Last Updated: April 16, 13:42
Tuesday, April 16, 2024
ޚަބަރު

ޕާޓީއާ ދުރުވުމަށް އާއިލާއިން އާދޭސް އެބަކުރޭ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ލީޑަރަކަށް ހުންނެވި ޕީޕީއެމާ، އަދި ސިޔާސީ ދާއިރާއާ ދުރަށް ޖެހިލުމަށް އާއިލާއިން "އާދޭސް" ކުރަމުން އަންނަ ކަމަށާއި ކައުންސިލް މެމްބަރުން ވެސް އެގޮތަށް އެދޭނަމަ ދުރަށް ދާން ތައްޔާރަށް ހުންނެވި ކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.

ހުސްވި އަހަރު ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ޔާމީން ރާއްޖޭގެ ސިޔާސީ ދާއިރާއިން ދުރަށް ޖެހިވަޑައިގަތެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާކަން އިއުލާން ކުރެއްވުމަށް ފަހު ސިޔާސީ ހަރަކާތަކުން އަމަލީ ގޮތުން ނުފެނި ހުއްޓާ އެމަނިކުފާނު ފެނިވަޑައިގަތީ ޝަރީއަތުންނެވެ.

ކޮރަޕްޝަނާއި ދޮގު މައުލޫމާތު ފުލުހުންނަށް ދިނުމުގެ ދައުވާ އުފުލައި ބޭންކު އެކައުންޓުތައް ހިފެހެއްޓުމަށް ފަހު ޔާމީން ވަނީ ޖަލަށްވެސް ލެވި، މިހާރު ދޫކޮށްލާފައެވެ. މިނިވަންވެވަޑައިގަތުމުން ވެސް އެމަނިކުފާނުގެ ޕާޓީ އަދި ތާއީދު ކުރެއްވި މެމްބަރެއްގެ ކެމްޕޭނުގައިވެސް އަމަލީ ގޮތުން ބައިވެރިިވެވަޑައެއް ނުގެންނެވިއެވެ.

އިންތިޚާބުން ބޮޑު ނާކާމިޔާބީއެއް އަނެއްކާވެސް އެމަނިކުފާނުގެ ޕާޓީއަށް ކުރިމަތިވެފައިވަނިކޮށް ޔާމީން ވަނީ ޕާޓީގެ ވައިބަ ގްރޫޕަށް ދެ ފަހަރު މަތިން މެސެޖު ފޮނުވައި، ޕާޓީ ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. ހިތްހަމަނުޖެހުންތައް ދޫކޮށްލެއްވުމަށާއި ރުހުން ނެތް ލީޑަރެއްގެ ގޮތުގައި ހުންނަވަން ނޭދޭ ކަމަށް ޕާޓީގެ ކައުންސިލް މެމްބަރުންނަށް ވިދާޅުވިއެވެ.

ޔާމީންގެ އިތުރުން، ޕީޖީ ލީޑަރ ނިހާންވެސް ވަނީ ސިޔާސީ މައިދާނުން ދުރަށް ޖެހިލާފައެވެ. ނިހާން ވަނީ އިންތިޚާބުތަކުން ބަލިވުމަކީ ލީޑަޝިޕުން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ އާ ލީޑަޝިޕަށް ފުރުސަތު ދެއްވަން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.