Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ޝެޑިއުލްކޮށް ދަތުރުކުރާ އުޅަނދުތަކުގެ މައުލޫމާތު ލިބޭ އެޕެއް ތައާރަފްކޮށްފި

ޝެޑިއުލްކޮށް ދަތުރުކުރާ ފެރީތަކާއި، ސްޕީޑްބޯޓުތަކުގެ މައުލޫމާތު ލިބޭ އެޕްލިކޭޝަން " ނިއަމި" ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ތައާރަފުކޮށްފިއެވެ.

މި އެޕްލިކޭޝަން ލޯންޗުކޮށްފައި ވަނީ ޓްރާންސްޕޯޓު އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ އެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އުތުރުން ދެކުނަށް ދައުލަތުން ދެމުންދާ ފެރީ ހިދުމަތުގެ ހުރިހާ މައުލޫމާތެއް ލިބިގެންދާނެކަމަށާއި، ސަރުކާރުން ސަބްސިޑައިޒްކޮށްގެން ބޭނުންކުރަމުން އަންނަ ތިން ކުންފުނިން ދެމުން އަންނަ ފެރީތަކުގެ ފެރީ ޝެޑިއުލް މި އެޕްލިކޭޝަނުގައި ހިމެނިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.

އަދި ކުރިއަށް އޮތް ތަނުގައި އަމިއްލަ ކުންފުނިތަކުގެ ފެރީތަކުގެ މައުލޫމާތުވެސް އެޕުން ފެނިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނެއެވެ.

ފެރީގެ ފަހު މަންޒިލަށް ދަތުރު ކުރެވޭނެ ވަގުތާއި، ފެރީ ދެތިން ރަށެއްގައި ޖައްސާފައި ދާ ފެރީއެއް ނަމަ އެ މައުލޫމާތު އެޕުން އެނގިގެންދާނެ ކަމަށާއި، އަދި ފެރީގެ ހިދުމަތްދޭ ކުންފުނީގެ މައުލޫމާތާއި އެ ކުންފުންޏަށް ގުޅޭނެ ނަމްބަރުތައް ފެންނަން ހުންނާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނެއެވެ.

ނިއަމި އެޕްލިކޭޝަން ލިބޭނީ ގޫގަލް ޕްލޭއިންނެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެޕަލް ސްޓޯރުންވެސް އެ އެޕްލިކޭޝް ލިބިގެންދާނެއެވެ.