Last Updated: April 24, 23:11
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ނަވަތިރީސްވަނަބައި)

އާއިންގެ ހިތްވަރު ދިނުމުގެ ސަބަބުން ޝައުންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ ހިތުގައި އަދިވެސް ބިރުވެރިކަން ވެއެވެ. އެރޭގެ ހަނދާންވެފައި އޭނާގެ ގައިން ހީބިހިނެގިއެވެ. މީގެފަހުން އޭނާ އުޅެންޖެހޭނީ ނުހަނު ވިސްނައިގެންނެވެ. އަދްޔަން އެއައީ ކިހާބޮޑު ރޭވުމެއް ރާވައިގެންކަންވެސް ނޭނގެއެވެ.

އަދްޔަންއަށް މަސައްކަތްކުރަން ޖެހިފައިވަނީ އާއިންގެ ދަށުގައިކަމުން، އޭނާގެ ކޮންމެ ހަރަކާތަކަށް އާއިން ދިޔައީ ފާރަލަމުންނެވެ. ޚުދު އަދްޔަންއަށްވެސް އެކަން އެނގެއެވެ. އެހެންކަމުން އޭނާ އުޅެމުންދިޔައީ ވިސްނައިގެން ނުހަނު ރަނގަޅަށެވެ. އާއިން ޝަކުވާކޮށްފާނެފަދަ އެއްވެސް ކަމެއް އޭނާ ނުކުރެއެވެ. އާއިންގެ އިތުބާރު ހޯދުމަށް ކުރެވުނުހައި މަސައްކަތެއް އޭނާ ކުރެއެވެ. އާއިންއާއި ގުޅުން ބަދަހިކުރުމަށްވެސް އެކި އުކުޅުތައް އޭނާ ބޭނުންކުރަމުން ދިޔައެވެ. ނަމަވެސް އަދްޔަންއާ އެއްވެސް ގާތްކަމެއް އަދި އެކުވެރިކަމެއް ބާއްވާކަށް އާއިން ބޭނުމެއްނުވެއެވެ. އަދްޔަން ކިތަންމެ ރަނގަޅަށް އޮފީހުގެ ކަންކަން ކުރިނަމަވެސް އެއީވެސް އާއިންއަށް ފަސޭހައިން ބަލައިގަނެވޭ ކަމަކަށް ނުވެއެވެ. ނަމަވެސް އަދްޔަން އޭނާގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. އޭނާގެ އެކުވެރިކަމާއި ހީވާގިކަންފެނި އާޒިމްއާއި އަދިވެސް އޮފީހުގެ އެހެނިހެން މުއައްޒަފުންވެސް އޭނާއާ ގަޔާވިއެވެ.

" ސަރ ހިނގާ ކޮފީއަކަށްދާން….ވަރަށް ބަނޑުހައިވެއްޖެ…" ހުސްވަގުތެއް ލިބުމުން އަދްޔަން އެދުނެވެ.

" އަހަރެން ބަނޑުހައެއްނޫން….އަދްޔަންދޭ….އެހެންނޫނަސް މިތާވެސް ކޮފީބޮވެގެން ހުންނާނެ…." އެއިންގޮތަށް އިނދެ ރުންކުރު ކަމާއެކީ އާއިން ޖަވާބުދިނެވެ.

" މިއީ އަދި ހާދަގޮތްދޫނުކުރާ ފިރިހެނެކޭ…" އަދްޔަން ހިތާހިތާ ކިޔާލިއެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އޭނާ އާއިންގާތުގައި ކޮފީއަށް ދިއުމަށް ނޫނީ ނާސްތާކުރަން ދިއުމަށް އެދެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އާއިންގެ ފަރާތުން ޖަވާބުލިބެނީ އެފަދަ ގޮތަކަށެވެ. އާއިން ނުދާނެކަން އެނގުމުން އަދްޔަން އެކަނި ދިއުމަށް ނިންމިއެވެ.
ޝައުން އޭނާގެ މޭޒުގެ ދޮށުގައި ހެދުމެއް ޑިޒައިންކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅުނެވެ. ރައުހާވެސް އޭނާއަށް އެހީތެރިވުމުގައި އުޅެއެވެ.

" ރައު….މީގެ ފޮތިކޮޅެއް އަހަރެންނަކަށް ނުފެނުން…..ހުސްވީތަ؟…" ޝައުން އޭނާގެންގުޅު ސާމްޕަލް ފޮތިކޮޅެއް ދައްކާލަމުން އެހިއެވެ.

" ނޫނޭ….ގުދަނުގަ ހުންނާނެ…އަޅުގަނޑު އަންނާނަން ހިފައިގެން…." ފޮތިކޮޅަށް ބަލާލަމުން ރައުހާ ބުންޏެވެ.

" ރައުމަޑުކޮށްލާ އަހަރެން ހިނގައިދާނަން…" ރައުހާ މަޑުކުރުވަމުން ޝައުން ތެދުވިއެވެ. ފޮތިގުދަން ހުންނަނީ އިމާރާތުގެ އެންމެ ތިރީގައިކަމުން ތިރިޔަށް ދިއުމަށްޓަކައި އޭނާ ލިފްޓަށްއެރިއެވެ. ފޮތިކޮޅާއި ކުޅެލަކުޅެލާ ވިސްނުމެއްގައި ހުއްޓައި ކުއްލިއަކަށް ލިފްޓް ހުއްޓިއްޖެއެވެ. އާއިންމެންގެ ބަޔަށް ދޮރުހުޅުވުމާއެކު އެތެރެއަށް ވަތްމީހާ ފެނިފައި ޝައުން ކަންބޮޑުވިއެވެ.

" ހެލޯ ޝައުން…." އަދްޔަން ހިނިތުންވެލަމުން ވަރަށްގާތް ގޮތަކަށް ޝައުންއަށް ގޮވާލިއެވެ. ޝައުން ޖަވާބެއްނުދީ ދުރުބަލާލިއެވެ.
" މަށާ ފިލައިގެންތަ ތިއުޅެނީ ފެނިވެސް ނުލާ؟….އަދިވެސް އަހަރެންދެކެ ރުޅިންތަ ތިހުރީ؟" ޝައުންއާ ކުޑަކޮށް ގާތްވެލަމުން އަދްޔަން ބުނެލިއެވެ. އަދްޔަންގެ އެހަރަކާތުން ޝައުން ބިރުގަންނަގޮތްވިއެވެ. ފުރުސަތުގެ ބޭނުން ހިފައި އަދްޔަން އޭނާއަށް ކޮންމެފަދަ ކަމެއްވެސް ކޮންފާނެހެން ހީވުމުން އޭނާ ވީހާވެސް ބޮޑަކަށް އަދްޔަންއާ ދުރަށް ދިޔައެވެ. އޭނާ އެންމެ ކަންބޮޑުވީ ފޯނުވެސް ބާއްވާފައި އާދެވުމުންނެވެ. ނަމަވެސް ލިފްޓްގައި ކެމެރާހުރީތީ ކޮންމެވެސް ވަރަކަށް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ، ކެމެރާއަށް ބިރުންވެސް އަދްޔަން އޭނާއަށް ކަމެއްނުކޮށް ދޫކޮށްލަފާނެކަމުގެ އުއްމީދުގައެވެ.

" ޝައުން…ހާދަބިރެކޭ ތިގަންނަނީ….އަހަރެންހަމަ އެހާބިރުވެރިތަ؟….އަހަރެން ކިޔާވަރަކަށް ބުނެދޭނީ އެރޭއެގޮތަށް ކަންތައްކުރެވުނީމަ އަހަރެން ދެރަވާ ވާހަކަ….ކިހާވަރަކަށް އަހަރެން މަސައްކަތްކުރީ ޝައުންގެ ކިބައިން މާފަށްއެދެން….ޝައުންއަށްވެސް އެނގެއެއްނު އަހަރެންމީ ނުބައިމީހެއްނޫންކަން….އެރޭ އެގޮތަށް ކަންތައްވީ ޝައުންގެ ރީތިކަމުން އަހަރެންގެ ނަފްސު ކޮންޓްރޯލު ނުކުރެވިގެންނޭ….އަހަރެންބުނީ ހަމަ އެންމެ ކިސްއެއްދޭށޭދޯ….ޝައުން ރީތިކޮށް ކިސްއެއްދިންނަމަ އެހެންނުވީސް….އަނެއްކާ އަހަރެން ރުޅިއައީ އަހަރެން ދަންނަކަމަށްވެސް ޝައުން ނުހެދީމަ….ޝައުން އެކަން ހަނދާންނައްތާލާފަ އަހަރެންނަށް މާފުކޮށްދީބަލަ! އިންސާނުންނަށްދޯ ކުށްކުރެވޭނީ….ހައިސުކޫލުގަ އުޅުނުއިރު ތިމީހުންވެސް އަހަރެންނަށް ކިހާވަރެއްކުރިން….އެކަމު އަހަރެން މިހުރީނު އެހުރިހާކަމެއް ހަނދާންނައްތާލައިގެން…..އުމުރު ދުވަހު ރުޅިއައިސްގެން ހުއްޓަސް ވީކަމެއް ނުވާކަމަކަށް ނުވާނެދޯ…" އަދްޔަން ވަރަށް ހިތާމަވެރި ރާގެއްގައި ވާހަކަދެއްކުމުން ހިނދުކޮޅަކަށް ޝައުންގެ ހިތް އެވާހަކަތަކަށް ލެނބުނެވެ.
ނަމަވެސް ދެވަނަ ސިކުންތުގައި އޭނާއަށް އެރޭގެ ކުލަމަންޒަރު ސިފަވެ، އަދްޔަންގެ ވާހަކަތަކަކީވެސް ރޭވުމެއް ކަމުގައި އިހުސާސްވިއެވެ.

" ކީއްވެ އެއްޗެއް ނުބުނީ؟….ޝައުން ޕްލީޒް އަހަރެންނަށް މާފްކޮށްބަލަ!….އަހަރެން ހަމަ ހިތުގެ އަޑިންނޭ މިބުނަނީ…..އެރޭ އަހަރެންނަށްވެސް ހާދައަނިޔާއެއް ލިބުނޭ….ޝައުންއަށް އެކަން އިހުސާސްކުރެވޭތަ؟….ކުރިކުށަށް އަދަބު ލިބުނީމަވެސް މާފް ނުދޭނަންތަ؟…." އަދްޔަން އަނެއްކާވެސް ޝައުންގެ ގާތަށް ޖެހިލިއެވެ.

" ދުރުގަހުރޭ….އަހަރެންނާ ގާތްނުވާތި! " އަމުރުވެރިކަމާއެކު ޝައުން ބުނެލިއެވެ.

" އޯކޭ އޯކޭ…އަހަރެން މިހުރީ ދުރުގަ….ޝައުން ބޭނުން ހިސާބެއްގަ އަހަރެން ހުރެފާނަން…އެކަމު އަހަރެންނަށް މާފުކުރާނަންތަ؟…." އާދޭހުގެ ރާގަކަށް އަދްޔަން ބުންޏެވެ.

" އަހަރެން ގަބޫލުކުރަން ސުކޫލުގަ އުޅުނުއިރު އަދްޔަންއާމެދު ކަންތައްކުރެވުނީ ރަނގަޅަށްނޫންކަން….އެކަމު އޭގެ ބަދަލުހިފަން އަދްޔަން ފެނުނުގޮތަކީ އެއީތަ؟…އަހަރެންގެ އިތްފަތްފޭރިގަތީމަ ބަދަލުހިފުނީތަ؟ އަހަރެންދެކެ ލޯބިވާކަމަށް ރެޔާދުވާލު ބުނަމުން އައި މީހަކު އަހަރެންނާމެދު އެހާ ރަހުމުކުޑަކޮށް ކަންތައްކުރީމަ އަދިވެސް އަހަރެންވީ ހީލާފަ މާފްކޮށްފީމޭ ބުނަންތަ؟…ނުވާނެ އެކަމެއް…އަހަރެން ދުވަހަކުވެސް އަދްޔަންގެ އެކުށަށް މާފެއް ނުކުރާނަން….އަހަރެންނާ ދުރުގަހުރޭ…." ޝައުން ރުޅިއާއި ހިތާމައިގެ ތެރެއިން އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.

" ޝައުން…އަހަރެން އަދިވެސް ލޯބިވަމޭ ޝައުންދެކެ….ހަމަ އެންމެކުށަކަށްޓަކާ އަހަރެންދެކެ ރުޅިދާނެބަލަ…..އަހަރެން އިންތިޒާރުކުރާނަން ޝައުންގެ މާފުލިބޭނެ ދުވަހަކަށް…..އަހަރެން ސާބިތުކޮށްދޭނަން ޝައުންދެކެ ލޯބިވާކަމަށް…." ދެރަވެލާފައި އަދްޔަން ބުނެލިއެވެ.

ދެމީހުންގެ މެދުގައި އިތުރު ވާހަކައެއް ދެކެވުމުގެކުރިން ލިފްޓް އޭގެ މަންޒިލަށް ދަތުރުކޮށްފިއެވެ. އެއާއެކު ޝައުން އަވަސް އަވަހަށް ލިފްޓުން ފައިބައިގެން ހަލުވި ފިޔަވަޅުތަކެއްގައި ގުދަނާ ދިމާއަށް ހިނގައިގަތެވެ. އެމަންޒަރު ބަލަންހުރި އަދްޔަން ލޮލުގައި އަވިއައިނު އަޅާލަމުން ޕާކިންލޮޓްގައިވާ އޭނާގެ ސައިކަލާދިމާއަށް ހިނގައިގަތެވެ.
އޭގެފަހުންވެސް އެކި ދުވަސްމަތިން އަދްޔަން ޝައުންގެ ކިބައިން މާފަށް އެދުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ޝައުން އެއްވެސް ވަރަކަށް އޭނާގެ ވާހަކަތައް އަޑުއަހާކަށް ގަސްތެއްނުކުރިއެވެ.

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. އުޝާއާއެކު ޝައުން ދިޔައީ ގެކައިރީގައި އަލަށްހުޅުވި ޝޮޕިންމޯލެއް ބަލާލުމަށެވެ. އެއީ ތިންބުރިއަށްހުރި ވަރަށް ތަނަވަސް ޝޮޕިންމޯލެކެވެ. ތަފާތު ވައްތަރުގެ އަންނައުނު ވިއްކާތަނެކެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންގެ ސާމާނެވެ. އަންހެނުންނާއޮ ފިރިހެނުންގެ އެންމެފަހުގެ ބްރޭންޑްތަކުގެ ހެދުންތަކެވެ. ޝޮޕިން މޯލުގެ ތެރޭގައި މީހުން ގިނަކަމުން މަގުމަތީ ބާޒާރެކޭ އެއްގޮތެވެ.

" ދޮންބެދައްތާ މިވަރުން މިތަނަށް ވަދެވޭނެތަ؟…ހިނގާދާން….އެހެންފަހަރަކުން އަންނާނީ…" ޝައުން އެދުނެވެ.

" ނޫނޭ…މިއަދު ޚާއްސަ ޑިސްކައުންޓް ލިބޭ އެންމެ ފަހުދުވަހޭ…އެހެންވެ އެހާމީހުން ގިނައީ….ހުޅުވިފަހުން ހަފްތާއެއްވާންދެން ފަންސަވީސް ޕަސެންޓްގެ ޑިސްކައުންޓްލިބޭ….ބޭބީއަށް ބޭނުންވާ އެއްޗެހިގަންނަން މިތަނަށް އަންނާށޭ ދޮންބެގާތު ކިޔާތާ ތިންދުވަސްވީ…އާދެވުނުކަމަކަށްނުވި…." އުޝާ އޮޅުން ފިލުވައިދިނެވެ.

" ހާއި ޝައުން….ކޯއްޗެއް ގަނެލަނީ؟…" ކުއްލިއަކަށް އަދްޔަންގެ އަޑުއިވިފައި ޝައުން ބަލާލިއިރު ދާދިގާތުގައި އަދްޔަން ހެވިފައި ހުއްޓެވެ.
" ހައި މީ އަދްޔަން…ޝައުންގެ ރައްޓެއްސެއް….ތީ ޝައުންގެ ދައްތަތަ؟…" އުޝާއަށް ބަލާލަމުން އަދްޔަން އެހިއެވެ.
" ދޮންބެ ދައްތަ…" އުޝާ ހީލަމުން ޖަވާބުދިނެވެ.

" ކޮބާ ކަމުދާ އެއްޗެއް ފެނިއްޖެތަ؟…" އަދްޔަން އަނެއްކާވެސް އަހާލިއެވެ.

" އަދި މިއާދެވުނީ….އަދި ހުރިހާތަނެއް ބަލައެއް ނުލެވޭ…." އުޝާ ޖަވާބުދިނެވެ.

" ހިނގާ ބަލާލަމާ….އަހަރެންވެސް އެހީވެދޭނަން…" އަދްޔަން ވަރަށް ގަޔާވެފައި ބުންޏެވެ. އަދްޔަންގެ އަމަލުތައްހުރި ގޮތުން އުޝާ ހައިރާންވީނަމަވެސް އޭނާއަށް އަދްޔަން ކަމުދިޔައެވެ. ޝޮޕިންމޯލްގެ ހުރިހާ ބަޔަކަށްގޮސް ތަފާތު އެއްޗެހި އުޝާއަށް ދައްކައި އުޝާއަށް ކަމުދާހައި އެއްޗެއް ނަގައި ހެދިއެވެ. އަދްޔަންއާ އުޝާ ހީހީފައި ވާހަކަ ދައްކަމުން ދިޔައިރު، ޝައުން އެތެރެއެތެރޭން ރުޅިގަދަވެފައި ހުއްޓެވެ.

އުޝާ ބޭނުން ހުރިހާ އެއްޗެއް ހަމަވުމުން އަދްޔަން ބާސްކެޓްތައް ހިފައިގެން ގޮސް ކައުންޓަރު ކައިރިއަށް ހުއްޓި ކައުންޓަރުގައި އިން ކުއްޖާގެ ގާތުގައި ސިއްރު ސިއްރުން އެއްޗެއް ބުނެލިއެވެ. އުޝާވެސް ގޮސް އަދްޔަންގެ ގާތުގައި ހުއްޓިފައި އޭނާގެ ވިސާކާޑްނަގައި ކައުންޓަރގައި އިން ކުއްޖާގެ އަތަށްދިނެވެ. ފައިސާ ކެނޑުމަށްފަހު އަންހެންކުއްޖާ ރަސީދު ދިންވަގުތު އަދްޔަން އަވަސް އަވަހަށް ރަސީދުކޮޅު ދަމައިގެންފައި އޭނާގެ އަތުގައި ބޮނޑިކޮށްލިއެވެ.

" ކިހިނެއްވީ؟…އަހަރެން ޓޯޓަލް ބަލާލަންވެގެން…." އުޝާ ހައިރާންވެފައި ބުނެލިއެވެ.

" މާބޮޑު އެއްޗެއް ނާރައޭ….ހިނގާ އަހަރެން ގެންގޮސްދޭނަން…" ކޮތަޅުތަކުގައި ހިފަމުން އަދްޔަން އަވަސް އަވަހަށް ބުނެލިއެވެ.
" ނޫނޭ…އަހަރެމެން އެކަނި ހިނގައިދާނަން….ވަރަށްބޮޑަށް ޝުކުރިއްޔާ!…" އަދްޔަން އަތުގައިހުރި ކޮތަޅުތައް އަތުލަމުން ޝައުން ބުނެލިއެވެ. އަދްޔަން އިތުރު އެއްޗެއް ނުބުނެ ހިނިތުންވެލިއެވެ.

" ހާދަ މަޖާމީހެކޭ….ހީނުވޭ އަލަށްދިމާވި މީހެއްހެންވެސް….އޭނަ އުޅުނުގޮތުން ވަރަށް ހިނިއައި…" މަގުމައްޗަށް ނުކުމެފައި އުޝާބުނެލިއެވެ.

" އެއީ އޭނަގެ ވައްތަރު…މާރަނގަޅުވާންވެގެން އުޅޭމީހެއް…" ނުރުހިފައި ޝައުންއަށް ބުނެވުނެވެ.
" އައްދެ…އެއީ ޝައުން މާނުރުހޭ މީހަކީތަ؟…އޭނާބުނި ޝައުންގެ އެކުވެރިއެކޭ…އެކަމު މިހާރު ދޮންބެދައްތައަށް ހީވަނީ އެހެން އެއްޗެއް…" އުޝާ ހީލާފައި މާނަފުންގޮތަކަށް ބުނެލިއެވެ.

" ކޯއްޗެއް؟…" ޝައުން ހުއްޓިލާފައި އަހާލިއެވެ.

" އަހަންނަށް ހީވަނީ އޭނާ ޝައުންއާ ވަރަށް ގަޔާވާހެން….އެކަމު ޝައުން ތުންއޫކޮށްގެން ހުރިގޮތުން ތިދެމީހުންގެ މެދުގަ ކަމެއް ހިނގާފަހުރިހެން ހީވަނީ…" އުޝާ އޭނާއަށް ހީވާގޮތަށް ބުނެލިއެވެ.

" ދޮންބެދައްތާ ދެން އޭނާގެ ވާހަކަ ނުދައްކަބަލަ!….އަހަރެން ވަރަށް ފޫހިވޭ…އޭނަ އުޅުނުގޮތުން އަހަރެން ލަދުގަތީ…އެއޮއްގިނަ މީހުންގެ ތެރޭގަ އޭނާހީވަނީ އަހަރެމެންނަށް ބާރާޒާރުކޮށްދޭން އުޅުނުއިރު، އާއިލާމީހެއްހެން….އެހާ ދެއްކުންތެރިވާން ޖެހޭތަ…ނުލަފާމީހާގަނޑު…" ޝައުން ރުޅިއައިސްފައި ވާހަކަދެއްކި ގޮތުން އުޝާހުރީ ހައިރާންކަމެއްގެ ތެރޭގައެވެ.

" ކިހިނެއްތަވީ؟…އަސްލުވެސް އޭނާއާ ޝައުންގެ މެދުގަ ކަމެއް ހިނގީތަ؟…" ޝައްކުގެ ނަޒަރަކުން ބަލާލަމުން އުޝާ އަހާލިއެވެ.
" އެއީ މާކުރީގަ ސުކޫލުގަ އުޅުނުއިރު….އެކަމު ހަމަ ފޫހިވަނީ…" ޝައުން އޮޅުވާލިއެވެ.

" އެހެންތަ؟ އެކަމު އޭނާ އުޅުނުލެއް މަށަށް ވަރަށް މަޖާ….އަދި ބިލުކޮޅުވެސް އޭނަ އަތުލީމަ މަޖަލީ…އޭނ އަހަރެންގެ ފޯނަށް މެސެޖް އަންނާނެދޯ ކާޑުންކެނޑީމަ…އަޅެ ބަލާލަންވެއްޖެ ކިހާވަރެއްތޯ އެރީ…" އުޝާ އޭނާގެ ފޯނުނެގުމަށް އަވަސްވެގަތެވެ.
" އަޅޭ….ހާދަ ކުޑައެއްޗެކޭ އަރާފަ މިއޮތީ މިހުރިހާ އެއްޗެއްގަތީމަވެސް….ކިހިނެއްބާ އެވީ…އަނެއްކާ އޮޅުމަކުންބާ….މިހުރިހާ އެއްޗެއްގަތީމަވެސް އެންމެ ހަތްސަހޭތަރުފިޔާ މިއެރީ…އެކަމު ޔަޤީން މީގަ ދެހާހެއްހާ ރުފިޔާގެ އެއްޗެހި ހުންނާނެކަން…." އުޝާ ހައިރާންވެފައި ބުންޏެވެ.

" އެއީވެސް އޭނާގެ ކަމަކަށްވާނީ….އޮފީހަށް ގޮސްފަ އޭނާދިމާއަށް ބަވާލާނަން…އޭނާއަށް ހީވަނީތަ އަހަރެމެންގެ އަތުގަ ރުފިޔާނެތިގެން އުޅޭހެން..ހުއް މާރަނގަޅުވާންވެގެން.." ޝައުން ރުޅިއައިސްފައި ބުންޏެވެ.

" އޭނާ އުޅެނީވެސް އާންމެންގެ އޮފީހުގަތަ؟…" އުޝާ ހައިރާންވެފައި އަހާލިއެވެ.

" އާނ…އޭނާއަކީ ބޮޑު އުނދަގުލެއް ކަހަލަ މީހެއް….އެކަމު ދޮންބެގާތު އަދި ނުބުނާތި އޭނާގެ ވާހަކަ…" ޝައުން އެދުނެވެ.
" ދޮންބެއަށްވެސް އެނގޭމީހެއްތަ؟…" އަނެއްކާވެސް އުޝާ އަހާލިއެވެ.
" ދޮންބެދައްތާ ޕްލީޒް…ތިހާގިނަ ސުވާލު ނުކޮށްބަލަ!…." ޝައުން ނުރުހިފައި ބުނުމުން އުޝާ އިތުރު ސުވާލެއް ނުކުރިއެވެ.
*****
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަދްޔަން ތަފާތު ގޮތްގޮތުން ޝައުންއާ ގާތްވާން މަސައްކަތް ކުރަމުން ދިޔައެވެ. އޮފީހުގެ އެހެން މުއައްޒަފުންގެ ކުރިމަތީގައި އަދްޔަންއަކީ ނުހަނު ހިތްހެޔޮ އެންމެނާ ގުޅޭ ޒުވާނެއްކަމުގައިވެ އޭނާ މަޝްހޫރު ވެއްޖެއެވެ. އަދްޔަން ވިސްނުންތެރިކަމާއެކު އޭނާގެ މަޤްސަދު ހާސިލް ކުރަމުން ދިޔައެވެ. އެގޮތުން ޝައުންގެ އެސިސްޓެންޓް ރައުހާއާއިވެސް އޭނާގާތް ގުޅުމެއް އުފެއްދިއެވެ. ދެމީހުން އެކުގައި ކޮފީއަށް ދިއުމާއި ކާންދިއުންވެސް ގިނަވާން ފެށިއެވެ. އަދްޔަންގެ މަޤުސަދު ނޭނގިހުރެ ރައުހާ ދިޔައީ މަޑުމަޑުން އަދްޔަންއާ ގާތްވަމުންނެވެ. އޭނާގެ ހިތުގައި އަދްޔަންއަށްޓަކައި ޚާއްސަ ވިންދެއް ޖަހަންފެށީ ޚުދު އޭނާއަށްވެސް ނުއެނގި ހުއްޓައެވެ. ޚުދު އަދްޔަންއަށްވެސް އެކަން ސިއްރުވެފައެއްނެތެވެ. އޭނާ ބޭނުންވީވެސް ރައުހާ އޭނާގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ. ރައުހާއާއި އަދްޔަންގެ ދެމެދުގައި ބަދަހިވަމުން ދިޔަ ގުޅުން ޝައުންއަކަށް ސިއްރެއްނުވިއެވެ. އެހެންކަމުން އޭނާ ބޭނުންވީ ވަގުތު ފާއިތު ނުވަނީ އެކަމުން ރައުހާ ސަލާމަތްކުރުމަށެވެ.

" ރައު އަހަރެން ވާހަކައެއް ބުނަންތަ؟…ހަމަ އެކުވެރިއެއްގެ ހައިސިއްތުން ބުނާ އެއްޗެއް ކަމުގަ ހީކޮށްލާ!….އަދްޔަންއާ ދުރުހެލިވޭ…އޭނާއަކީ ރަނގަޅުމީހެއްނޫން….އަހަރެން ބޭނުމެއްނޫން އޭނާގެ ސަބަބުން ރައުއަށް ހިތާމައެއް ލިބޭކަން…." ޝައުން ރައުހާއަށް ވިސްނައިދިނުމަށް މަސައްކަތްކުރިއެވެ.

" އޭނާ ކިހިނެއް ގޯސްވާހަކައެއް މެމް ތިބުނަނީ؟…އަޅުގަނޑަކަށް ނުފެނޭ އޭނާގެ ކިބައިން ގޯސްކަމެއް….އޮފީހުގެ އެންމެންވެސް ދައްކަނީ އޭނާގެ ރަނގަޅު ވާހަކަ….ދެން ކީއްވެ މެމް ތިހެން ތިބުނަނީ….ސުކޫލުގަ އުޅުނުއިރު މެމްއާ ރައްޓެހިވާން އެހީމަތަ ތިހެން ތިބުނަނީ؟…" ރައުހާ ކޮށްލި ސުވާލުން ޝައުން ހައިރާންވިއެވެ.

" ރައުހާއަށް ކިހިނެއް އެނގުނީ؟…އަދްޔަން ބުނީތަ؟.." ޝައުން އަވަސް އަވަހަށް އަހާލިއެވެ.

" އާނ…އޭނަބުނި މެމްއާ އާއިންސަރ އާ ދެމީހުން އޭނައަށް ވަރަށް ބުލީކުރި ވާހަކަ…އޭނާބުނީ މެމްއަށް ލޯބިހުށަހެޅީމަ ރުޅިއައިސްގެންނޭ އަދިވެސް މެމް އޭނާއާ ދުރުން އުޅެނީ….އެހެން އެއްވެސް ސަބަބެއްނެތޭ….އޭނާއަށް ލިބިފަހުރި އަނިޔާތަކަށް ބަލާއިރު އޭނާދޯ އަސްލު ރުޅިއަންނަންވެސް ޖެހޭނީ….އެކަމު އޭނަބުނި އޭނާގެ ހިތުގަ އެކަހަލަ އެއްވެސް އެއްޗެއް ނެތޭ….އެހެންވީމަ މެމް ތިހެން ތިބުނަނީ އޭނާދެކެ ރުޅިއަންނާތީކަން އަޅުގަނޑަށް އެނގޭ….އެހެންނަމަވެސް އެއީ އަދްޔަންއާ އަޅުގަނޑު ދުރުން އުޅެންޖެހޭ ސަބަބެއްކަމަކަށް އަޅުގަނޑު ނުދެކެން…" ރައުހާ ވަރަށް ކެރިހުރެ ރައްދުދިންގޮތުން ޝައުންއަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނުނެވެ. އަދްޔަން އެވަނީ ރަހުއާގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލާފައެވެ. ދުރާލާ ރާވައިގެން އޭނާ އެދަނީ އެންމެންގެ ސިކުނޑިއާ ކުޅެމުންނެވެ. މިއަދު އޭނާ ކިތަންމެ ރަނގަޅު ވާހަކައެއް ބުނިނަމަވެސް ރައުހާއަށް އެކަން ގަބޫލުކުރާކަށް ފަސޭހައެއްނުވާނެއެވެ. ރައުހާދެއްކި ވާހަކަތަކާއި ދެކޮޅުހަދައި ރައްދުދެވެން އޭނާއަށް ނެތީތީއެވެ. ނަމަވެސް އަދްޔަން ރައުހާއަށް އެވާހަކަތައް ކިޔައިދިނުމުގެ ބޭނުމެއް އޭނާއަކަށް ނުވިސްނުނެވެ.

ނުނިމޭ