Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ވިއެޓްނާމް ފިހާރަތަކުން ޕްލާސްޓިކު ކޮތަޅުގެ ބަދަލުގައި ކެޔޮ ފަތް ބޭނުންކުރަނީ

މުޅި ދުނިޔެ ޕްލާސްޓިކާ ދުރަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ވިއެޓްނާމާއި ތައިލޭންޑުގެ ސުޕަމާކެޓުތަކުން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކެޔޮ ފަތް ބޭނުން ކުރަން ފަށައިފިއެވެ.

އެންމެ ފުރަތަމަ ފޭސްބުކުން ފެށުނު މިހަރަކާތް ވިއެޓްނާމާއި ތައިލޭންޑުގެ ބޮޑެތި ސުޕަމާކެޓުތަކުން ކޮޕީކުރަން ފަށާފައިވާއިރު އެމީހުން މިއަށް ކިޔަނީ "ގްރީން ޕެކޭޖިން" އެވެ. އެގޮތުން ތަރުކާރީ ފަދަ ބާވަތްތައް ޕްލާސްޓިކް ކޮތަޅަށް ލުމާއި ނުވަތަ ޕްލާސްޓިކުން އޮޅާލުމުގެ ބަދަލުގައި ކެޔޮ ފަތުން އޮޅާލާފައި އާންމުންނަށް ދިނުމަށް ތައްޔާރުކޮށްފައިވެއެވެ.

ޕްލާސްޓިކުން ކަނޑުގެ ދިރުމަށް ކުރާ ނޭދެވޭ އަސަރު އާންމުންގެ ސަމާލުކަމަށް ސޯޝަލް މީޑިޔާ އާއި އެހެނިހެން ޒަރީއަތް ތަކުން ވަރަށް އާންމުވެފައިވާއިރު ފިހާރަތަކުން ބުނެފައިވަނީ އެމީހުންގެ "ގްރީން ޕެކޭޖިން" އަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް ލިބެމުން އަންނަ ކަމަށެވެ.

ވިއެޓްނާމަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ހަތަރުވަނައަށް އެންމެ ގިނައިން ކަނޑަށް ޕްލާސްޓިކު އުކާލެވޭ ގައުމެވެ. ސައިންޓިސްޓުން އަންދާޒާ ކުރާ ގޮތުގައި މީގެ ތިރީސް އަހަރު ފަހުން ކަނޑުގައި މަސްމަހާމެއްސަށް ވުރެ ވެސް ގިނަވާނީ ޕްލާސްޓިކެވެ.

ބޮޑެތި ވިޔަފާރިތަކުން ޕްލާސްޓިކާ ދުރަށް ދިއުމަށް މަސައްކަތް ކުރާއިރު ތިމާވެއްޓާ ރަށްޓެހި މާއްދާތައް އުފެއްދުމުގައި ވެސް އުފެއްދުންތެރި ކުންފުނިތަކުން އަންނަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.