Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތަޢުލީމަށް: ރައީސް

ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް ދިނީ ތައުލީމީ ދާއިރާއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވެވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމު ތަރައްގީކުރެވެން އޮތީ، ތައުލީމަށް އިންވެސްޓްކޮށްގެން ކަމަށްވާތީ ކަމުގައެވެ. އަދި މިއީ މި ރާއްޖޭގެ ތާރީހުގައި ވެސް، ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތައުލީމަށް ހާއްސަކުރި ފުރަތަމަ ފަހަރުކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ގަބޫލުކުރާ ފަލްސަފާއަކީ، ހަގީގީ ތަރައްގީއަކީ އިންސާނާގެ ނަފްސަށާއި، އޭނާގެ ޒާތަށް ގެނެވޭ ތަރައްގީން ހާސިލް ކުރެވޭނެ އެއްޗެއްކަމުގައި ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތީގެ ތެރެއިން ކޮންމެ ދަރިވަރަކީ، މި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނޭ ބައިވެރިއެއް. ތިޔަ ދަރިވަރުން ތައުލީމް ހާސިލް ކުރުމަށް ހޭދަކުރި ކޮންމެ ފައިސާ ފޮއްޗަކީ، އަދި ހޭދަކުރި ކޮންމެ ހިނދުކޮޅަކީ، މި ގައުމުގެ ކުރިމަގުގެ ތަރައްގީއަށް ތިޔަ ދަރިވަރުން ކުރި، ވަރަށް އަގު ބޮޑު އިންވެސްޓެއް" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ދޭންކަމަށާއި، ރައްޔިތުންނަށްޓަކައި ކޮށްދޭ ހެޔޮ ވެރިކަމެއްގައި، މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ހިލޭ އޮންނަންވާނެ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވޭކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތައުލީމު ހޯދުމަށްޓަކައި ދިވެހި ޒުވާނުން ދަރަނިވެރިކުރުމަކީ، އޯގާތެރި ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމުގައެވެ. މި ސަބަބުތަކަށްޓަކައި، ސަރުކާރުން މިހާރު ވާނީ، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ހާސިލް ކުރެވޭނެ މަގު ފަހިކޮށްދީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިނެއް އިންސައްތައަށް ކުޑަކޮށް، އަދި ލޯނު ދައްކަންޖެހޭ މުއްދަތު ވެސް 25 އިންސައްތަ އިތުރުކޮށްދީފައި ކަމުގައި ރައީސް ވިދާޅުވިއެވެ.

"މިއަދު ތިޔަ ދަރިވަރުން ތި ހާސިިލް ކުރި އިލްމަކީ، ތިޔަ ދަރިވަރުންގެ ދިރިއުޅުމުގެ ބިންގާ. އެ ބިންގަލުގެ މަތީގައި ދިރިއުޅުން ބިނާކުރަންވާނީ، ނަޒާހަތްތެރިކަމާއި އަބުރުވެރިކަމުގެ މަތީގައި. އިޖްތިމާއީ ގުޅުންތައް ބަދަހިކުރަންވާނީ، ރިވެތި ބަސްމަގުން ކުރެވޭ މުއާމަލާތްތަކާއި، ހިތްހެޔޮކަމާއި އެކުވެރިކަމާ އެކުގައި. އަދުލުވެރި، ތެދުވެރި އަމާނާތްތެރީން ކަމުގައިވުމަކީ، ތިޔަ ދަރިވަރުންގެ ފަހުރެއް ކަމުގައި ހަދަންވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ އިސް އެއް އަމާޒަކީ، ތައުލީމް ހާސިލްކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ޒުވާނަކަށް ހެދުމެވެ. އަދި އެއީ ރާއްޖޭގެ އިޖްތިމާއީ ފޭރާން ހެޔޮ ކުރުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

30 ބިލިއަން ރުފިޔާގެ ބަޖެޓެއް މިސަރުކާރުން ފާސްކޮށްފައިވާ އިރު ތައުލީމީ ދާއިރާ އަށް ވަނީ ތިން ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.