Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ޖަލަށްލީ ކުށެއް ކޮށްގެނެއް ނޫން: މައުމޫން

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެމަނިކުފާނު ޖަލަށްލީ ކުށެއް ކޮށްގެން ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މައުމޫން ހައްޔަރުކުރިއިރު އެމަނިކުފާނުގެ މައްޗަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން މައުމޫން ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއިރު އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލަށްލީ އޭރުގެ ސަރުކާރުން ކުރަމުންދިޔަ ކަންތައްތަކާ ދެކޮޅަށް އަޑުއުފުލައި ހެދުމުން ކަމަށާއި އެއްވެސް ހާލެއްގައި ކުށެއް ކޮށްގެން ނޫން ކަމަށެވެ.

އަދި ރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުން އޭރު އެކަމާ ދެކޮޅަށް އަޑު އުފުއްލެވިކަން ފާހަގަކުރައްވަމުން މައުމޫން ވަނީ އެކަން ކުރެއްވީ ވެސް ގައުމީ ވާޖިބު އަދާކުރުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު އެކަންވީ އެމަނިކުފާނާ މެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުއްވި ކަމަކަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ އިތުރުން ޔާމީންގެ ވެރިކަމުގައި ވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު ވެސް ހައްޔަރުކޮށްފައެވެ.

އެ ހުރިހާ ބޭފުޅުން ވެސް ޖަލުން މިނިވަންވެ ވަޑައިގެންނެވީ ރިޔާސީ އިންތިހާބުން ޔާމީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތުމުންނެވެ.