Last Updated: June 17, 14:26
Monday, June 17, 2019
ޚަބަރު

ހިއުމަން ރައިޓްސް ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބައެއް މެންބަރުން --

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުންގެ މާލީ ހިސާބު ހުށަހަޅަންޖެހޭ ގޮތަށް ހިއުމަން ރައިޓްސް ޤާނޫނަށް އިޞްލާޙު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވި ސަބަބަކަށް ވިދާޅުވީ ޤާނޫނު އަސާސީގެ ދަށުން ޤާއިމްކޮށްފައިވާ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތައް އަދާކުރައްވާ ފަރާތްތައް، އެފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މިނިވަންކަމާއި އެކު ހިންގޭނެ އުޞޫލުތައް ބަޔާންކުރުމަށް ކަމާބެހޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ބިލުތައް ހުށަހެޅުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދެއް ކަމަށެވެ.

އާޒިމް ހުށަހެޅުއްވި އިޞްލާހުގައި ބުނެފައިވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް ނުވަތަ އެފަދަ އެހެން ޤާނޫނެއްގެ ދަށުން އެހެން ގޮތަކަށް ޢަމަލު ކުރަމުން އައިކަމުގައިވީ ނަމަވެސް އެޗްއާރްސީއެމްގެ މެންބަރުން މާލީ ހިސާބު ހުށަހެޅުމުގައި ޢަމަލު ކުރާނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ.

ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މީހާ އޭނާގެ މަޤާމާއި ޙަވާލުވާއިރު އޭނާގެ އަތުގައި ހުރި އާމްދަނީއާ އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު އެ މަޤާމާއި ޙަވާލުވާތާ ތިން މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ކޮމިޝަންގެ މެންބަރުކަމާއި ޙަވާލުވާތާ އެއް އަހަރު ހަމަވާ ދުވަސް ނިމުމުގެ ކުރިން ކޮމިޝަންގެ މެންބަރުންގެ އަހަރެއްގެ މާލީ ހިސާބު އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައި ބުނެފައިވަނީ ކޮމިޝަންގެ މެންބަރުކަމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދެއްވުމަށްފަހު ތިން މަސް ތެރޭގައި ކޮމިޝަންގެ މެންބަރުކަމުން ވަކިވިއިރު އޭނާގެ އަތުގައި ހުރި ޢާމްދަނީއާ އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ކޮމިޝަންގެ މެންބަރުންގެ މާލީ ހިސާބުތައް ހުށަހަޅާއިރު އޭނާ އިނދެގެން އުޅޭ މީހާއާ އޭނާގެ ސީދާ ބެލެހެއްޓުމުގެ ދަށުގައިވާ ދަރިންނާއި އޭނާ ސީދާ ބަލަހައްޓަމުންގެންދާ އެހެން މީހުންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ އެއްވެސް މެންބަރަކު ޢާމްދަނީ ލިބޭނެ އެހެން އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެއްވެސް މެންބަރަކު އަމިއްލަ ވިޔަފާރިއެއް ކޮށްގެން ނުވާނެ ކަމަށާއި ވިޔަފާރީގެ އުޞޫލުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބިލުގައިވެއެވެ.

ދެހާސް ހަވަނަ އަހަރުގެ ތެރޭގައި ފާސްކުރި ހިއުމަން ރައިޓްސް ކޮމިޝަން ޤާނޫނުގައި މާލީ ހިސާބު ހުށަހަޅަންޖެހޭ ކަމަށް މިހާރަކު ބަޔާންކޮށްފައެއްނުވެއެވެ.