Last Updated: April 26, 23:59
Saturday, April 27, 2024
ކުޅިވަރު

ފުރަތަމަ ލެގުން ޓޮޓެންހަމް އަތުން ސިޓީ ބަލިވެއްޖެ

ޓޮޓެންހަމްގެ ގޯލު ކާމިޔާބުކޮށްދިން ސޮން

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޓޮޓެންހަމް އަތުން 1-0 އިން މެންޗެސްޓަރ ސިޓީ ބަލިވެއްޖެއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި ލީޑުނަގަން ސިޓީ އަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. މި ޕެނަލްޓީ ސިޓީ އަށް ލިބުނީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ރޯސްގެ އަތުގައި ބޯޅަ ޖެހުމުން ކަމަށްވާއިރު، އަގުއެރޯ ފޮނުވާލި އެ ޕެނަލްޓީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ.

މި ފުރުސަތަށްފަހު ސިޓީ އަށް މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައި ނުވާއިރު ޓޮޓެންހަމް އަށް މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ހެރީ ކޭން އަށެވެ. ނަމަވެސް ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ކޭން ފޮނުވާލި އެ ހަމަލާ ސިޓީގެ ކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ޓޮޓެންހަމުން ދިޔައީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސިޓީގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓްގައި ސޮން ވަނީ ޓޮޓެންހަމް އަށް މެޗުގެ ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ވާތުފައިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ ފަހު 10 މިނެޓްތެރޭ ނަތީޖާ އެއްވަރުކުރަން ސިޓީން މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

ސިޓީގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެރެއެވެ.