Last Updated: April 23, 23:56
Tuesday, April 23, 2024
މުނިފޫހިފިލުވުން

ޑިޒްނީގެ ސްޓްރީމިންގ ސާވިސްގެ ތެރެއިން "ހޯކްއައި" ގެ ސްޕިންއޮފް ސީރީޒްއެއް ގެނެސްދެނީ

މި އަހަރުގެ ފަހުކޮޅުގައި، ޑިޒްނީން ސްޓްރީމިންގ ހިދުމަތްދޭން ފެށުމަށް ތައްޔާރުވެފައިވާއިރު މާވެލްގެ ކެރެކްޓާއެއް ކަމަށްވާ ހޯކްއައިގެ މައްޗަށް ބިނާކޮށް އާ ސްޕިންއޮފް ސީރީޒްއެއް ނެރޭނެކަމަށް ވަނީ އިއުލާންކޮށްފައެވެ.

ޑިޒްނީ ޕްލަސްގެ އެޑްވެންޗަރ މި ސީރީޒްގައި ހޯކްއައިގެ ކެރެކްޓާ އިން ފެނިގެންދާނީ، މާވެލްގެ ފިލްމުތަކުގައި މިހާރުވެސް ކްލިންޓް ބާޓަންގެ ރޯލް އަދާކުރަމުން އަންނަ ޖެރެމީ ރެނާ އެވެ. އޭނާގެ އިތުރުން، ދެން ފެނިގެންދާނީ މާވެލް ކޮމިކްސްގެ ކެރެކްޓާއެއް ކަމަށްވާ ކޭޓް ބިޝޮޕް އެވެ. ކޭޓް އަކީ ކްލިންޓް އަށް ފަހު ހޯކްއައިގެ ރޯލު ދެން އަދާކުރާނެ ފަރާތެވެ.

ޑިޒްނީން، ހޯކްއައިގެ އިތުރުން މާވެލް ސިނަމެޓިކް ޔުނިވާސްގެ އެކި ކެރެކްޓާތަކާއެކު ގިނަ ސީރީޒްތަކެއް ހެދުމުގެ މަސައްކަތްދަނީ ކުރިއަށެވެ. އެގޮތުން، ފެލްކަން އާއި ވިންޓަރ ސޯލްޖާ އަދި ލޯކީގެ އިތުރުން ސްކާލެޓް ވިޗް އަދި ވިޝަން ކެރެކްޓާގެ މައްޗަށް ސީރީޒް ތައްޔާރުކުރުމަށް ހަމަޖެހިފައިވާކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.

ހޯކްއައިގެ ކެރެކްޓާ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެނިގެންދާނީ، މި މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މާވެލްގެ ފިލްމު އެވެންޖާޒް: އެންޑްގޭމް އިންނެވެ.