Last Updated: April 27, 06:22
Saturday, April 27, 2024
ސިއްހަތު

ދަރުމަވަންތަ ހޮސްޕިޓަލުން ބައެއް ޚިދުމަތް ދޭން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: މުހައްމަދު އަފްރާހް (ސަން)

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލުން ސިއްހީ ޚިދުމަތް ދޭން ފަށައިފި އެވެ.

25 ބުރިއަށް އިމާރާތްކޮށް ފައިވާ މި ހޮސްޕިޓަލުން ހިދްމަތް ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން އައިޖީއެމްއެޗުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓްގެ ޚިދުތަމް މިހާރު ދެނީ ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާއެކު، އައިޖީއެމްއެޗްގެ އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓްގެ ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލްގެ ދަށަށް ބަދަލުވާނެ އެވެ. ހަމަ އެއާއެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އާ އިމާރާތުގަ އެވެ. އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ވަނީ ހިނގާ މަގަކުން ގުޅުވާލާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި އެ ހޮސްޕިޓަލްގެ މަޝްރޫޢު ހަވާލުކުރީ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާއެވެ. ދެ އަހަރުގެ ތެރޭގައި ނިންމުމަށް 2016 ވަނަ އަހަރު ހަވާލުކުރެވުނު މި ހޮސްޕިޓަލް ހުޅުވުން ލަސްވީ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ހަވާލު ކުރި ކުންފުނިތަކަށް އެމަސައްކަތް ތާރީޚަށް ނުނިންމިގެންނެވެ. އާސަރުކާރުން ކުރިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އޭޕްރިލް މަހު ހުޅުވާއިރު ހަތަރު ފްލޯއެއްގައި ޚިދުމަތް ދޭނެ ކަމަށެވެ.