Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އަސްލަމްއަކީ އާންމު ދިރިއުޅުމުގައިވެސް ނަޒާހާތްތެރި ބޭފުޅެއް: ނަޝީދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވުމަށް އެންމެ ތަޖުރިބާހުރި، އަދި އެންމެ ޤަބިލް ބޭފުޅަކީ އަސްލަމްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެންމެ ދޮށީ މެމްބަރަކަށް މިހާރު އެންމެ ތަޖުރިބާ ބޮޑު އެއް މެމްބަރަކަށް ހުންނެވީ އައްޑޫގެ އިއްޒަތްތެރި މެމްބަރުކަން ކުރައްވާ އަސްލަމްކަމަށާއި، މަޖިލީހުގެ އެކިއެކި އަޚްލާޣި މިންގަނޑުތަކާއި، މަޖިލީހުގެ އެކިއެކި އުސޫލްތައްވެސް އަސްލަމަށް ވަރަށް ބޮޑަށް ސާފުވެ ވަޑައިގަންނަވާނެކަމަށެވެ.

އަދި އާންމު ދިރިއުޅުމުގައިވެސް އަސްލަމްއަކީ ނަޒާހަތްތެރި ބޭފުޅެއްކަން ފާހަނގަކުރައްވައި ރައީސް ނަޝީިދު ވިދާޅުވީ އަސްލަމްވަނީ އެމެޑިޕީގެ ތެރެއިންވެސް މަޤުބޫލުކަމެއް ހޯއްދަވާފަ ކަމަށެވެ.

”އަޅުގަނޑު ކުރީ ރެއަކުވެސް އިޝާރާތްކުރިން އަޅުގަނޑުމެންގެ ތެރޭގައި އެންމެ ދޮށީ މެމްބަރަކަށް މިހާރު އެންމެ ތަޖުރިބާ ބޮޑު އެއް މެމްބަރަކަށް ހުންނެވީ އައްޑޫގެ އިއްޒަތްތެރި މެމްބަރުކަން ކުރައްވާ އަސްލަމް. އަސްލަމްގެ ތަޖްރިބާ އެބަހުރި، އަދި މަޖިލީހުގެ އެކިއެކި އަޚްލާގާއި މިންގަނޑުތަކާއި، މަޖިލީހުގެ އެކިއެކި އުސޫލްތައްވެސް އަސްލަމަށް ވަރަށް ބޮޑަށް ސާފުވެ ވަޑައިގަންނަވާނެ، ޤާނޫނު އަސާސީއަށްވެސް ފަރިތަވެވަޑައިގަންނަވާނެ. އަދި އާންމު ދިރިއުޅުމުގައިވެސް އެބެފުޅާކީ ނަޒާހަތްތެރި ބޭފުޅެއް. އަޅުގަނޑުމެންގެ ތެރޭގައި އަސްލަމްވަނީ މަޤުބޫލުކަމެއް ހޯއްދަވާފަ."

ރައީސް ނަޝީދު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވުމަށް ރައީސް ނަޝީދު އަސްލަމްގެ ނަން ހުށަހަޅާފަވީކަމުގަވިޔަސް، މިކަން ނިންމެވުމަށް އެމްޑިޕީގެ ޕާލަމަންޓަރީ ގުރޫޕުގެ ހުރިހާ ބޭފުޅުންގެ މަޝްވަރާ ކުރެވިގެންދާނެކަމަށާއި، އެކަނި ނަޝީދުގެ ޚިޔާލަކަށް މިފަދަ ކަންކަމެއް ނުނިންމަވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމާއި ގުޅެގޮތުން އެމްޑިޕީގެ ޕާލަމަންޓަރީއާއި މަޝްވަރާކޮށް، ހުރިހާ ބޭފުޅުންވެސް އެއްބަސްވާނެ ގޮތަކައް އެންމެ ފަހުގެ ނިންމެވުން ނިންމާނެކަށް ނަޝީދު ވިދާޅުވިއެވެ.

"މި ނިންމުން ނިންމަވަންޖެހޭނީ އެމްޑިޕީގެ ޕާރލަމެންޓަރީ ގުރޫޕުން ހުރިހާ ބޭފުޅުންގެ މަޝްވަރާއާއިއެކީގަ. އަޅުގަނޑުގެ ޚިޔާލަކަށް އެކަންޏެއް މިފަދަ ކަންކަމެއް ދެމިގެނެއް ނުދާނެ. އަދި މިކަމާއި ގުޅެގޮތުން އެމްޑިޕީގެ ޕާރލަމެންޓަރީއިން މަޝްވަރާކޮށް، ހުރިހާ ބޭފުޅުންވެސް އެއްބަސްވާނެ ގޮތަކައް މިކަމާއި ގުޅޭ އެންމެ ފަހުގެ ނިންމެވުމެއް ނިންމޭނެ"

ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރަށް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސްކަން ކުރެއްވުމަށް އެއްވެސް ވަރަކަށް ޝައުގުވެރިކަންނެތް ކަމަށާއި، މަޖިލީހަށް އިންތިހާބްވެ ވަޑައިގަތީ މަޖިލީހުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެކަން ކުރެވޭނީ މަޖިލީހުގެ ތަޅުމުގެ ކުރަންޖެހޭ މަސައްކަތް ކޮށްގެން ކަމަށެވެ.

"މަޖިލީހުގެ މަސައްކަތަކީ މަޖިލީހުގެ ރައީސް ކުރައްވާ ކަމެ ނޫން. މަޖިލީހުގެ ރައީސް ކުރައްވާ ކަމަކީ މަޖިލީސް ހިންގުން. މަޖިލީހުގެ މަސައްކަތްކުރާ ބަޔަކީ މަޖިލީހުގެ މެމްބަރުން. އަޅުގަނޑު މަޖިލީހަށް އިންތިހާބްމިވީ މަޖިލީހުގެ މަސައްކަތް ކުރަން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން މަޖިލީހުގެ ތަޅުމުގެ ކުރަންޖެހޭ މަސައްކަތް ކުރުން. އަޅުގަނޑުދެކޭ ގޮތުގައި އެޖެންޑާ 19ގެ މަސައްކަތްތައް ކާމިޔާބަކަށް ހެދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭނީ މަޖިލީހުގެ ތަޅުމުގަ. ދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އެހެން ބޭފުޅަކު ވަޑައިގަންނަވަންޖެހޭ."

ރައީސް ނަޝީދު ވިދާޅުވިއެވެ.