Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ނާކާމިޔާބީއަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ފިލާވަޅު: އަދިތުޔާ

ނާކާމިޔާބީއަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ފިލާވަޅުކަމަށް ފިލްމް "އާޝިގީ2" އިން މަޝްހޫރުކަން ހޯދާފައިވާ ތަރި އަދިތުޔާ ރޯއީ ކަޕޫރު ބުނެފިއެވެ.

އަދިތުޔާ ވަނީ ކާމިޔާބީގެ އިތުރުން ނާކާމިޔާބީތަކާއި ވެސް ކުރިމަތިލާފައެވެ. އޭނާ ދެކޭ ގޮތުގައި ފިލްމެއް ނާކާމިޔާބު ވުމަކީ ކޮންމެހެން އެ ފިލްމުގައި ހިމެނޭ ތަރިންގެ މައްސަލައެއް ނޫނެވެ. އެމީހުންނަކީ އޭގެ ޒިންމާ އުފުލަންޖެހޭ މީހުންކަމަށް މީހުން ނުބެލުމަށް ވެސް އޭނާ އެދިފައިވެއެވެ.

ނާކާމިޔާބު ކޮންމެ މަސައްކަތަކަށްފަހު އެެހެން މަސައްކަތަކަށް ދިޔުމުގެ ކުރިން އެކަނި އޭނާގެ ނަފްސަށްޓަކާ ވަގުތު ކޮޅެއް ހުސްކުރާ ކަމަށް އަދިތުޔާ ބުންޏެވެ. އަދި ވަރަށް ތާޒާ ސިކުނޑިއަކާއެކު އަނެއް މަސައްކަތަކަށް ވާސިލްވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މިވަގުތު އަދިތުޔާގެ މަސައްކަތްތަކަށް ބަލާއިރު އޭނާ ދަނީ ފިލްމް" ކަލަންކް"ގެ ޕްރޮމޯޝަނުގައި އަވަދިނެތި ހަރަކާތްތެރިވަމުންނެވެ. އެ ފިލްމުގައި އަދިތުޔާގެ އިތުރުން ވަރޫން ދަވަން، އާލިޔާ ބަޓް، އަދި ސޮނާކްޝީ ސިންހާ ފެނިގެންދާނެއެވެ. މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ފިލްމް" ކަލަންކް"ގެ އިތުރުން އަދިތުޔާގެ އެހެން ފިލްމެއްވެސް ވަނީ ބެލުންތެރިންނާއި ހަމަޔަށް އަންނަން ތައްޔާރުވެފައެވެ. އެއީ މޯހިތު ސޫރީގެ "މަލަންގް" އެވެ. އެ ފިލްމުގައި އަދިތުޔާއާއެކު ފެނިގެންދާނީ ދިޝާ ޕަޓާނީ، އަނިލް ކަޕުރު އަދި ކުނާލް ކެންމޫއެވެ.