Last Updated: April 24, 06:35
Wednesday, April 24, 2024
ރިޕޯޓް

ހިތަދޫ ހޮސްޕިޓަލަށް ހަރުދަނާ މެނޭޖްމަންޓެއް ބޭނުން!

އައްޑޫ ރައްޔިތުން ސިއްހީ ފަރުވާއަށް ބަރޯސާވެފައިވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ މައްސަލަތައް ފުނިޖެހި ހައްލެއް ނުލިބިވާތަނެކެވެ. ކޮންމެ ސަރުކާރަކުންވެސް އައްޑޫ ސިއްހީ ނިޒާމު ހަރުދަނާ ކުރާނެކަމަށް ވާހަކަ ދައްކައެވެ. އެތައް ފޮނި ހުވަފެންތައް ރައްޔިތުންނަށް ދައްކައެވެ. ނަމަވެސް ވެރިކަމުގެ ދައުރު ނިމެނީ ކުރިން ހުރި މައްސަލަތަކަށް ފަރުވާ ނުލިބިއެވެ.

އައްޑޫގެ ސިއްހީ ނިޒާމުގެ ވާހަކަ މިފަހުން ދެކެވޭ ކޮންމެ އިރެއްގައި ފަށަނީ 100 އެނދުގެ ހޮސްޕިޓަލުގެ ވާހަކައިންނެވެ. ޑޮކްޓަރުން ނެތުމުން ރައްޔިތުން ކުރާ ޝަކުވާއަށް ދޭ ޖަވާބަކީ އާ ހޮސްޕިޓަލާއި އެކު އެކަން ހައްލު ކުރެވޭނެކަމަށެވެ. ހޮސްޕިޓަލަށް ބޭނުންވާ ސާމާން ކޮބާތޯ ސުވާލު ކުރުމުންވެސް އިވެނީ މި ޖަވާބެވެ. އެއްވެސް ކަމެއް މިހާރުން މިހާރަށް ހައްލުކޮށްދިނުމުގެ ވާހަކައެއް ނުދެކެވެއެވެ.

އައްޑޫގެ މުޅި ސިއްހީ ނިޒާމް ފެއިލްވެފައިވަނީ ޖުމްލަކޮށް ދެ ސަބަބަކާއި ހެދިއެވެ. އެއީ ސަރުކާރުގެ އިހްމާލާއި ތަނުގެ ހިންގުމުގެ މައްސަލައެވެ. ސަރުކާރުގެ އިހްމާލުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ހެލްތު މިނިސްޓްރީގެ ފިނި ކޮޓަރީގައި ތިބެގެން ހޮސްޕިޓަލް ހިންގަން ރާވާފައި އޮތުމުގެ ސަބަބުން މުލި ރާއްޖޭގެ ސިއްހީ ނިޒާމް މިވަނީ ބޮއްސުންލާފައެވެ. ހެލްތު މިނިސްޓްރީ ވަނީ މަދު ބަޔަކު "ހިސޯރު" ކޮށްފައެވެ. ހެލްތު މިނިސްޓަރ ބަދަލުވިއަސް މިނިސްޓްރީގެ ހިންގުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ހުރިހާކަމެެއްވެސް ތަރުތީބު ކުރެވިފައިވަނީ އެތަނުގެ ކޮންޓްރޯލް ނަގާފައިވާ މީހުން ބޭނުންވާ ގޮތަށެވެ.

ދެން އޮތީ ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ މައްސަލައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަލާއިރު އެތަނުގައި މެނޭޖްމަންޓެއް އޮންނަތޯ އެތަނުގެ ބައެއް މުވައްޒަފުން ސުވާލު އުފައްދައެވެ. އެތަނުގެ މުވައްޒަފުން ބުނާ ގޮތުން ތަން ހިންގަން ހުންނަނީ ނަމެއްގައި ބަހައްޓާފައި ހުންނަ ވެރިއެކެވެ. އެއްވެސް ބާރެއް އޮންނަ މީހެއް ނޫނެވެ. މީގެ އިތުރުން މެނޭޖްމަންޓު މުވައްޒަފުންގެ ގާބިލް ކަމާއި މެދުވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

214 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުމުގެ އޮނިގަނޑު ބަދަލު ކުރަން ޖެހެއެވެ. މެނޭޖްމެންޓަށް ބޮޑެތި ބަދަލު ގެންނާން ޖެހެެއެވެ. އެބަދަލު ނުގެނެވި ހޮސްޕިޓަލް ރަނގަޅެއް ނުކުރެވޭނެކަމަށް އެންމެންވެސް ދަނީ ބުނަމުންނެވެ.

ހޮސްޕިޓަލްގެ މައުލޫމާތު އެނގޭ މީހަކު ބުނީ މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އޮތް މެނޭޖްމަންޓު އޮވެގެން އެތަން ރަނގަޅު ނުކުރެވޭނެކަމަށެވެ. ސަބަބަކީ އޭގެ ތެރެއިން ގިނަ މީހުންނަކީ މަސައްކަތުގެ މިޒަމާނުގެ މާހައުލަށް ފަރިތަ ބަޔަކަށް ނުވާތީއެވެ. އެމީހުންނަކީ ޓެކްނޮލޮޖީ އާއި ބީރައްޓެހި، ބަޔަކަށްވެފައި ހޮސްޕިޓަލްގެ ހިންގުމުގެ ކަންކަމަށް ޓެކްނޮލޮޖީ ގެންނަން ބޭނުން ނުވާ މީހުންކަމަށެވެ. އެހެންވެ އެފަދަ ބަޔަކާއި އެކު ހޮސްޕިޓަލް ޒަމާނީކޮށް ނުހިންގޭނޭ ކަމަށް އޭނާ ބުންޏެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަލާއިރު މުޅި ހޮސްޕިޓަލަށް ތައުލީމީ މީހުން ބޭނުންވެއެވެ. ގާބިލް މުވައްޒަފުން ހޮސްޕިޓަލް ހިންގުމުގެ ތެރެއަށް ގެނެސް މުޅި ތަން އޯވާހޯލް ކުރަންޖެއެވެ. އެކަމަކީ ލަސް ނުކޮށް ހެލްތު މިނިސްޓްރީން ކުރަން ޖެހޭ ކަމެކެވެ.

މިއަދު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ސިފަވަނީ ކޮންމެ ކަމެއް ދިމާވިއަސް މާލެ މީހުން ފޮނުވާލުމަށް ހަދާފައިވާ ތަނެއް ގޮތަށެވެ. އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފެޅިއްޖެނަމަ ދެން ޖެހެނީ އެންމެ އަވަހަކަށް ފުރާ ފްލައިޓަކުން އާސަންދަ ހަމަޖައްސައިގެން ފުރުވާލާށެވެ. ކިރިޔާ ބައްޔެއް ވިޔަސް ޑޮކްޓަރ ރެޕާ ކުރަނީ މާލެ ދިއުމަށެވެ. އެހެންވެ ބޮޑަށް ހޮސްޕިޓަލްގެ ވެރިންގެ ޒިއްމާއެއްގެ ގޮތުގައި އޮންނަނީ މީހުން މާލެ ފުރުވާލުމުގެ މަސައްކަތަށް އަތް ގާތްކޮށްދިނުމެވެ. ނަމަވެސް މިއީ މިއަދު އައްޑޫ ރައްޔިތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބޭނުންވާ ހަމައެކަނި ހިދްމަތެއް ނޫނެނެވެ.

އަ ސަރުކާރަށް 5 މަސް ފުރިގެންދާއިރު ދެ ފަހަރެއްގެ މަތިން ރައީސް ސޯލިހު އައްޑޫއަށް ވަޑައިގެންފިއެވެ. ދެ ފަހަރެއްގެ މަތިން ހެލްތު މިިނިސްޓަރ އަބްދުﷲ އަމީން އައްޑޫއަށް ވަޑައިގެންފިއެވެ. އޭގެ ތެރެއިން އެެއް ދަތުރުފުޅު ހާއްސަ ކުރެއްވީ އައްޑޫގެ ސިއްހީ ނިޒާމްގެ މައްސަލަ ދެނެގަތުމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހު މިނިސްޓަރ އައްޑޫއަށް ކުރެއްވި ދަތުރުފުޅުން ފާހަގަ ކުރެވުނު ކަންކަމުގެ އަލީގައި އަދިވެސް އެއްވެސް ކަމެއް ރަނގަޅު ކުރުމަށް އެޅުއްވި ފިޔަވަޅެއް ފެންނާކަށް ނެތެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންވެސް އެއްވެސް ކަމެއް ހައްލެއް ލިބިގެންދިޔަ ތަނެއް ނުފެނެއެވެ. ކަންކަން އިތުރަށްދަނީ ގޯސް ވަމުންނެވެ.

އައްޑޫ ރައްޔިތުން އަބަދުމެ މި އެދެނީ ކޮންމެ ސަރުކާރަކުން ވެސް އައްޑޫގެ ސިއްހީ ނިޒާމް ހަރުދަނާކޮށްދިނުމަށެވެ. ގާބިލް ވެރިން ގެނެސް ތަނުގެ ހިންގުން ރަނގަޅު ކުރުމަށެވެ. މިއީ މިއަދު ލަސް ކުރެވެން ޖެހޭ ކަމެއް ނޫނެވެ. މި ސަރުކާރަށް އައްޑޫ ރައްޔިތުން ބޮޑުތަނުން ތާއިދު ކުރީ މިކަންކަން އިސްލާހު ކުރުމަށެވެ.