Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޕީޕީއެމް ހޯދައިދޭނެކަމަށް ރައީސް ވީ ވަޢުދު ނުފުއްދަވާ: މައުމޫން

ޕީޕީއެމްގެ ކުުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްއަށް އަބުރާ ޕީޕީއެމް ދެއްވާނެ ކަމަށް ވިދާޅުވެ ވީ ވައުދު ނުފުއްދަވާތީ މައުމޫން ނުރުހުން ފާޅުކުރައްވައިފިއެވެ.

އެމްއާރައެމްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއެކު ރޭ ރައީސް މައުމޫން ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވިދާޅުވީ ޕީޕީއެމް މިހާރު ހިންގަނީ ހައްގު ނޫން ބައެއް ކަމަށާއި ހިންގުން ހަވާލުކުރީ އަސާސީ ގަވައިދުން ތަންދޭ ބަޔަކަށް ނޫން ކަމަށެވެ.

"ވޭތުވެދިޔަ އިންތިހާބުގަ އަޅުގަނޑުމެން އެންމެންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިންގައި ވެވަޑައިގެންނެވި ވަޢުދު އަޅުގަނޑުމެންނަށް ވެސް ވައުދުތަކެއްވެވަޑައިގެންނެވި ޕީޕީއެމް އޭގެ ހައްގުވެރި ފަރާތްތަކަށް ރައްދުކޮށް ދެއްވާނެ ކަމުގެ، އާދެ އެ ވައުދު އަދި ވަނީ ނުފުދި، އަޅުގަނޑު އެދެނީ އެ ވައުދު ވެސް ލަސްތަކެއް ނުވެ ފުދިގެން ދިޔުމަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ، ބޭނުންވާ ގޮތަށް ކަންތައް ނުދިޔަ ކަމުގައި ވިނަމަވެސް ހިތްވަރު އެލުވާލައިގެން ތިބެވެން ނެތް ކަމަށެވެ. އަދި ސިޔާސީ މައިދާނަކީ ވަކި ކަމެއްވީމަ ހުއްޓާލައިގެން ތިބެންޖެހޭ މައިދާނެއް ނޫން ކަމަށާއި، ބަލީގެ މަތިން ހަނދާން ނައްތާލައި އާ ހިތްވަރާއި އަޒުމާއެކު ކުރިއަށް ދާން ޖެހޭނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

އެމްއާރްއެމްއަށް މެންބަރުން ހަމަކުރަން ފެށިތާ މިހާރު ގިނަ ދުވަސްތަކެއް ވެފައި ވިނަމަވެސް، އަދިވެސް 3،000 މެންބަރުން ހަމައެއް ނުވެއެވެ.