Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް ޝައުގުވެރިކަން އެބަހުރި: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ޝައުގުވެރިކަން ހުންނެވި ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްކަން ބޭނުން ނުވާކަން މީގެކުރިން ނަޝީދު ހާމަކުރައްވާފައިވާއިރު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަނޑައަޅަނީ ގްރޫޕްގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު ކަމަށާއި އެގޮތުން ޕީޖީ ލީޑަރު ކަމަށް ޝައުގުވެރިކަން ހުންނެވި ކަމަށެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން އެބަހުރި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑު ކުރަން" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގައި މިވަގުތު ހުންނެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ނަޝީދު ވަނީ އެ މެޖޯރިޓީގެ ބޭނުން ޒިންމާދާރު ގޮތެއްގައި ހިފާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަވާނީ އެކުވެރިކަމާއި ހުރިހާ މެމްބަރުންގެ ވެސް މަޝްވަރާޔާއެކު ކަމަށާއި އެއްވެސް މެމްބަރެއް ބާކީ ވެގެން ނުދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"އެއްވެސް މެމްބަރަކަށް އަޅުގަނޑުމެންގެ ވަގުތު ނުދެވިއެއް ވެސް ނުދާނެ. އެއްވެސް މެމްބަރަކަށް އަޅުގަނޑުމެންނާއި ބައްދަލުނުވެވި ވެސް ނުދާނެ. އެ ބޭފުޅުން އެ ބޭނުންވާ ދާއިރާއާ ގުޅޭ ކަންކަން ހަމަޖެހިގެންދާނެ" ނަޝީދު ވިދާޅުވިއެވެ.

އަދި މަޖިލިސް މެމްބަރުން މަސައްކަތް ކުރައްވާނީ ވަކި ދާއިރާއެއްގެ ތަރައްގީއަށް ނޫން ކަމަށާއި މެމްބަރު ކަމަށް އިންތިހާބުވުމުން ދެން މަސައްކަތް ކުރާނީ މުޅި ރާއްޖޭގެ ތަރައްގީ އަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.