Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން އެބަހުރި: ރޮޒެއިނާ

އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން އެބަ ހުންނެވި ކަމަށް އައްޑޫ މީދޫ ދާއިރާގެ ގޮނޑި ދިފާއުކުރެއްވި ރޮޒެއިނާ އާދަމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން އެބަ ހުންނެވި ކަމަށާއި އަންހެން ބާރުވެރިކުރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމުން މިއީ އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެފަދަ ކަންކަން ނިންމާނީ ޕާލަމެންޓްރީ ގްރޫޕުން ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ހަމަ ރަނގަޅު ވަގުތެއް އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން. އެ ޝައުގުވެރިކަން އަޅުގަނޑުގެ ވެސް އެބަހުރި" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާގެ އިތުރުން އާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެމްޑީޕީގެ އިތުރު ބޭފުޅުންތަކެއް ވެސް ވަނީ ފާޅުކޮށްފައެވެ. އޭގެތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނިވަޑައިގަންވައެވެ.

މި ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ލީޑަޝިޕްގެ އެންމެ ބޮޑު ތާއީދެއް އޮތް ބޭފުޅެއްގެ ގޮތުގައި ފެންނަމުންދަނީ އަސްލަމް އެވެ. އަސްލަމް އަކީ އެމްޑީޕީގެ ޕީޖީ ލީޑަރުކަން މިހާރު ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.