Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ޕީޕީއެމްގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ނިހާން ގޮވާލައިފި

އަހުމަދު ނިހާން ހުސައިން މަނިކު. ފޮޓޯ: ރާއްޖެ.އެމްވީ

އިދިކޮޅު ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާ އަށް، ވިލިމާފަންނު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާން ގޮވާލައްވައިފިއެވެ.

ނިހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕުން ފެއިލްވި ހުރިހާ އެންމެން ދުރަށްދާންޖެހޭ ކަމަށާއި އަދި ލީޑަޝިޕަކަށް ޖާގަދޭންޖެހޭ ކަމަށެވެ.

"2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު، އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އިތުރުން 2019 ވަނަ މަޖިލިސް އިންތިހާބު ޕީޕީއެމް އަށް ގެއްލުނީ ހަރުދަނާ ލީޑަޝިޕެއް ނެތުމުން. އެ އެންމެން އިސްތިއުފާ" ނިހާން ވިދާޅުވެފައިވެއެވެ.

ޕީޕީއެމް އަކީ ވަރަށް ކުރު މުއްދަތެއްގައި ރާއްޖޭގެ ވެރިކަމާއި ހަމައަށް ދަތުރުކުރި ޕާޓީއެއް ކަމަށާއި، ޕާޓީ މިހާތަނަށް ހޯދި ހުރިހާ ކާމިޔާބީއެއްގެ ހައްގުވެރި ފަރާތަކީ އާއްމު މެމްބަރުން ކަމަށްވެސް ނިހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ނިހާން ގޮވާލާފައިވާއިރު، ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ޕީޕީއެމް އަށް ކާމިޔާބު ކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. މަޖިލިސް އިންތިހާބަށް ޕީޕީއެމުން 25 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

މަޖިލިސް އިންތިހާބުން ނާކާމިޔާބުވި ފަރާތްތަކުގެ ތެރޭގައި ނިހާން ވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން މިފަހަރުގެ އިންތިހާބުގައި ނިހާން ވާދަކުރެއްވީ އޭނާގެ އުފަން ރަށް ކަމަށްވާ ތިނަދޫ އަށެވެ. ތިނަދޫ ދެކުނު ދާއިރާ އަށް ނިހާން ވާދަކުރެއްވިއިރު އެ ދާއިރާގެ ގޮނޑި 949 ވޯޓާއެކު ކާމިޔާބު ކުރެއްވީ އަބްދުﷲ ސަނީފެވެ. ނިހާނަށް ލިބިވަޑައިގެންނެވީ 533 ވޯޓެވެ.

ނިހާންގެ އިތުރުން ވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ ނުފޫޒު ގަދަ ގިނަ މެމްބަރުންތަކަކަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.