Last Updated: April 20, 14:49
Saturday, April 20, 2024
ކުޅިވަރު

ހަޒާޑުގެ އެހީއާއެކު ޗެލްސީ ތިންވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ބެލްޖިއަމްގެ ހުނަރުވެރި ކުޅުންތެރިޔާ އެޑެން ހަޒާޑް ކާމިޔާބުކުރި ދެލަނޑާއެކު ޗެލްސީން އަމިއްލަ ދަނޑުގައި 2-0 އިން ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށް ލީގު ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.

މިނަތީޖާއާއެކު ޗެލްސީ އަށް މިހާތަނަށް ކުޅުނު 33 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާއެވެ. މި މެޗުން ބަލިވި ވެސްޓްހޭމް އޮތީ 42 ޕޮއިންޓާއެކު 11 ވަނައިގައެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމަށް 24 ވަނަ މިނެޓުގައި ލީޑްނަގައިދިނީ ހަޒާޑެވެ. މިއީ ވެސްޓްހޭމްގެ ތިން ކުޅުންތެރިން ކައިރިން ވަރަށް ރީއްޗަށް ނައްޓާލުމަށްފަހު ހަޒާޑް ކާމިޔާބުކުރި ގޯލެކެވެ. އޭގެ ދެ މިނެޓުފަހުން، ހަޒާޑު ތަނަވަސްކުރި ފުރުޞަތަކުން އެ ޓީމުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑީގައިޖެހިފައެވެ. މި ހާފު ނިމުނީ 1-0 އިން ޗެލްސީ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ވެސްޓްހޭމުން ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން، އެ ޓީމުގެ މެނުއެލް ލަންޒީނީ ފޮނުވާލި ބޯޅައެއް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލަގާ މަތަކުރިއިރު އާރޮން ކްރެސްވެލް އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، އެ ޓީމުގެ އޮސްޓްރިއާ ފޯވާޑް މާކޯ އާނައުޓޮވިޗް ބޮލުން ފޮނުވާލި ބޯޅަ ޗެލްސީގެ އެމަސަން ޕަލްމިއެރީ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ އެންމެފަހު މިނެޓުގައި، ޗެލްސީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑުޖަހައިދިނީވެސް ހަޒާޑެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ގޯލެވެ.

މި މުބާރާތުގައި ޗެލްސީ އަށް ދެން އޮތީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ރަށުންބޭރުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖޭގަޑިން 20:30 ގައެވެ.