އަދްޔަންގެ ސަބަބުން ރައުހާގެ ވިސްނުން ބަދަލުވެފައިވީތީ ޝައުން ނުހަނު ކަންބޮޑުވިއެވެ. ރައުހާ އެހައި ފަސޭހައިން އަދްޔަންގެ މަޅީގައި ޖެހުނީތީ ހައިރާންވެސް ވިއެވެ. އެފަދަ ރަނގަޅު ކުއްޖަކު އަދްޔަންފަދަ މީހެއްގެ ސަބަބުން ހަލާކުވެ ދިއުމަކަށް އޭނާ ނޭދެއެވެ. އެހެންނަމަވެސް އެކަން ހުއްޓުވުމަށް އޭނާއަށް ކުރެވޭނެ މާބޮޑުކަމެއްވެސް ނެތެވެ. ރައުހާގެ ދުލުން އަދްޔަންއަށް ކުރެވޭ ތަޢުރީފުތައް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. މިހާރަކަށް އައިސް ރައުހާ ހުންނަނީވެސް ވަރަށް އުފަލުންނެވެ. އަދި ގިނަ ވަގުތު ފޯނުންވެސް މީހަކާ ވާހަކަދައްކާ މެސެޖްކޮށް ހަދާތަން ފެނެއެވެ. އޭނާ ވާހަކަދައްކަނީ އަދްޔަންއާ ކަމުގައި ޝައުންގެ ހިތްބުނެއެވެ.
" މޭމް…މިއަދު ތަންކޮޅެއް އަވަހަށް ގެޔަށް ދެވިދާނެތަ؟….ކުޑަކަމެއް އޮވެގެން…" އެއްދުވަހަކު ޝައުންގެ ކިބައިން ރައުހާ އެދުނެވެ.
" ކިހިނެއްވީ؟…މާބޮޑުކަމެއް ދިމާވީތަ؟…." ޝައުން ކަންބޮޑުވެފައި އަހާލިއެވެ.
" އާނ..އެކަމު އެއީ އަޅުގަނޑުގެ ޒާތީކަމެއްވީމަ ބުނެވޭކަށް ނެތް…ސޮރީ…" ރައުހާ ބުނެލިއެވެ.
" އެންމެ ރަނގަޅު….ދޭ…ކަމެއް ބޭނުން ވިއްޔާ ބުނެލައްޗޭ…" ރައުހާ ދިއުމަށް ހުއްދަދެމުން ޝައުން އެދުނެވެ.
" ތެންކިޔޫ މެމް…" ރައުހާ އުފާވެފައި ޝުކުރު އަދާކުރަމުން ދިއުމަށް އަވަސްވެގަތެވެ. ރައުހާއަކީ މީގެކުރިން އޮފީހުގެ ރަސްމީގަޑި ނުނިމެނީސް ގެޔަށްދާ ކުއްޖަކަށް ނުވީތީ، މިއަދު އެގޮތަށް ކަންތައްކުރުމުން ޝައުންގެ ހިތުގައި ސުވާލު އުފެދުނެވެ.
ރޭގަނޑުގެ ވަގުތެވެ. ރައުހާ ވަރުގެކޮޅަށް ނަލަހެދިގެން ގެއިން ނުކުތީ އަދްޔަންއާ ބައްދަލުކުރުމަށެވެ. މިއަދު އޮފީހުގައި ހުއްޓައި އަދްޔަން މެސެޖްކޮށްފައި މިރޭގެ ކެއުމަށް ދައުވަތު ދިނުމުން އޭނާގެ ހިތް އުފަލުން ނަށައިގަތެވެ. އޭނާ ގެޔަށް އައުމަށް އަވަސްވެގަތީ މިރޭ ލާނެ ހެދުމަކާއި ބޫޓާއި އެހެނިހެން ސާމާނު ގަތުމަށެވެ. އޭނާ ބޭނުންވަނީ މިރޭ އަދްޔަންގެ ހިތް އޭނާގެ މައްޗަށް މުޅީން ލަންބުވާލުމަށެވެ. އޭނާގެ ރީތިކަމުގައި އަދްޔަންގެ ހިތް ފިދާވުމަށެވެ. އޭނާ ގެއިން ނުކުތްއިރު، އަދްޔަން ހުރީ އޭނާ ބަލާއައިހެވެ. އަދްޔަންވެސް ހުރީ ވަރަށް ފުރިހަމަށް ތައްޔާރުވެގެންނެވެ. ލާނެއް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެންހުރިއިރު، ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތަށްވެސް އަސަރުކުރާނޭކަން ގައިމެވެ.
" ވާއު…ހާދަރީއްޗޭ މިރޭ….ޔަގީން މަގުބައްތިތައްވެސް އެތިބީ ރައުފެނިގެން ލަދުންކަން…" ރައުހާއާ ދިމާއަށް ފުންނަޒަރަކުން ބަލާލަމުން އަދްޔަން ތައުރީފުކޮށްލިއެވެ. އަދްޔަންގެ އެބަސްތައް އަޑުއިވިފައި ރައުހާގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ.
" ފޮ މައި ލަވްލީ ލޭޑީ…" އަދްޔަން އޭނާ ފުރަހަގަށް ލައިގެންހުރި ރަތްކުލައިގެ ފިނިހެންމާބޮޑި ރައުހާއަށް ދިއްކޮށްލަމުން ބުނެލިއެވެ.
" ތެންކިޔޫ…" މާބޮޑިފެނިފައި ރައުހާގެ މޫނު އުޖާލާވެގެން ދިޔައެވެ.
ރައުހާގެ އަތުގައި ހިފައިގެން އައިސް ކާރުގެ ދޮރުފަތް އަދްޔަން ހުޅުވާލަދިނުމުން ރައުހާއެރިއެވެ.
" ކޮންތާކަށް ދާން ރައުބޭނުމީ…" ކާރު ސްޓާޓްކޮށްލަމުން އަދްޔަން އެހިއެވެ.
" އަދްޔަން ބޭނުންތާކަށް…" ހީލަމުން ރައުހާ ޖަވާބުދިނެވެ.
" އަހަރެން ކޮންމެތާކަށް ގެންދިޔަޔަސް ދާނަންތަ؟…" ރައުހާއާ ދިމާބަލާލަމުން މާނަފުންގޮތަކަށް އަދްޔަން އަހާލިއެވެ.
" ހޫމް ދާނަން…" ކެރިހުރެ ރައުހާ ޖަވާބުދިނެވެ.
" އެހެންވީމަ ވަރަށް ކެރޭކުއްޖެއްތާ ތީ….އަހަރެން ބަލާލާނަން ކެރޭވަރެއްވެސް….ފަހުން ދެރަނުވާތި އޯކޭއޭ ބުނެވިގެން.." ރައުހާއާ ގާތްވެލާފައި ވައިއަޑުން އަދްޔަން ބުނެލިގޮތުން ރައުހޭގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިތުރަށް ބަހެއް ބުނާހައި ހިތްވަރެއްވެސް އޭނާއަކަށް ނުލިބުނެވެ.
ރައުހާ އޭނާ ބުނި ބުނުމަށް އެހާފަސޭހައިން އާނބަސްބުނީތީ އަދްޔަން އިނީ ނުހަނުއުފަލުންނެވެ. ރައުހާގެ ހިތް އޭނާއަށް ލެނބިފައިވާ މިންވަރު މިރޭ އޭނާއަށް ހާމަވެއްޖެއެވެ. އޭނާ ބޭނުން ކޮންމެގޮތަކަށްވެސް އެއަންހެން ކުއްޖާއާ ކުޅެލެވިދާނެކަން އޭނާއަށް ޔަޤީން ވެއްޖެއެވެ.
" މިރޭދާނީ ހުޅުމާލެއަށް…ވަރަށް ފަހުން ހުޅުވި ރެސްރޯރެންޓެއް ހުންނާނެ ބީޗްކައިރީ….އެތަން ވަރަށް ސަޅިވާނެ…" އަދްޔަން ބުނެލިއެވެ.
" އޯކޭ…" ރައުހާ އެއްބަސްވިއެވެ.
ހުޅުމާލެއަށް ދިޔަ މަގުމަތީގައިވެސް އަދްޔަން ރައުހާއަށް ތައުރީފުކުރަމުން އެއަންހެން ކުއްޖާގެ ހިތް އޭނާއަށް ލަންބުވަމުން ދިޔައެވެ. ރައުހާވެސް ނުހަނު ގަޔާވެގެން އެބަސްތައް އަޑުއަހަމުން ދިޔައިރު، އޭނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. އޭނާގެ ޙަޔާތުގައިވެސް އެފަދަގޮތަކަށް ފިރިހެނެއްގެ ފަރާތުން ތަޢުރީފުގެ ބަހެއް އަޑުއިވިފައެއް ނެތެވެ. އަދްޔަންގެ އަޑުން އޭނާގެ ނަންއިވުންވެސް އެއީ ތަޢުރީފަކަށް އޭނާއަށް ފުދެއެވެ. އެހައިވެސް އެއަޑު އޭނާއަށް ހިތްގައިމެވެ. ދިގު ދަތުރަކަށްފަހު ކާރު އޭގެ މަންޒިލަށް ވާސިލް ވެއްޖެއެވެ. އަދްޔަން ކާރު ޕާކްކުރުމަށްފަހު ރައުހާ ގޮވައިގެން ރެސްޓޯރެންޓާ ދިމާއަށް މިސްރާބު ޖެހިއެވެ.
ރައުހާގެ އަތުގައި ހިފައިގެން ގޮސް އޭނާ ރިޒާވްކޮށްފައިވާ މޭޒްގެ ކައިރީއަށް ހުއްޓި ގޮނޑިއެއް ދަމާލަމުން ރަހުއާ އިށީނުމަށް ތަންދެއްކިއެވެ. ރައުހާ ހިނިތުންވެލަމުން އިށީނެވެ. އަދްޔަންވެސް ހީލާފައި އައިސް ރައުހާގެ ކުރިމަތީގައިވާ ގޮނޑީގައި އިށީނެވެ. ކަނޑުން އަންނަ ފިނިފިނި ވައިރޯޅީގެ ސަބަބުން ހިތާއި ސިނކުޑިއަށް ފިނިކަން ގެނެސްދޭ އެހިތްގައިމު މާހައުލުގައި އިންއިރު ރައުހާގެ ހިތުގެ ވިންދު ދިޔައީ އަވަސްވަމުންނެވެ. އަދްޔަންއާއެކު އެފަދަ އިޝްޤީ މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެކަމަކަށް ފަހަރެއްގައިވެސް އޭނާ ހީކޮށްފައެއްނެތެވެ. އޯޑަރކުރި ތަކެތި އައުމުން ދެމީހުންވެސް ކެއުމައިގެން ކުރިޔަށް ދިޔައެވެ.
" ރައު..އަހަރެން މިރޭ ރައުގާތު ވަރަށްބޮޑު ވާހަކައެއް ބުނަން ބޭނުން…." ކައިނިމިގެން އަދްޔަން ވަރަށް ސީރިއަސް ރާގެއްގައި ވާހަކަދައްކަން ފެށިއެވެ.
" އަހަރެން ބޭނުންވަނީ ރައުތީ އަހަރެންގެ ގާލްފުރެންޑަށް ހަދަން….އެކަމު ރައުބޭނުމިއްޔާ…" ރައުހާގެ ހިތުގެ ހާލަތު އެނގިހުރެ ނޭނގޭކަމަށް ހެދެމުން އަދްޔަން ބުނެލިއެވެ. އެވަގުތު ރައުހާގެ ހިތުގެ ތެޅުން ދެގުނައަށް އަވަސްވިއެވެ. ރައުހާ ހީވެސްނުކޮށް ހުއްޓައި އޭނާގެ މުރާދު ހާސިލްވުމުން އޭނާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. މިހާއަވަހަށް އަދްޔަންގެ ޙަޔާތުން އޭނާއަށް ޖާގައެއް ލިބިދާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ.
" ރައު…ކީއްވެ އެއްޗެއް ނުބުނީ…ރައު ބޭނުން ނޫނިއްޔާ މިއީ ނުދައްކާ ވާހަކައެއް…." އަދްޔަން މޮޅިވެރިކަމާއެކު ބުނެލިގޮތުން ރައުހާ އަވަސް އަވަހަށް އަދްޔަންގެ އަތުގައި ހިފާލިއެވެ.
" އަހަރެންވެސް ބޭނުން…." ޖެހިލުންވެ އިނދެ ރައުހާ ޖަވާބުދިނެވެ.
" ތެންކިޔޫ…..ތެންކިޔޫ ސޯމަޗް…..އަހަރެން ވަރަށް އުފާވެއްޖެ….އަހަރެން ހީކުރީ އަހަރެންނަކީ ވަރަށް ބަދުނަސީބު މީހެއްކަމަށް….ޝައުންގެ ފަރާތުން ލިބުނު އަނިޔާތަކަށްފަހު ރީތި އަންހެން ކުއްޖެއްގެ ފަރާތުން ލޯބި ލިބިދާނެކަމަކަށް އަހަރެންނަށް ގަބޫލެއްވެސް ނުކުރެވުނު….ވަރަށްބިރުން މިހުރީ ރައުވެސް އިންކާރުކޮށްފާނެތީ….އަހަރެން ހީހީފަ އުޅުނުނަމަވެސް އަހަރެންގެ ހިތްވަނީ އެތައްފަހަރަކު ޒަޚަމްވެފަ…އެމީހުންގެ މަލާމާތާ ފުރައްސާރަތަކުގެ ސަބަބުން އަދިވެސް މިހިތުގަ ރިހުން އެބަހުރި….އަހަރެންނަކީ އެމީހުން ހީކުރިފަދަ ބޭކާރުމީހެއް ނޫންކަން އެޝައުންއަށް ހާމަކޮށްދޭން އަހަރެން ބޭނުން….މިކަމުގަ ރައު އަހަރެން އެހީވެދޭނަންދޯ….އަހަރެންގެ ހިތުގަވާ ޒަޚަމްތަކަށް ފަރުވާއެއް ލިބޭނީ ތިޔަފަދަ ލޯބި ކުއްޖެއްގެ ލޯބި ލިބިގެން….ޝައުން ހެދިފަދައިން ރައު އަހަރެންނަށް ނުހަދާނަންދޯ….އަހަރެން ބޭޒާރު ނުކުރާނަންދޯ…." ރައުހާގެ އަތުގައި ހިފައިގެންހުރެ އަދްޔަން ޖަޒްބާތުން ފުރިގެންވީ ވާހަކަތަކެއް ދެއްކުމުން ރައުހާގެ މައުސޫމުގެ ހިތުގެ އެންމެ ފުންމިނަށް އޭގެ އަސަރުކުރިއެވެ.
" އަހަރެން ދުވަހަކުވެސް އެހެނެއް ނުހަދާނަން….އަހަރެން އަބަދުވެސް އަދްޔަންއާއެކުގާ ވާނަން…." ރޮވިފައިވީ އަޑަކުން ރައުހާ ބުނެލިއެވެ.
" އަހަރެން ވަރަށް އުފާވެއްޖެ….ވަރަށްބޮޑަށް އުފާވެއްޖެ…" ރައުހާގެ އަތުގައި ބޮސްދެމުން އަދްޔަން ބުނެލިއެވެ. އެވަގުތު ރައުހާގެ މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރިއެވެ.
އެރެއަށްފަހު ރައުހާއާއި އަދްޔަންގެ ލޯބީގެ ގުޅުން ފެށުނީއެވެ. ނަމަވެސް އަދްޔަންގެ އެދުމުގެމަތިން އެގުޅުން އޮތީ ސިއްރުވެފައެވެ. އެއްވެސް މީހެއްގެ ފުށުން އަދްޔަންއަށް ގޯނާއެއް ލިބުމަށް ރައުހާ ނޭދެނީއެވެ. އެދެމެދުގައި ގުޅުން ބަދަހިވަމުން ދިޔަވަރަކަށް ރައުހާގެ ހިތުގައި ޝައުންއާމެދު ނަފްރަތު އުފެދެމުން ދިޔައެވެ. ޝައުންއާމެދު ދެކެމުންއައި ގޮތް ބަދަލުވެ، ޝައުންއަކީ ބޮޑާ ކިބުރުވެރި މީހެއްގެ ގޮތުގައި ދެކެންފެށުނެވެ. އެހެންކަމުން ޝައުންއާއެކުގައި މަސައްކަތްކުރުން ރައުހާއަށްވީ ނުހަނު އުނދަގޫ ކަމަކަށެވެ. ނަމަވެސް މަސްލަހަތައްޓަކައި އޭނާ ކުރިއެކޭވެސް އެއްފަދައިން ޝައުންއާއެކު މަސައްކަތްކުރަމުން ދިޔައެވެ. ބޭރުފުށުން ހިތްހެޔޮކަން ދައްކައިގެން ހިނިތުންވުމާއެކު އުޅެމުން ދިޔައެވެ.
އަނެއްކޮޅުން އަދްޔަން ދިޔައީ އޭނާގެ ހިތުގައި ޝައުންއާމެދު ނުބައިރޭވުންތައް ރާވަމުންނެވެ. ޝައުންގެ ފަރާތުން އެކަށީގެންވާ ބަދަލެއް ހިވުނު ދުވަހަކުން ނޫނީ އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެގޮތުން ރައުހާބޭނުންކޮށްގެން އޭނާ، އޭނާގެ މަގުސަދު ހާސިލް ކުރަމުން ދިޔައީ ޚުދު ރައުހާއަށްވެސް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭ ހާލުގައެވެ. ރައުހާގެ ހަމައެކަނި މަގުސަދަކީ އަދްޔަންގެ ލޯބިހޯދުމެވެ. އަދި އަދްޔަގެން ޒަޚަމްވެފައިވާ ހިތަށް ފަރުވާއެއް ހޯދައިދިނުމެވެ. އެކަމަށްޓަކައި އޭނާހުރީ ކޮންމެފަދަ ޤުރުބާނީއެއްވެސް ވުމަށް ތައްޔާރަށެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ. ޝައުންއާއި އާއިންއަށް އެނގުމަކާއި ނުލައި ފަރުދާގެ ފުރަގަހުގައި އެދެމީހުންނާ ޚިލާފަށް ރޭވުންތަކެއް ރޭވި އެކަން ކާމިޔާބުވެސް ކުރަމުން ދިޔައެވެ. އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޝައުން އޮފީހުގައި އިނީ އެކަނިމާއެކަންޏެވެ. މިހާރަކަށް އައިސް ރައުހާ މާއަވަހަށް ގެޔަށްދާތީ އޭނާއަށް ކުރަންޖެހޭ މަސައްކަތްވަނީ އިތުރުވެފައެވެ. ނަމަވެސް ރަސްމީވަގުތު ނިމުމުން ރައުހާ މަޑުކުރުވަން އޭނާ ބޭނުންނުވަނީއެވެ. އޭނާ މަސައްކަތުގައި މަޝްއޫލުވެގެން އިސްދަށަށް ޖަހައިގެން އިންދައި ކޮންމެވެސް މީހަކު އައިސް މޭޒް ކައިރިއަށް ހުއްޓުމުން އޭނާ އިސްއުފުލައި ބަލާލިއެވެ.
" އަދްޔަން! ކީއްކުރަނީ މިތާ؟…" ހައިރާންވެފައި ޝައުން އަހާލިއެވެ.
" ކިހިނެއްވީ؟…މިއީ ވަނުންމަނާ ތަނަކީތަ؟…އެކަމު ނެތް މަނާބޯޑުޖަހާފައެއް…އެހެންވެ ވަދެވުނީ…" ލާނެއްގޮތަކަށް ހީލަމުން އަދްޔަން ބުނެލިއެވެ.
" މިއީ އަހަރެން މަސައްކަތްކުރާތަން…..އެހެންވެ މިހެންމިއެހީ…" ޝައުން ސީރިއަސްކަމާއެކު ބުނެލިއެވެ.
" ޝައުން މަސައްކަތްކުރާތަނަށް ވަނުމުގެ ހުއްދައޮންނަނީ ހަމައެކަނި އާއިންއަށްތަ؟…އެކަން އެނގިފަނެތީމަ ސޮރީ…" މަލާމާތުގެ ގޮތަކަށް އަދްޔަން ބުނެލި ޖުމްލައިން ޝައުންގެ ގާތަށް ރުޅިއައެވެ.
" ކީކޭ ކިޔަންތަ އަދްޔަން ތިއުޅެނީ؟….ނިކަން ސާފުކޮށް ބުނެބަލަ!…" ޝައުން އިންގޮނޑިން ތެދުވަމުން ހަރުކަށިކަމާއެކު ބުނެލިއެވެ.
" އޯހ..ހާދަ ރުޅިއެއްތިއައީ؟…އަސްލުވެސް ތިދެމީހުންގެ މެދުގަ ކަމެއްއޮތީތަ؟…" ކައިރީގައިހުރި ގޮނޑީގައި އިށީއްނަމުން އަދްޔަން ބުނެލިއެވެ.
" އަދްޔަން ނުކުމޭ މިތަނުން….ތިދައްކާ ބޭކާރު ވާހަކަ އަޑުއަހާކަށް އަހަރެންނަކަށް ވަގުތެއްނެތް…" އަދްޔަންއާ ދެބަސްވާ ބޭނުންނުވާތީ ޝައުން ބުނެލިއެވެ.
" ރުޅިއައީމަ ހާދަލޯތްބޭ….ހަމަ ކިސްއެއް ކޮށްލާހިތްވަނީ…." އަދްޔަން ބޭނުންވީ އަދިވެސްބޮޑަށް ޝައުން ރުޅިއަރުވާލުމަށެވެ. އެހެންކަމުން އޭނާ ތެދުވެ ޝައުންއާ ގާތްވެލިއެވެ.
" ދުރުގަހުރޭ….އަހަރެންކުރިންވެސް ބުނީމެއްނު ދުރުގަހުންނާށޭ…" އަދްޔަންއާ ދިމާއަށް އިނގިލިދިއްކޮށްލަމުން ޝައުން އަމުރުކޮށްލިއެވެ.
" އެނގޭބުނިކަން…..އެނގޭ ކީއްވެކަންވެސް ތިހެންތިބުނަނީ….އެނގޭ ކީއްވެގެންކަން ޝައުން އަހަރެންގެ ލޯތްބަށް އިންކާރުކުރީ….އަހަރެންނަށް ނޭނގިގެން ނޫޅެން….ޝައުން ބޭނުންވަނީ އާން އެއްނު….އެއީއެއްނު އަސްލު މައްސަލައަކީ….ޝައުންލޯބިވަނީ އާންދެކެއެއްނު" އަދްޔަން ރުޅިވެރިކަމާއެކު ބުނެލި ޖުމްލައިން ޝައުންއަށް ހައިރާންވެފައި ބަލާލެވުނެވެ.
" އާންވެސް މެރީކޮށްގެންހުރެ އަދިވެސް ޝައުންއާ އެކުގައެއްނު އުޅެނީ….އެހެންމީހުންގެ ލޮލުގަ އަނދުން އަޅުވާކަށްނު އޭނާ މެރީކޮށްގެން އެހުރީ…..ދެމީހުން އެއްއޮފީހެއްގަ އުޅެމުން ކޮންމެގަނޑެއްގަތަސް މީހުންނަށް ކޯއްޗެއް އެނގޭތީ…..މުޅިދުނިޔެއަށް އޮޅުވާލައިގެން ތިދެމީހުން އުޅުނަސް އަހަރެންނަށް އެކަމެއް ސިއްރެއްނުވޭ….މުޅިދުނިޔެއަށްވެސް އެކަން އެނގޭކަށް ގިނަދުވަހެއް ނުނަގާނެ…." އަދްޔަން އިންޒާރެއް ދިންފަދައެވެ.
" އަދްޔަން…ކަލޭތިހުރީ ހަމައިގަތަ؟ ކިޔޭނުކިޔޭއެއް އެބަ އެނގޭތަ؟…." ޝައުން ބެލީ އަދްޔަން ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުވުމަށެވެ.
" މަށަށް އެނގޭ މަމިހުރީ ހަމައިގަކަން….ހަމަމަގު ގެއްލިގެން އުޅެނީ ޝައުންއަށް…ޝައުން އަދިވެސް ހޭއަރާކަށް ނުވޭތަ؟…އެ އާން ދުވަހަކުވެސް ޝައުންއަކާ ނީންނާނެ….އޭނަ ބޭނުންވަނީ މިސްޓްރެސްއެއްގެ ގޮތުގަ ބަހައްޓަން….ޝައުންގެ މުޅި އުމުރު ހޭދަކުރިޔަސް އޭނާގެ މީހަކަށް ޝައުން ނުހަދާނެ…އޭނަ ޝައުންދެކެ ލޯތްބެއްނުވޭ އެކަމު ޝައުން ދޫކޮށްލާކަށްވެސް ބޭނުމެއްނުވޭ….ރީތި ވަސްމީރުމަލެއްގެ ފޮނިބޯން ބޭނުންނުވާނެ މާބުރެއް އުޅޭނެތަ؟…" އަދްޔަން ރުޅިވެރިކަމާއެކު ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން ޝައުން ރުޅި އިންތިހާއަށް ދިޔައެވެ.
" ހުއްޓާލާ!..ދެން އިތުރަށް އެންމެ އެއްޗެއްވެސް ބުނެގެން ނުވާނެ….ކަލޭ ހިތަށްއެރިހާ ވާހަކައެއް ދައްކާ އާންގެ ބޮލުގަ އިލްޒާމް ތިއަޅުވަނީ އަހަރެން ކަލޭގެ ލޯތްބަށް އިންކާރުކުރީމައެއްނު…..އަހަރެން ދުވަހަކުވެސް ކަލޭގެ ލޯތްބަށް އާބަހެއް ނުބުނާނަން….އެނގިއްޖެތަ؟…މިހެން ހުސްހަށިބައިކޮށްހުރެ އުމުރު ހުސްވިޔަސް އަހަރެންގެ ފަރުވާލެއްނެތް…" ޝައުން ވަރަށް ސާބިތުކަމާއެކު ބުންޏެވެ.
" މައްސަލައެއްނެތް….ރަންޑިއެއްގެ ލަޤަބު ލިބިގެން ހުންނަން ބޭނުންނަމަ އެގޮތަށް ޝައުންއަށް މަރުޙަބާ….އެކަމު އަހަރެން މިދައްކާ އެއްޗެއް ބަލާލާފަ ގޮތެއް ނިންމާތި…" އަދްޔަން އޭނާގެ ފޯނުނަގަމުން ބުނެލިއެވެ.
" އަން….މިބަލާލަބަލަ!…." ޝައުންއާ ދިމާއަށް ފޯނުދިއްކޮށްލަމުން އަދްޔަން ބުނެލިއެވެ. ޝައުން ސުވާލުގެ ނަޒަރަކުން އަދްޔަންއަށް ބަލަންހުރެ ފޯނުގައި ހިފިއެވެ. އަދި ފޯނުގެ ސްކްރީނަށް ބަލާލިއެވެ. އޭގައިވާ ފޮޓޯފެނިފައި ޝައުންގެ ގައިން ހީބިނިނެގިއެވެ.
" މި ކޯއްޗެއް؟.." އަދްޔަންއަށް ބަލާލަމުން ތުރުތުރު އަޅާއަޑަކުން ޝައުން އަހާލިއެވެ.
" ތިއީ ހަޤީޤަތް….ތިދެމީހުންގެ ލޯބީގެ ފަލްސަފާ….ވިސްނާލަބަލަ މީހަކަށް މިފޮޓޯ ފެނިއްޖެނަމަ ކީކޭ ހިތަށްއަރާނީ….ތިއީ ރަންޑިއެކޭދޯ…" ނުލަފާޒާތަކަށް ހީލަމުން އަދްޔަން ބުނެލިއެވެ.
" ގޮތްކުޑަ…ކަލޭ ތިއުޅެނީ އަހަރެންގެ ފޮޓޯ އެޑިޓްކޮށްގެން އަހަރެން ބުލެކްމެއިލް ކުރަންތަ؟…ހުރި ނުލަފާކަން…" އަދްޔަންގެ ފޯނު ހޫރާލަމުން ޝައުން ހަޅޭއްލަވައިގަތެވެ.
" ފޮޓޯ އެޑިޓޭ؟….އެއީ ހަމަ މިއޮފީސްތެރޭގަ ތިދެމީހުން އުޅޭގޮތް…އެހާގައިގޯޅިކޮށް އުޅެވިފަހުރީ….އަހަރެން ހަމައެކަނި އޭގެ ރަހަ ރަނގަޅުކޮށްލަން ފޮނިތޮށި ކާފޫރުތޮޅިކޮޅެއް އަޅާލީ….އެއަށް މީހަކު ނުކިޔާނެ އެޑިޓެކޭ….މިތާއުޅޭ އެންމެނަށްވެސް އެނގޭ….އާން ޝައުންއާމެދު ބާއްވާ ޚާއްސަ ގާތްކަން….މިފޮޓޯތަކުގަ ހުންނާނެ އެއްގޮތަށް އެޑިޓް ނުކުރާ ފޮޓޯއާ ވީޑިއޯ ކުލިޕްވެސް….ފޯނު އެއްލާލިއެއް ކަމަކު ހަޤީޤަތެއް ބަދަލެއް ނުވާނެ…" އަދްޔަން އޭނާގެ ފޯނުނަގައި ސްކްރީން ފޮހެލަމުން ބުނެލިއެވެ.
" އެކަމު ތީ ކަލޭ ހަދާފަހުރި މުޑުދާރު ފޮޓޯތަކެއް…އަހަރެންނާ އާންގެ މެދުގަ ތިފަދަ މުޑުދާރު ގުޅުމެއް ދުވަހަކުސް ނުހިނގާ…ނުވެސް ހިނގާނެ…" ރުޅިގަދަވެގެން ޝައުންއަށް ރޮވެން ގާތްވެއްޖެއެވެ.
" އެކަމު އެކަން ގަބޫލުކުރާނީ ކާކު؟…މިފޮޓޯތައް ފެނުނީމަ އެންމެންވެސް ދެކޭނީ ތީހަމަ އާން ގެންގުޅޭ ރަންޑިއެއްގެ ގޮތުގަ….އެއްވެސް އަގެއްނެތް ހަށިވިއްކާ އަންހެނެކޭ ޝައުންއެކޭ އޭރުން ކޮބާ ތަފާތެއް؟ ނޫނެކޭ ކިޔާ ހަޅޭއްލެވިޔަސް އެންމެންގެ ކުރިމަތީގަ އަގުއޮންނާނީ ވެއްޓިފަ…" އަދްޔަން މަލާމާތްކޮށްލިއެވެ.
" އަހަރެން ކަލޭގެ ހަޤީޤަތް އެންމެނަށް ކިޔާދޭނަން….އައިރާގެ ޕާޓީ އޮތްރޭ ކަލޭކުރި ވިޔާނުދާ ކަންތައްވެސް ކިޔާދޭނަން…އޭރުން ބޮޑުބޭބެ ކަލޭ މިތަނުން ބޭރުކޮށްލާނެ…" އަދްޔަންގެ އިންޒާރުތަކަށް ބިރުގަތްނަމަވެސް ޝައުންވެސް ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ.
" އެހެންތަ؟…އަވަހަށް ތިކަމާ ކުރިޔަށްދޭ….އަހަރެންނަށް ރަނގަޅީވެސް އެރޭގެ ވާހަކަ ބުނިއްޔާ….އޭރުން އަހަރެންބުނާނަން އެރޭ އާއިން އަހަރެންގެ ގައިގަ ތަޅައިގަތީ ކަލޭމެން ދެމީހުން ގަނޑެއްގަންނަނިކޮށް އަހަރެންނަށް ފެނުނީމައޭ….އަހަރެން އެވާހަކަ ބުނާނަމޭ ބުނީމަ ރުޅިއައިސްގެންނޭ އަހަރެންގެ ގައިގަ ތަޅައިގަތީ…އޭރުން ކާކުގެ ވާހަކައެއް ގަބޫލުކުރާނީ؟….ކޮއްކޮގެ ކައިވެނީގެ ހަފްލާގަ އެންމެންގެ ކުރިމަތީގަ ދެމީހުން ގެއްލިފަ، އެތައްއިރެއްފަހުން ދެމީހުންވެސް ރެސްޓްރޫމުން އައީމަ ކާކު ގަބޫލުކުރާނީ ކަލޭމެންގެ ވާހަކަ….ޚުދު އާއިލާމީހުންވެސް ގަބޫލުނުކުރާނެ ތިދެމީހުން ދައްކާ ވާހަކައެއް…ނިކަން ކެރެންޏާ އެވާހަކަ ދައްކަބަލަ! އަމިއްލައަށް ބަދުނާމުވާނީ…އެނގިއްޖެތަ؟…" އަދްޔަން ދިނީ ބިރުވެރި އިންޒާރެކެވެ.
" ނޫން..އެކަކުވެސް ގަބޫލެއް ނުކުރާނެ…ނުކުރާނެ…" ކަންބޮޑުވީވަރުން އެންމެފަހުން ޝައުންއަށް ރޮވުނެވެ.
" ބޭބީ….ދެންވެސް ނުރޮއެ ވިސްނާލަބަލަ!…އަމިއްލަ އިއްޒަތް ސަލާމަތްކުރަން ވިސްނަބަލަ!….ތިދެމީހުންގެ މެދުގަ ނާޖާއިޒް ގުޅުމެއް އޮތްކަން ފަޅާއަރާ މުޅިދުނިޔެއަށް ބަދުނާމުވާންތަ ބޭނުންވަނީ؟….އެނގޭތަ އެފަދަ އަޑެއް އަރާދުވަހުންވެސް އެއާން ޝައުންއަކާ ނީންނާނެ…އޭނައަށް ލިބޭނެ ގެއްލުމެއްވެސް ނޯންނާނެ…ހުރިހާ ބަދުނާމެއް ބޮލުގަ އަޅަންޖެހޭނީ ޝައުން….އެހެންވީމަ މިބުނީ ވިސްނާލާށޭ! އަދިވެސް ވަގުތު އެބައޮތް.." އަދްޔަން މަސައްކަތްކުރީ ޝައުންއަށް ވިސްނަދޭށެވެ.
" އަދްޔަން ޕްލީޒް…ތިފޮޓޯތައް ޑިލީޓްކޮށްލާ!…އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އާން ބަދުނާމުވާކަށް…އޭނަގެ ކައިވެންޏަށް ބުރޫއަރާކަށް…އޭނާ ނާޒްދެކެ ވަރަށް ލޯބިވޭ….އަހަރެންގެ ސަބަބުން އެމީހުންގެ ދިރިއުޅުން ހަލާކުވާކަށް ނޭދެން…ޕްލީޒް…އަދްޔަން ކުށެއްނެތް ބަޔެއްގެ ދިރިއުޅުމަށް ގެއްލުންދޭން ނޫޅެ ވިސްނާލަބަލަ!…އަހަރެންނަށް ޓަކާވެސް…" ޝައުން އާދޭސްކުރަން ފެށިއެވެ.
" ޑިލީޑް ކުރެވިދާނެ…އެކަމު އެންމެ ޝަރުތެއްގެ މަތިން….ގަބޫލުވާނަންތަ؟.." އަދްޔަން ހަމަޖެހިލަމުން އަހާލިއެވެ.
" އަދްޔަން ބުނި ކޮންމެ ޝަރުތެއް އަހަރެން ގަބޫލު…." ވިސްނާލުމެއްނެތި ޝައުން އެއްބަސްވިއެވެ.
" އަހަރެންނާ އިންނާނަންތަ؟…" ޝައުންގެ އަތުގައި ހިފަމުން އަދްޔަން އަހާލިއެވެ.
" ނޯ.." ކުއްލިއަކަށް އަދްޔަންގެ އަތްދަމައިގަންނަމުން ޝައުންއަށް ބުނެވުނެވެ.
" އެހެންވިއްޔާ ސޮރީ….." އަދްޔަން ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.
" އަދްޔަން….ޕްލީޒް ތިނޫންކަމެއް ބުނޭ….ބޭނުމިއްޔާ ރުފިޔާވެސް އަހަރެންދޭނަން…މިވަޒީފާ ދޫކޮށް ހިނގަވެސްދާނަން…އެކަމު އަހަރެންނަކަށް އަދްޔަންއަކާ ނީނދެވޭނެ…" ޝައުން އާދޭހާއެކު ބުންޏެވެ.
" ޝައުން ހީކުރީ އަހަރެން މިއުޅެނީ ރުފިޔާބޭނުންވެގެން ކަމަށްތަ؟….ނޫން….އަހަރެންބޭނުމީ ޝައުން….ހަމައެކަނި ޝައުން…" ޝައުންއާ މޫނު ކައިރިކޮށްލަމުން އަދްޔަން ބުނެލިއެވެ. އެވަގުތު ބިރުންގޮސް ޝައުންގެ ހިތްތެޅިގަތެވެ.
" އަހަރެން ވިސްނާލަންބޭނުން…." އަދްޔަން ބަލަންއިން ނުރައްކާތެރިގޮތަކުން ޝައުން ޖެހިލުންވިއެވެ.
" ވިސްނާނެ ވަރަކަށް ވިސްނަންވީ….އެކަމު އާންގެ ގާތު މިވާހަކަ ދައްކަންވެސް ހިތަށްނާރާތި!…އޭރުން ނަތީޖާ ވަރަށް ގޯސްވާނެ…އާއިންއަށް އެނގިގެން އަހަރެންނަށް ހަމަލާއެއް ދިނަސް އެންމެންގެ ކުރިމަތީގަ އޭނަ ބަދުނާމު ކޮށްލާނަން….އަހަރެން ޝައުންގެ ބޭނުމުގަ އުޅޭކަމުގެ އިލްޒާމް އަޅުވާތަނުން އަހަރެން ބުނާނަން އަހަރެންގެ ލޯބިވެރިޔަކު ހުރެޔޭ….އަހަރެންދެކެ އިންތިހާއަށް ލޯބިވާ ކުއްޖަކު އެބަހުރި…އޭނަ ހެކިބަސްދޭނެ ތިދެމީހުނާ ދެކޮޅަށް…އެހެންވީމަ މިބުނީ އާންއަށް އަންގަންވެސް ހިތަށް ނާރުވާތި!….ވީހާވެސް އަވަހަކަށް ޖަވާބު އަހަރެން ބޭނުން….އެހެންނޫނީ މިފޮޓޯތައް ފެންނާނީ ސޯޝަލްމީޑިއާއިން….މިއިން ކޮންމެ ފޮޓޯއަކަށްވެސް އެތައްބައިވަރު ލައިކެއްލިބޭނެ….ހިނދުކޮޅެއްގެ ތެރޭގެ ޝައުން މުޅި ދުނިޔެއަށް މަޝްހޫރުވާނެ…ޕޯންސްޓާރެއްގެ ގޮތުގަ…." އަދްޔަން ފަހުގެ އިންޒާރު ދިނުމަށްފަހު ނުކުމެގެން ދިއުމުން ޝައުންއަށް ހުރިދިމާއަށް ތިރިވެވުނެވެ. އެއްކަމުން އަރައި ނުގަނެވި އުޅެނިކޮށް، އަނެއްކާ އަނެއް ތޫންފާން ލައިގަތީއެވެ.
ނުނިމޭ