Last Updated: May 8, 13:27
Wednesday, May 8, 2024
ކުޅިވަރު

ޕޮގްބާގެ ޕެނަލްޓީތަކުން ޔުނައިޓެޑް މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް 2-1 އިން މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާ އެކު 64 ޕޮއިންޓާ އެކު ލީގުގެ ފަސްވަނަ މަގާމަށް ޔުނައިޓެޑް މިހާރު ވަނީ އަރާފައެވެ. ނަމަވެސް ލީގުގައި މާދަމާ ރޭ ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެނަމަ ޔުނައިޓެޑުން އަލުން ހަވަނަ މަގާމަށް ވެއްޓޭނެއެވެ. ރޭގެ މެޗުން ބަލިވި ވެސްޓްހަމް އޮތީ 42 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 19 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޕޯލް ޕޮގްބާ ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. ފުރަތަމަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން ވެސްޓްހަމް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ފެލިޕޭ އެންޑަސަން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އަދި މެޗުގެ ފަހުކޮޅު ލީޑު ނަގަން ވެސްޓްހަމްގެ އެންޓޯނިއޯ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.

އެ ފުރުސަތުގެ ބޭނުން ވެސްޓްހަމް އަށް ނުހިފުނުތާ އިރުކޮޅެއްފަހުން ޔުނައިޓެޑަށް ލިބުނު އިތުރު ޕެނަލްޓީ އަކުން ޕޮގްބާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ޔުނައިޓެޑްގެ އިތުރުން ޓޮޓެންހަމް ވެސް އިއްޔެ ވަނީ ލީގުގައި ކުޅުނު މެޗުން މޮޅުވެފައެވެ. ޓޮޓެންހަމް މޮޅުވީ ހަޑަލްސްފީލްޑާ ބައްދަލުކޮށް 4-0 އިންނެވެ. މި މެޗުގައި ޓޮޓެންހަމުން ކާމިޔާބުކުރި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް މޯރާއެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ވަންޔާމާއެވެ.

ރޭގެ މޮޅާއެކު 67 ޕޮއިންޓާ އެކު ލީގުގެ ތިންވަނަ މަގާމަށް ޓޮޓެންހަމް މިހާރު ވަނީ އަރާފައެވެ.