Last Updated: April 26, 23:59
Saturday, April 27, 2024
ދުނިޔެ

ނިއުޒީލެންޑުގެ ބޮޑުވަޒީރުގެ މަގުބޫލުކަން ބޮޑުތަނުން އިތުރުވެއްޖެ

ނިއުޒީލެންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑެންގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ދާދިފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

އެގޮތުން ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި ޖެސިންޑާގެ މަގުބޫލުކަން ނިއުޒީލެންޑުގެ ރައްޔިތުންގެ މެދުގައި އުޅެނީ 51 ޕަސެންޓުގައެވެ. މިއީ 50 ޕަސެންޓަށް ވުރެ މައްޗަށް ޖެސިންޑާގެ މަގުބޫލުކަން މައްޗަށް ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.

މި ވޯޓުން ދައްކާ ގޮތުން ނިއުޒީލެންޑުގެ އިދިކޮޅު މައި ޕާޓީ ކަމަށްވާ ނޭޝަނަލް ޕާޓީގެ ލީޑަރު ސައިމް ބްރިޖެސްގެ މަގުބޫލުކަން އުޅެނީ އެންމެ ފަސް ޕަސެންޓުގައެވެ.

މި ހިޔާލު ހޯދުމުގެ ވޯޓު ނަގާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ދެވުނު ޓެރަރިސްޓު ހަމަލާއަށްފަހުއެވެ.

އެ ހަމަލާއަށްފަހު ނިއުޒީލެންޑުގެ ބޮޑުވަޒީރުގެ ފަރާތުން ފެނުނު ކަންކަމަށް އިސްލާމީ ގައުމުތަކުގެ ލީޑަރުންގެ ތައުރީފު ވަނީ އެކަމަނާ އަށް ލިބިގެން ގޮސްފައެވެ. އެގޮތުން ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި ޖެސިންޑާ އަކީ ދުނިޔޭގެ އެހެން ލީޑަރުންނަށް ހުރި ނަމޫނާއެކެވެ.

މިސްކިތަށް ދިން އެ ހަމަލާގައި 50 މުސްލިމުން މަރުވިއިރު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ވެސް ލިބިގެން ގޮސްފައެވެ. މަރުވި ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. މި ހަމަލާދިން އޮސްޓްރޭލިއާ އަށް ނިސްބަތްވާ މީހާ ހައްޔަރުކޮށް އޭނާގެ މައްޗަށް މިހާރުވަނީ ގަސްދުގައި މީހުންތަކެއް މަރާލިކަމުގެ ދައުވާ އުފުލާފައެވެ.

އުމުރުން 38 އަހަރުގެ ޖެސިންޑާ ނިއުޒީލެންޑުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިހާބުވީ 2017 ވަނަ އަހަރުއެވެ.