ނޭޅި ވަގުތު ހޭދަކުރައްވަމުން ދަނީ މަޖްލިސް އިންތިހާބުގެ ކެމްޕެއިންގައެވެ. މި ކެމްޕެއިންގެ ބެނާތަކާއި ފޮތިތައް އަދި ދިދަ ފަތިތައް މަގު ހުރަހަށް ދަމާފައިވާ އިރު މަގު ފާރުތަކާއި ހުސް ބިންތަކުގައި ބޮޑެތި ބިލްބޯޑުތައް ވަނީ ޖަހާފައެވެ.

ކެމްޕެއިން ފޯރީގައި ކޮންމެ އިންތިޙާބެއްވެސް ނިމެނީ އެތައް ކަމެއް ހިނގުމަށްފަހުއެވެ. މިފަހަރުގެ އިންތިހާބު އެންމެ ތަފާތީ ކޯލިޝަނުން އިންތިހާބަށް ކެންޑިޑޭޓުން ނެރުމުންނެވެ.

ވެރިކަމަށް އައުމަށް އެމްޑީޕީ އާއި ޖުމްހުރީ ޕާޓީ އަދި އަދާލަތުގެ އިތުރުން ރައީސް މައުމޫންގެ މޯލްޑިވްސް ރީފޯމް މޫވްމަންޓުން ހެދި ކޯލިޝަނުން އެކުގައި މަޖްލިސްއަށް ނިކުމޭ ގޮތެއް ނުވިއެވެ. ދާއިރާ ބެހުމުގައި އެއްގަލަކަށް ނޭރުމުގެ ސަަބަބުން އެމްޑީޕީން 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް ނިކުންނަން ނިންމިއެވެ.

އެމްޑީޕީ ފިޔަވައި ދެން އެންމެ ބޮޑު ޕާޓީ ޖުމްހުރީ ޕާޓީން 41 ދާއިރާއަށް ނިކުންނަން ވަނީ ނިންމާފައެވެ. އަދި ޖޭޕީން ވަނީ ސަރުކާރާއި އެކު ކޯލިޝަންގައި އޮވެ މަޖްލިސްއޮ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނަށް ތާއިދު ކުރަން ނިންމުމުން އިންތިހާބުގެ ފޯރި ގަދަވެގެންދިޔައެވެ.

ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓުންވެސް ވަކި ވަކި ދާއިރާ ތަކަކަށް ކެންޑިޑޭޓުން ނެރެ ވަކިން ކެމްޕެއިން ފެއްޓިއެވެ. އެއާއި އެކު ސަރުކާރު ކެންޑިޑޭޓުން އޮޅި ފޯރި އިތުރުވިއެވެ.

މި އިންތިހާބު ތަފާތުވާ އަނެއް ސަބަބަކީ، އިދިކޮޅު ޕާޓީ، ޕީޕީއެމް އަދި ޕީއެންސީ ނުވަތަ ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ ބަޔަކު ޖޭޕީ ތެރެއަށް ވައްދާ މަޖިލީހުގެ އިންތިހާބަށް ނެރުމެވެ. އަދި އެމްޑީޕީގެ ޕްރިމަރީ ކާމިޔާބު ކުރި ބައެއް މީހުންގެ ތެރޭގައިވެސް ރައީސް ޔާމީނަށް ތާއީދު ކުރި ބައެއް މީހުން ތިބުން ފާހަގަ ކުރެެވެއެވެ.

މީގެ އިތުރުންވެސް މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ އަދަދު ވަރަށް ގިނައެވެ. މި ފަހަރު އަމިއްލަ ގޮތުން 167 މެމްބަރުން ވާދަ ކުރެއެވެ.

އިންތިހާބު ކާމިޔާބު ކުރާނީ ކޮން ބައެއް؟

ކެމްޕޭނުގެ ފޯރިއާއި ވޯޓުލާން ތިބި މީހުންގެ ރޫހަށް ބަލާ އިރު މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދަނީ އެމްޑީޕީންނެވެ. ސަބަބަކީ އެމްޑީޕީ ސަރުކާރުގެ މައި ޕާޓީގެ ގޮތުގައި އޮވެ މަޖްލިސްއަށް ވާދަ ކުރުމެވެ. މީގެ އިތުރުން ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިކުމެ ވަޑައިގެން ދާއިރާތަކަށް ގިނަ ކަންކަން ކޮށްދެއްވާނެކަމަށް ވައުދުވުމެވެ. އަދި އެއް ރޫހެއްގައި އެމްޑީޕީން އެކަތިގަޑަކަށް އޮވެ ކެމްޕެއިން ކުރުމެވެ.

އެޖެންޑާ 19 ގެ ނަމުގައި ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ލިޔެ ނިކުމެ ކެމްޕެއިން ކުރަނީ އެމްޑީޕީން އެކަންޏެވެ. އެމްޑީޕީން ވަނީ މަޖްލިސްގައި ކުރަން ނިންމާފައިވާ ކަންކަން އެ އެޖެންޑާގައި ހިމަނާފައެވެ. އެހެންކަމުން މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީން ގިނަ ގޮޑި ނަގާނެކަމަށް ގަބޫލް ކުރެވެއެވެ.

މި ފަހަރުގެ އިންތިހާބުގައި ޖުމްހުރީ ޕާޓީއަށް ގިނަ ގޮޑިތައް ކާމިޔާބު ނުކުރެވޭނެ ކަމަށް ގަބޫލް ކުރާ މީހުން ގިނައެވެ. ސަބަބަކީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އިންތިހާބަށް ރައީސް ޔާމީން އާއި އެކު ކޯލިޝަން ހެދުމުންނެވެ. އަދި މިހާރުވެސް މަޖްލިސްގެ ރައީސް ކަމުގައި ގާސިމް ހުންނަވައި، ޖޭޕީ އަދި ޕީޕީއެމް މަޖްލިސް ކޮންޓްރޯލް ނަގާފައި ވުމެެވެ.

ގާސިމް އިސްވެ ހުރެ ސަރުކާރުން މަޖްލިސްއަށް ހުށަހަޅާފައިވާ މުހިއްމު ބިލްތައް ހުއްޓުވާފައި އޮތުމުގެ ހިޔަނި ޖޭޕީ ކެންޑިޑޭޓުންނަށް ވަނީ އެޅިފައެވެ. އަދި އަބަދުވެސް ފަނޑިޔާރުންނާއި ގާސިމް ގުޅުން އޮންނަކަމަށް ދެކެވޭ ވާހަކަ ތަކާއި ގުޅިގެން ދާދި ފަހުން ހައި ކޯޓުން ނިންމި ދެ ނިންމުމުގެ އަސަރުވެސް ވަބީ ޖޭޕީ ކެންޑިޑޭޓުންނަށް ކޮށްފައެވެ.

މި ފަހަރުގެ އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަން މެމްބަރުންނަށް ވުރެ މިނިވަން ކެންޑިޑޭޓުންގެ ތާއިދު ބޮޑުކަމަށް ދަނީ ފެންނަމުންނެވެ. ބައެއް ދާއިރާ ތަކަށް އަމިއްލަ ގޮތުން ވާދަ ކުރާ ބައެއް ކެންޑިޑޭޓުންގެ ތާއިދު ޕާޓީ ތަކުގެ ކެންޑިޑޭޓުންނަށް ވުރެ ބޮޑެވެ. އެހެންވެ މިފަހަރު ގިނަ އަމިއްލަ ކެންޑިޑޭޓުން މަޖްލިސްއިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ވޯޓު ލުމަށް ޖުމްލަ 501 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންއިން ވަނީ ނިންމާފައެވެ. އެއީ ސިނާއީ ސަރަހައްދުތަކުގައި ބަހައްޓާ ހަތަރު ފޮށްޓާއި ރިސޯޓްތަކުގައި ބަހައްޓާ 33 ފޮށީގެ އިތުރުން ޖަލުގައި ބަހައްޓާ ފަސް ފޮށްޓާ އަދި ރާއްޖޭން ބޭރުގައި ބަހައްޓާ އަށް ފޮށްޓެވެ. މީގެ އިތުރުން އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި 307 ވޯޓުފޮށި އަދި މާލޭގައި 144 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައި ވެއެވެ.

އަންނަ މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރާ އިރު، ވޯޓު ލުމުގެ ހައްގު 264،589 މީހަކަށް ލިބިފައި ވެއެވެ.

މިއަހަރުގެ މަޖިލީސް އިންތިހާބަކީ ހުރިހާ ދާއިރާއަކަށްވެސް އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ އެއް އިންތިހާބެއެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންވެސް އެންމެ ގިނަ އެއް އިންތިހާބެވެ. މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނިސްބައިވާ ގޮތަކީ؛

އެމްޑީޕީ: 85 ކެންޑިޑޭޓުން

ޖޭޕީ: 41 ކެންޑިޑޭޓުން

އޭޕީ: 9 ކެންޑިޑޭޓުން

ޕީޕީއެމް: 24 ކެންޑިޑޭޓުން

ޕީއެންސީ: 22 ކެންޑިޑޭޓުން

ޑީއާރުޕީ: 5 ކެންޑިޑޭޓުން

އެމްޑީއޭ: 8 ކެންޑިޑޭޓުން

އެމްޓީޑީ: 8 ކެންޑިޑޭޓުން

އެމްއެލްއެސްޑީޕީ: 10 ކެންޑިޑޭޓުން

އަމިއްލަ: 174 ކެންޑިޑޭޓުންނެވެ.

އަންނަ ހޮނިހިރު ދުވަހަކީ ރައްޔިތުން ގޮތް ނިންމާނެ ދުވަހެވެ. އެމީހަކު ބޭނުންވާ ކެންޑިޑޭޓަކަކަށް ވޯޓްލާ ދުވަހެވެ. ވޯޓުން ނިމޭނީ ކޮންގޮތަކަށް ތޯ ބަލަން ކެންޑިޑޭޓުން ކެތްމަދު ވެފައިވާ އިރު ރައްޔިތުންވެސް ތިބީ އެ އިންތިޒާރުގައެވެ.