Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

އަޔެކްސްއާ ދެކޮޅަށް ރޮނާލްޑޯ ކުޅޭނެ: އެލެގްރީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމްއާ ދެކޮޅަށް އިޓަލީގެ ޔުވެންޓަސް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފިޓްވެއްޖެކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

ރޮނާލްޑޯގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ މިދިޔަ މާރިޗް މަހުގެ 26 ވަނަ ދުވަހު ކުޅެވުނު 2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ޕޯޗުގަލްއާ ސާބިއާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައެވެ.

އަޔެކްސްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް ރޮނާލްޑޯ ފިޓްވިނަމަވެސް ޔުވެންޓަސްގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އާއި ޖަރުމަންގެ މިޑްފީލްޑަރު އެމްރޭ ޗޭން އަށް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. އެހެންނަމަވެސް، ލީގުގައި އެންމެފަހުން ކުޅުނު ހަތަރު މެޗު އަނިޔާގެ ސަބަބުން ނުކުޅެވުނު ޑަގްލަސް ކޮސްޓާ އެނބުރި ޓީމާއި ގުޅިފައިވާތީވެ ހިތްހަމަޖެހުން ލިބިފައިވާކަމަށް އެލެގްރީ ބުންޏެވެ.

"ރޮނާލްޑޯ މިވަނީ ޓީމުގެ އެންމެފަހުން ބޭއްވުނު ފަރިތަކުރުންތަކުގައި ފުރިހަމައަށް ބައިވެރިވެފައި. މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅޭނެ." މެޗުގެ ކުރީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެލެގްރީ ބުންޏެވެ.

"ޑަގްލަސް ކޮސްޓާ މިވަނީ އަނިޔާއިން އެނބުރިއައިސް ޓީމާއި ގުޅިފައި. ޑިބާލާ ވެސް މިވަނީ އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގައި ވަރަށް ރަނގަޅަށް ބައިވެރިވެފައި. ކިއެލީނީ އާއި އެމްރޭ ޗޭން ނެތުމަކީ ލިބުނު ދެރައެއް، ނަމަވެސް ކިއެލީނީގެ ބަދަލުގައި މިރޭ ކުޅޭނީ ރުގާނީ. މިއީ އޭނާއަށް ލިބޭނެ ވަރަށް މުހިއްމު ފުރުޞަތެއް."

ރޮނާލްޑޯ ނެތި ޔުވެންޓަސް ކުޅުނު ހަތަރު މެޗުގެތެރެއިން ތިން މެޗުން އެ ޓީމު މޮޅުވެފައިވާއިރު އެއްމެޗުން ވަނީ ބަލިވެފައެވެ. މި ސީޒަނަށް އެ ޓީމަށް ބަދަލުވެ ރޮނާލްޑޯ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުގައި 19 ގޯލް ކާމިޔާބުކޮށް، އިތުރު 8 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން، ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ މިހާތަނަށް ކުޅުނު ހަތް މެޗުގައި ހަތަރު ގޯލް ކާމިޔާބުކޮށްފައެވެ. އެގޮތުން، އޭނާ ވަނީ ދެވަނަ ބުރުގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗުގައި ހެޓްރިކް ހަދާފައެވެ.

ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަ އަޔެކްސް ޓީމުން އަންނަނީ ޒުވާން ކުޅުންތެރިންނާއެކު މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން، އެ ޓީމުން ވަނީ ދެވަނަ ބުރުގައި ގަދަފަދަ ރެއާލް މެޑްރިޑް އަތުން ރަށުން ބޭރުގައި 4-1 އިން މޮޅުވެ 5-3 ގެ އެގްރިގޭޓުން ކުރިހޯދައި އެ ޓީމު ކަޓުވާލައިފައެވެ. އަޔެކްސްގެ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގައެވެ.