Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ހަތް އަހަރަށްފަހު ޖޫލިއަން އަސާންޖު ހައްޔަރުކޮށްފި

ސިއްރު އެތައް ލިޔެކިޔުންތަކެއް ލީކް ކޮށްލާފައިވާ ވިކިލީކްސް ވެބްސައިޓްގެ ކޯ ފައުންޑާ ޖޫލިއަން އަސާންޖް ހައްޔަރުކޮށްފިއެވެ.

އުމުރުން 47 އަހަރުގެ އަސާންޖު ހައްޔަރުކޮށްފައިވަނީ އިނގިރޭސި ވިލާތުގައި ހުންނަ އިކުއެޑޯގެ އެންބަސީގެ ހިމާޔަތް ހޯދައިގެން ހުންނަތާ ހަތް އަހަރު ފަހުންނެވެ.

އިނގިރޭސިވިލާތުގެ ފުލުހުން އިކުއެޑޯގެ އެމްބަސީގެ ތެރެއަށް ވަދެ އަސާންޖު ހައްޔަރުކުރީ އިކުއެޑޯ ސަރުކާރުން އޭނާއަށް ދީފައިވާ ސިޔާސީ ހިމާޔަތް ގެންދިޔުމާ ގުޅިގެންނެވެ. އަސާންޖަށް ދީފައިވާ ސިޔާސީ ހިމާޔަތް އަނބުރާ ގެންދަން ނިންމީ ބައިނަލްއަގްވާމީ އެތަށް މުއާހަދާތަކާއި ތަފާތު އެކި ފަހަރުމަތިން އަސާންޖު ހިލާފުވެފައިވާތީ ކަމަށް އިކުއެޑޯގެ ރައީސް ލެނިން މޮރޭނޯ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އިނގިރޭސި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަސާންޖް ހައްޔަރުކުރީ ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓުން 2012 ވަނަ އަހަރު ކޯޓަށް ހާޒިރުވާން އޭނާ މައްޗަށް ނެރެފައިވާ އަމުރަށް އޭނާ ތަބާވެފައިނުވާތީ ކަމަށާއި ވީ އެންމެ އަވަހަކަށް އޭނާ އެ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިވަގުތު އަސާންޖު ބަހައްޓާފައި ހުރީ ލަންޑަންގެ ޕޮލިސް ސްޓޭޝަނެއްގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަސާންޖު މިއަދު ހައްޔަރުކޮށްފައިވާއިރު އެމެރިކާގެ ސިއްރު ގިނަ ލިޔެކިޔުންތަކެއް ލީކުކޮށްލި މައްސަލާގައި ސުވާލުކުރުމަށް އޭނާ އެގައުމަށް ފޮނުވާލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.