Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (އެކާޅީސްވަނަބައި)

" ވިސްނާނެ ވަރަކަށް ވިސްނަންވީ….އެކަމު އާންގެ ގާތު މިވާހަކަ ދައްކަންވެސް ހިތަށްނާރާތި!…އޭރުން ނަތީޖާ ވަރަށް ގޯސްވާނެ…އާއިންއަށް އެނގިގެން އަހަރެންނަށް ހަމަލާއެއް ދިނަސް އެންމެންގެ ކުރިމަތީގަ އޭނަ ބަދުނާމު ކޮށްލާނަން….އަހަރެން ޝައުންގެ ބޭނުމުގަ އުޅޭކަމުގެ އިލްޒާމް އަޅުވާތަނުން އަހަރެން ބުނާނަން އަހަރެންގެ ލޯބިވެރިޔަކު ހުރެޔޭ….އަހަރެންދެކެ އިންތިހާއަށް ލޯބިވާ ކުއްޖަކު އެބަހުރި…އޭނަ ހެކިބަސްދޭނެ ތިދެމީހުނާ ދެކޮޅަށް…އެހެންވީމަ މިބުނީ އާންއަށް އަންގަންވެސް ހިތަށް ނާރުވާތި!….ވީހާވެސް އަވަހަކަށް ޖަވާބު އަހަރެން ބޭނުން….އެހެންނޫނީ މިފޮޓޯތައް ފެންނާނީ ސޯޝަލްމީޑިއާއިން….މިއިން ކޮންމެ ފޮޓޯއަކަށްވެސް އެތައްބައިވަރު ލައިކެއްލިބޭނެ….ހިނދުކޮޅެއްގެ ތެރޭގެ ޝައުން މުޅި ދުނިޔެއަށް މަޝްހޫރުވާނެ…ޕޯންސްޓާރެއްގެ ގޮތުގަ…." އަދްޔަން ފަހުގެ އިންޒާރު ދިނުމަށްފަހު ނުކުމެގެން ދިއުމުން ޝައުންއަށް ހުރިދިމާއަށް ތިރިވެވުނެވެ. އެއްކަމުން އަރައިނުގަނެވި އުޅެނިކޮށް އަނެއްކާ އަނެއް ތޫފާން ލައިގަތީއެވެ. ދެން އޭނާ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އަދްޔަން މިކުންފުންޏާއި ގުޅުނު އަސްލު ސަބަބު އޭނާއަށް މިވިސްނުނީ އަދި ކިރިޔާއެވެ. އަދްޔަން އެވަނީ ދުރާލައި އޭނާގެ ދިރިއުޅުން ހަލާލުކުރަން ވަރުގަދަ ރޭވުމެއް ރާވާފައެވެ. އެމަކަރުވެރިޔާ އެވަނީ ވަރަށް ކުޅަދާނަ ކަމާއެކީ އެންމެންގެ ހިތްތައް އަތުލާފައެވެ. އެހެންކަމުން، އޭނާ ކިތަންމެ ބޭނުންވި ނަމަވެސް އަދްޔަންގެ ހަޤީޤަތް އެންމެންގެ ކުރިމަތީގައި ހާމަކުރެވޭކަށްނެތެވެ. އާއިންގެ ގާތުގައިވެސް އެވާހަކަ ބުނެވޭކަށް ނެތެވެ. އޭނާގެ ސަބަބުން މުޅި ދުނިޔެއަށް އާއިން ބަދުނާމުވާކަށް އޭނާ ނޭދެއެވެ. މަދަދަށް އެދިދާނީވެސް ކާކުގެ ގާތަށް ހެއްޔެވެ؟ ވިސްނަމުން ގޮސް ޝައުންގެ ބޮލުގައި ރިއްސައިގަތެވެ. އޭނާގެ ބޯހާސްވެގެން އިތުރަށް އެތާމަޑުކުރުމަށް ދަތިވުމުން އޭނާ ގެޔަށް ދިއުމަށް އަވަސްވެގަތެވެ.
ރޭގަނޑުގެ ވަގުތެވެ. ޝައުންއަށް ހޭލެވުނީ މީހަކު އޭނާގެ ކޮޓަރި ދޮރުގައި ޓަކިދޭ އަޑަށެވެ. ކަތްނެތްކަމާއެކު ލޯހުޅުވާލަމުން އޭނާ ތެދުވިއެވެ. އަދި ލަސްހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއެވެ.
" ޝައުން….ހާދަ ވަރަކަށޭ ތިނިދަނީ؟…އަނެއްކާ ބަލީތަ؟…" ދޮރުމަތީގައިހުރި އުޝާއަށް ޝައުން ފެނުމާއެކު އަހާލިއެވެ.
" އާނ….ވަރަށްބޮޑަށް ބޮލުގަ ރިއްސާތީ މިއުޅެނީ….އެހެންވެ ބޭސްކައިގެން އޮށޯތީމަ ނިދުނީ….." ޝައުން އޮޅުން ފިލުވައިދިނެވެ.
" އެހެންތަ؟…ހިނގާ ކައިގެން ޑޮކްޓަރަށް ދައްކަން…..އެހެންނޫނީ މާބޮޑަށް ބަލިވެދާނެ…" އުޝާ ކަންބޮޑުވެފައި ބުނެލިއެވެ.
" ނޫން….މިހާރު ކުޑަކޮށް ރަނގަޅޭ…..އަހަރެން ކާހިތެއްނެތް….ބޭނުންވަނީ އަދިވެސް ނިދާލަން….ހެނދުނު ތެދުވާއިރު ރަނގަޅުވެދާނެ…ދޮންބެދައްތަ ދޭކާން….އަހަރެން ނުކާނަން…" ޝައުން ބަހަނާއެއް ދައްކަމުން އަވަހަށް ދޮރުލެއްޕިއެވެ. އުޝާ ސުވާލު އުފެދިފައި ހުރެގެން އެނބުރި ކާކޮޓަރިއަށް ދިޔައެވެ.
ޝައުން އެނބުރިގޮސް އެނދުގައި އޮށޯތީ އަނެއްކާވެސް ނިދޭތޯއެވެ. ނަމަވެސް މިއަދު އަދްޔަން ދެއްކި ވާހަކަތައް ހަނދާންވެފައި އޭނާގެ ނިދިފިލާ ގޮތްވިއެވެ. އޭނާ ދެލޯމަރައިގެން އޮތްއިރުވެސް އަދްޔަންގެ މޫނު އޭނާގެ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. އަދި އެއިންޒާރުގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ބާލީހުގައި މޫނުފޮރުވައިގެން އޮއްވައި އޭނާ ސިހުނީ ފޯނު ވައިބްރޭޓްވުމުންނެވެ. އޭނާ ބާލީސްދޮށަށް އަތްކޮއްޕާލަމުން ފޯނުނަގައި ސްކްރީންއަށް ބަލާލިއިރު، ވައިބަރއިން އަދްޔަން މެސެޖްކުރަނީއެވެ. ފުލުފުލުން ފޮޓޯމެސެޖްތައް އަދްޔަން ފޮނުވަމުން ދިޔައެވެ. އެއިން ކޮންމެ ފޮޓޯއަކީ އޭނާއަށް ލިބުނު ބިރުވެރި އިންޒާރެކެވެ. ފޮޓޯތައް ފޮނުވާނިމުމުން ގުޑްނައިޓްކިޔާފައި އަދްޔަން ސްޓިކާއެއް ފޮނުވާލިއެވެ. ޝައުންގެ ހިތުގައި ރުޅިވެރިކަމާއި ބިރުވެރިކަން އެކުލެވޭހާލުގައި ފަހަރަކު ފޮޓޯއެއް އޭނާ ހުޅުވަމުން ދިޔައެވެ. އެއިން ކޮންމެ ފޮޓޯއަކީ އޮފީސްތެރޭގައި އޭނާއާއި އާއިން އެކި އެކި މަސައްކަތުގައި މަޝްއޫލުވެގެން އުޅެނިކޮށް ނަގައި އެޑިޓްކޮށްފައިވާ ފޮޓޯތަކެކެވެ. ބައެއް ފޮޓޯތަކުގައި ދެމީހުން އެކުގައިވީނަމަވެސް ގިނަ ފޮޓޯތަކަކީ ދެމީހުންވެސް ވަކިން ތިއްބައި ނަގައި އެއްކޮށްފައިވާ ފޮޓޯތަކެވެ. އެހެންނަމަވެސް އަދްޔަން އެފޮޓޯތައް އެޑިޓްކޮށްފައިވާލެއް ފުރިހަމަކަމުން އެއިން ކޮންމެ ފޮޓޯއަކީ އެދެމީހުންގެ ނާޖާއިޒް ލޯބީގެ މުޑުދާރު މަންޒަރެއް ސިފަކޮށްދޭ ހުތުރު ފޮޓޯއެކެވެ. ދެމީހުންގެ ގައިގޯޅި އަދި ބަރަހަނާ މަންޒަރުތައްވެސް ހަޤީޤަތާއި ނުހަނު ގާތްގޮތަކަށް އޭގައި ސިފަކޮށްދީފައި ވެއެވެ.
ފޮޓޯތައް ބަލަން އިންދައި ބޭއިޚްތިޔާރުގައި އޭނާގެ ލޮލުން ކަރުނަ އޮހެންފެށިއެވެ. އެފޮޓޯތަކުގައި ވާފަދައިން އޭނާއާއި އާއިންއަކީ ދުވަހެއްގައިވެސް އެފަދަ އަމަލެއް ހިއްސާކުރާނެ ބައެއްނޫންކަން އޭނާއަށް ޔަޤީންވީނަމަވެސް ކުޑަހިނދުކޮޅަކަށް އެއީ ޚުދު އެދެމީހުންކަމުގައި އޭނާއަށްވެސް ހީކުރެވުނެވެ. އަދި އެފަދަގޮތަކަށް އާއިންގެ އަތުތެރޭގައި ވުމަށްވެސް އެދެވުނެވެ.
" ނޫން ނޫން….އަހަރެން މިހެން ހިތަށްވެސް އަރުވައިގެން ނުވާނެ….އާންއަކީ އަހަރެންގެ މީހެއްނޫން….އަދި ދުވަހަކުވެސް އަހަރެންގެ މީހަކަށް ވާނެމީހެއްވެސްނޫން….ވީއިރު މިފަދަ ޚިޔާލެއް އަހަރެންގެ ހިތަށްވެރިވާންވީވެސް ކީއްވެ؟….އަހަރެންގެ ސަބަބުން އާންގެ އަބުރަށް ހުތުރުކަން ލިބޭކަން އަހަރެން ނޭދެން….މިކަމުން އާން ސަލާމަތްކުރެވޭނީ ހަމައެކަނި އަހަރެންނަށް….އަހަރެން އެކަން ކުރާނަން….އަދްޔަން އެދުނުފަދައިން އަހަރެން އޭނާއާ އިންނާނަން….އެއީ ކުރިން އޭނާއަށް އަހަރެންގެ ފަރާތުން ލިބުނު ގޯނާގެ ބަދަލަކަށް ފުދޭނެ…..މާދަމާ އަހަރެން އޭނާއަށް ޖަވާބެއް ދޭނަން…." ޝައުން ހިތާ ހިތާ ވިސްނަމުން ދިޔައިރު، ޚުދު އޭނާގެ ހިތަށް އެކަމުން ތަކުލީފު ލިބެމުން ދިޔައެވެ.
އާއިންއަށްޓަކައި އޭނާގެ ޖިސްމާއި ފުރާނައިން ޤުރުބާންވުމަށް ޝައުން ނިންމިއިރު، އާއިންއަކަށް އެކަމުގެ އެއްވެސް ހިލަމެއްނުވެއެވެ. އޭނާ ހިތްހަމަޖެހުމާ، އުފަލާއެކު ފަރަހަނާޒްގެ އުނގުތެރޭގައި އުފާކުރަމުން ލޯބީގެ ދާނެއްގައި މީރުކަން ލިބިގަންނަމުން ދިޔައެވެ. ރޭދެބައިވެގެން ދިޔައިރުވެސް ޝައުންގެ ލޮލަކަށް ނިންޖެއް ނައެވެ. އެޔަށްވުރެބޮޑަށް އޭނާގެ ހިތަށާއި ސިކުނޑިއަށްވަނީ ބުރަކަން ލިބިފައެވެ. އެނދުގައި ފުރޮޅި ފުރޮޅި ވަރުބަލިވެ، ބަނޑުހައިކަން ބޮޑުވުމުން އޭނާ ތެދުވެގެން ކޮޓަރިން ބޭރަށް ނުކުތެވެ. އަދި ހޫނު ކޮފީތައްޓެއް ހަދާލައިގެން ބެލްކަންޏަށް ނުކުތެވެ. މެންދަމުގެ ހަމަހިމޭންކަމުގައި މަގުތަކުންވެސް ފެންނަނީ ފަޅުކަމެވެ. ދުރުދުރުން ދުއްވާއެއްޗެއް އަޑު ހާލަކުން ފަހަރަކު އިވިލާ އަޑުފިޔަވައި އިތުރުއަޑެއް ނީވެއެވެ. ޖައްވުގައިވާ ތެތްފިނިކަމުގެ ތެރެއިން އޭނާގެ ގައިގާ ބީހިލާ މަޑުމަޑު ވައިރޯޅީގައި ގުދުރަތީ ހުވަނދެއްލެވިފައިވަނީ އިމާރާތުގެ ބެލްކަނިތަކުގައިވާ މާގަސްތަކުގައި ފަރިވެފޮޅިވައިވާ މާތަކުގެ މީރުވަހުންނެވެ. އެހެނެއްކަމަކު، އޭނާގެ ހިތަށް އެއިން އެއްވެސް ކަމަކުން ލުއިކަމެއް ލިބޭގޮތެއް ނުވިއެވެ. އޭނާގެ ދިރިއުޅުމެކޭ މި ހިމޭން މެންދަމެކޭ އޮތީ ކޮންތާފާތެއް ހެއްޔެވެ؟ އޭނާގެ ޙަޔާތުގައިވެސްވަނީ ފަޅުކަމާއި ހިމޭންކަމެވެ. އަނދިރިކަމުގެ ތެރެއިން ބީހިލާ ރޯޅިފަދައިން އޭނާވެސް ކުލަނެތް ހުވަފެންތަކެއް ދެކެއެވެ. އަދި އެވައިރޯޅީގައިވާ މީރުވަސްފަދައިން ސިއްރުވެރި ލޯތްބެއްވެސް އޭނާގެ ހިތުގައިވެއެވެ. މިހިމޭން މެންދަމުގެ ފިނިކަމާއި ހިތްގައިމުކަން ދެކޭނެ މީހަކުނެތްފަދައިން އޭނާގެ ހިތުގެ ހާލަތު ދެނެގަންނާނޭ މީހަކުވެސް ނެތެވެ. މަންޒިލް ގެއްލިފައިދާ ދަތުރުވެރިޔަކު ފަދައިން އޭނާވެސް ދިރިއުޅުމުގެ މައިދާނުގައި ކުރިޔަށްދަނީއެވެ.
" ކާކު ބެލްކަނީގަ؟…ކޮކީތަ؟…" ވިސްނުމަކަށް ގެއްލިފައިވާ ޝައުން ސިހުނީ އިޒްޔަންގެ އަޑުންނެވެ.
" އާނ…ކިހިނެއްވީ ދޮންބޭ؟…" އިޒްޔަން ފެނުމާއެކު ކަންބޮޑުވެފައި ޝައުން އަހާލިއެވެ.
" މިދަންވަރު…މިތާ ބޮކިވެސް ނުދިއްލާ އަނދިރީގަ ކީއްކުރަނީ؟…." ބެލްކަނީގެ ބޮކިދިއްލާލުމަށްފަހު ޝައުންގެ ގާތަށް އައިސް ހުއްޓެމުން އިޒްޔަން އަހާލިއެވެ.
" އަނދިރިތަ؟….އަހަރެންނަކަށް އަނދިރިއެއްނޫން…އެހެންނޫނަސް އަބަދު އަލިކަމުގަ އުޅޭކަށްނުވާނެ…ބައެއްފަހަރު އަނދިރީގަވެސް އުޅެންޖެހޭނެ….އޭރުން އަލިކަމެއް ނެތްދުވަހަކުންވެސް އުޅެން އެނގޭނީ…." މާނަފުން ބަސްތަކަކުން ޝައުން ރައްދު ދިނުމުން އިޒްޔަން ބަލާލީ ހައިރާންވެފައެވެ.
" ކޮކީގެ ތަބީއަތް ރަނގަޅުތަ؟…ދޮންބެދައްތަބުނި ކޮކީ ބަލިވާހަކަ….އަދިވެސް ބޮލުގަ ރިއްސާތަ؟…" ޝައުންގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކު އިޒްޔަން އެހިއެވެ.
" ހޫމް…ރަނގަޅު….އެއީ އަބަދުވެސް ވާގޮތެއްނު….ނިދާލީމަ ރަނގަޅުވެޔެއްނު…" ފަރުވާކުޑަ ގޮތަކަށް ޝައުން ބުނެލިއެވެ.
" އެކަމު ދޮންބެއަށް ހާދަ ހީވެޔޭ ކަމެއް ގޯސްހެން….ބުނެބަލަ! ކިހިނެއްތަވީ؟…" ޝައުންގެ މޫނަށް ބަލާލަމުން ސީރިއަސްކަމާއެކީ އިޒްޔަން އަހާލިއެވެ. އެވަގުތު ޝައުންގެ ހިތުގައިޖެހި ލޯފެންކަޅިވާ ގޮތްވިއެވެ. އޭނާ ކިހާ ބަދުނަސީބު ހެއްޔެވެ؟ އޭނާގެ ދޮންބެ އޭނާދެކެ އިންތިހާއަށް ލޯބިވާކަން އެނގޭއިރުވެސް އޭނާގެ ތަކުލީފު ހިއްސާކުރެވޭކަށްވެސް ނެތެވެ.
" ކަމެއްނުވެޔޭ ދޮންބޭ….މާބުރަކޮށް އުޅޭތީ ހީވާގޮތެއް އެއީ….ކުޑަ ދުވަސްކޮޅަކަށް ބްރޭކެއް ނަގަން މިވިސްނަނީ….އޭރުން ރަނގަޅުވެދާނެ…" ދުރުބަލަންހުރެ ޝައުން ބުނެލީ އޭނާގެ ލޮލުގައި ގިނަވަމުންދާ ކަރުނަތައް އިޒްޔަންއަށް ސިއްރުކުރަމުންނެވެ.
" އާނ…ދޮންބެއަށްވެސް ހީވަނީ ބްރޭކެއް ނަގަން ވެއްޖެހެން….އެހެންނޫނީ ބަލިވެދާނެ…" އިޒްޔަންވެސް ޝައުންގެ ޚިޔާލަށް ތާއީދުކުރިއެވެ.
" ދޮންބެއަށް ކޮފީއެއް ހަދާދޭންވީތަ؟…" ޝައުން ހިނިތުންވެލަމުން މައުލޫއު ބަދަލުކޮށްލިއެވެ.
" ނޫނޭ….ދޮންބެ އަމިއްލަ ކޮފީއެއް ހަދާލަފާނަން…ކޮކީދޭ ނިދަން…މިހާރު ވަރަށް ލަސްވެއްޖެ…މާދަމާ އޮފީހަށްވެސް ދާން ޖެހޭނެއްނު…" އިޒްޔަން އެހެން ބުނުމުން ޝައުންވެސް އިންކާރު ކުރުމެއްނެތި ދިޔައެވެ.
ޖެހިގެން އައި ދުވަހު ޝައުންހުރީ އޮފީހަށްދާން ބޭނުންނުވެފައެވެ. ނަމަވެސް މަސައްކަތްތައް ފުނިޖެހިފައި ހުރުމުން އޭނާއަށް ގޭގައި މަޑުކުރެވޭކަށް ނެތެވެ. ވަކިތާރީޚަކަށް ނިންމަންޖެހޭ ބައިވަރުކަންކަން މިހާރުވެސް ހުރީ ތާރީޚް ފަހަނައަޅައި ގޮސްފައެވެ. އެހެންކަމުން އޭނާ ދެފިކުރެއްގައި ހުރެވެސް އޮފީހަށް ދިޔައެވެ. އޭނާ ވަރަށް ވިސްނައިގެން އަދްޔަން އަދި އާއިންއަށްވެސް ނުފެނި އޭނާގެ ބަޔަށް ދިޔައެވެ. މިއަދު އެއިން މީހެއްގެ މޫނުދެކޭކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް މިއަދު ހުރިހާ މުއައްޒަފުންނަށް ބާއްވާ ބައްދަލުވުމެއް އޮތްކަން ހަނދާންވީވެސް، އޭނާގެ މޭޒުކައިރީގައި އިށީނދެ ދުވަހުގެ ތާވަލު ބަލާލުމުންނެވެ.
" މިއަދު ރައުހާ ހާދަ ލަސްވެއްޖެއޭ….އަނެއްކާ އޮފީހަށްވެސް ނާންނަނީބާ؟…." ގަޑިޖެހިގެން އެތައްއިރެއް ވީއިރުވެސް ރައުހާ ނުފެނުމުން ޝައުން ހިތާހިތާ ކިޔާލިއެވެ.
ބައްދަލުވުމަށް ދާ ވަގުތުޖެހުނުއިރުވެސް ރައުހާއެއް ނައެވެ. އެހެންކަމުން އޭނާ އަމިއްލައަށް ނޯޓްތައްޔާރުކޮށްގެން ބައްދަލުވުމަށް ދިއުމަށް ތައްޔާރުވިއެވެ. ބައްދަލުކުރާ މާލަމަށް އޭނާއަށް ދެވުނީ އާއިންއާއި ދާދި އެކުއެކީގައެވެ. އެހެންނަމަވެސް އޭނާ އާއިން ފެންނަކަމަށްވެސް ނުހަދާ ގޮސް އެތެރެއަށްވަނެވެ. އާއިން ކުޑަކޮށް ހައިރާންވެހުރެ ގޮސް އޭނާއަށް ޚާއްސަކުރެވިފާ ގޮނޑީގައި އިށީނެވެ. އިރުކޮޅެއްނުވެ އަދްޔަން އައިސް ޝައުންއާއި ޖެހިގެންހުރި ގޮނޑީގައި އިށީނެވެ. ޝައުން ނުބަލަން އިސްޖަހައިގެން އިންދައިވެސް އަދްޔަން ބޯގުދުކޮށްގެން ޝައުންގެ މޫނަށްބަލާލަމުން ނުލަފާޒާތަކަށް ހީލިއެވެ. އަދްޔަންގެ އެއަމަލުން ދުރުގައި އިން އާއިންގެ މޫނަށް ނުރުހުމެ ކުލަވަރެއް އަރައިގެން ދިޔައެވެ.
" ގުޑް މޯރނިން ލަވްލީ…" އެހެންމީހުންނަށް ސިއްރުން ޝައުންގެ އަތުގައި ހިފާލަމުން އަދްޔަން ބުނެލިއެވެ. ޝައުން ޖަވާބެއްވެސްނުދީ އޭނާގެ އަތްދަމައިގަތެވެ.
" މިވަގުތު އަތްދަމައިގަތަސް ތިއަތާއި އަތުގެ ވެރިޔާއަކީވެސް ހަމައެކަނި އަހަރެންގެ މިލްކެއް….އެހެންމީހަކަށް ލިބުނަކަ ނުދޭނަން….އެހެންވީމަ ނޫނޭކޭބުނެ ޖަވާބުދޭން ޚިޔާލުކުރުމަކީވެސް ބޭކާރުކަމެއް…." ޝައުންއާއި ގާތްވެލަމުން އަދްޔަން ބުނެލި ބަސްތަކުން ޝައުންގެ ރުޅިގަދަވިއެވެ. އެހެނަސް ވަގުތު ނާޒުކްކަމުން އޭނާ ހިމޭނުން އިނެވެ.
ބައްދަލުވުން ނިމުމާއެކު، އެންމެ އަވަހަށް އެތަނުން ނުކުތީ ޝައުންއެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އަދްޔަންއާއި އާއިންގެ ކުރިމަތިން ދުރަށް ދިއުމަށެވެ. ޝައުންގެ ހަރަކާތްތައްހުރި ގޮތުން އާއިންއަށް އެއްޗެއް ވިސްނިގެން އަދްޔަންގެ ގާތަށް އައެވެ.
" ކަލޭ ކިހިނެއްވެގެން މިއަދު ތިއުޅެނީ؟….އަހަރެން ނުބުނަންތަ ޝައުންއާ ދުރުގަ އުޅޭށެކޭ؟…." އެހެންމީހުންނަށް ނީވޭނެހެން އާއިން ބުނެލިއެވެ.
" ކީއްވެ؟…އާންއަށް އެކަނިތަ ޝައުންއާ ގާތްވުމުގެ ހައްޤުއޮތީ؟…އާންއަށް ވަކި ކޮންގޮތަކުންތަ ޝައުންއާ ގާތްވުމުގެ ހައްޤު ލިބިގެންވަނީ؟…ތިއީ މީހެއްގެ ފިރިއެއް…އެހެންވީމަ ތިމާގެ އަނބިމީހާއަށް ވަފާތެރިވެވޭތޯ ބަލާބަލަ! އަހަރެން ކޮންމެގޮތަކަށް އުޅުނުނަމަވެސް އެއީ އާން ބެހެންޖެހޭ ކަމެއްނޫން….އަދި ބުނަން ޝައުންއަކީ އާންގެ އަމިއްލަ މުދާގަނޑެއްނޫން، އަމިއްލަކޮށްގެން މުޅި އުމުރު އުޅޭކަށް….ޝައުންއާ ދުރުގަ ހުންނަވީ މީހަކީ ތީ…މަށެއްނޫން…އެނގިއްޖެތަ؟…" ރުޅިވެރިކަމާއެކު އާއިންއާ ދިމާއަށް ބަވާލުމަށްފަހު މަޑުކޮށްލުމެއްވެސްނެތި އަދްޔަން ނުކުމެގެން ދިޔައެވެ. އާއިން ރުޅިއައިނަމަވެސް ބުނާނެ އެއްޗެއް ނޭނގިފައި އަދްޔަން ދިޔަ ދިމާއަށް ބަލަން ހުއްޓެވެ. މިއޮއްހުރިހާ ދުވަހު އަދްޔަން އުޅުނީ ވަރަށް މަޑުމައިތިރިކަމާއި އެކުވެރިކަން ދައްކައިގެންނެވެ. ވީއިރު ހަމަ ކުއްލިއަކަށް އޭނާ އެހާ ހަރުކަށިވީ ކީއްވެގެން ބާއެވެ؟
ޝައުން އަވަދިނެތި އޭނާގެ މަސައްކަތްތައް ވަގުތައް ނިންމޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަދްޔަން އޭނާއަށް މެސެޖެއްވެސް ކޮށްފާނެ ކަމަށްޓަކައި އޭނާއިނީ ފޯނުވެސް ނިއްވާލައިގެންނެވެ. އެހެން އިންދައި އޭނާގެ މޭޒުމަތީގައިވާ ލޭންޑްލައިންފޯނު ރިންގްވިއެވެ. ނުނަގާނަމޭ ހިތައި އިނދެފައިވެސް މުހިއްމު ކޯލަކަށްވެދާނެތީ އޭނާ ނެގިއެވެ.
" މަގޭ ލޯބިގަނޑާ…ފޯނުވެސް ނިއްވާލައިގެންތަ ތިއުޅެނީ؟…ކުޑަމިނުން ދޮރުވެސް ތިހުރީ ތަޅުލާފަ….މިހާރު ކިތަންމެ ފަހަރަކު ތިބަޔަށް ގޮސްފިން….ޕްލީޒް ދޮރު ހުޅުވާލަބަލަ! މަބޭނުމޭ ތިމޫނު ގާތުން ދެކިލަން…އެހެންނޫނީ މަސައްކަތެއް ނުކުރެވޭނެ…" އަދްޔަންގެ އަޑުއިވިފައި ވީފޫހިން ޝައުން ފޯނުބޭއްވިއެވެ. ނަމަވެސް ދެވަނަ ފަހަރަށްވެސް ފޯނުރިންގްވިއެވެ. އޭނާ ހިތްވަރުކޮށްފައި ފޯނު ނުނަގާއިނެވެ. ދެތިންފަހަރަކު ރިންގްވެފައި ފޯނުކެނޑުނެވެ. ނަމަވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަނެއްކާވެސް އިރުކޮޅެއްފަހުން ފޯނުރިންގްވާން ފެށިއެވެ. ކެނޑިނޭޅި ފޯނުރިންގްވާން ފެށުމުން ބޮލަށް އުނދަގޫވެގެން އަތްގަނޑުނަގައި ދުރުގައި ބޭއްވުމަށްފަހު މަސައްކަތައިގެން އޭނާ ކުރިޔަށްދިޔައެވެ.
ހެނދުނުގެ ނާސްތާގެ ވަގުތު ގޮސް މެންދުރުވީއިރުވެސް ޝައުންއަކަށް ރޭކާނުލައެވެ. އޭނާ ކުރަމުން ދިޔަ މަސައްކަތް ފިޔަވައި އެހެން އެއްވެސް ކަމަކަށް މިއަދު އޭނާ ސަމާލުކަންދޭކަށް ބޭނުމެއްނުވެއެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ އަހަރު ދުވަހުގެ މަސައްކަތް އެއްދުވަހުން ނިންމަން އުޅޭހެންނެވެ. އެގޮތުގައި އޭނާ އިންނަތާ އެތައްއިރެއްފަހުން ކުއްލިއަކަށް ދޮރުހުޅުވުނު އަޑުއިވިފައި އޭނާ ސިހުނެވެ. ތަޅުލާފައި ހުއްޓައިވެސް ދޮރުހުޅުވާފައި އާއިން އެތެރެއަށް ވަނުމުން ހައިރާންވެފައި ޝައުން ބަލާލިއެވެ.
" ޝައުން…ޝައުން ރަނގަޅުތަ؟" ދުވެފައި ކަހަލަ ގޮތަކަށް އައިސް އާއިން އަހާލިއިރު އޭނާހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ.
" ކިހިނެއްވީ؟…ކީއްވެ ހާދަ ހާސްވެފަ؟…" އާއިންގެ ހާސްކަންފެނިފައި ޝައުން ކަންބޮޑުވިއެވެ.
" މީހަކު ހާސްނުވާވަރުތަ؟…ކިހާއިރެއްތަ ޝައުންއަށް ގުޅަނީ؟…މޯބައިލް ނިވާލާފަ، މިތާގެ ފޯނު އެންގޭޖް…ނުވިތާކަށް މިތާނގެ ދޮރުވެސް ތިހުރީ ތަޅުލާފަ….އަހަރެން ކިހާއިރެއް މިހާރު ޝައުންއަށް ގޮވާތާ….ޝައުންގެ ޚަބަރެއްނުވުން އަހަރެން ހީކުރީ ކަމެއްވީކަމަށް….އެހެންވެ މިތާނގެ ތަޅުދަނޑިހޯދައިގެން ވަންނަން މިޖެހުނީ…." އާއިން އޮޅުން ފިލުވައިދިނެވެ.
" މާގިނަ މަސައްކަތްހުރީމަ ފޯނުވެސް ނިވާލައިގެން މިއުޅެނީ….ސޮރީ…އަހަރެން ހިޔެއްނުކުރަން އާން ތިހާ ހާސްވާނެކަމަކަށް…" އާއިން ކަންބޮޑުވެފައި ހުރިވަރުން ޝައުން މާފަށް އެދުނެވެ.
" ޝައުން….އަދްޔަން އެއްޗެކޭ ބުނިތަ؟.." ހަމަޖެހުމުގެ ނޭވާއެއްލަމުން އާއިން އަހާލިއެވެ.
" ނޫން…ކިހިނެއްވީ؟…" އަދްޔަންގެ ނަންއިވިފައި ކަންބޮޑުވީނަމަވެސް އޭނާ އަވަސް އަވަހަށް އިންކާރުކުރިއެވެ.
" ކަމެއްނުވޭ…މިއަދު ބައްދަލުވުމުގަ އޭނާ އުޅުނުގޮތުން ހަމަ އަހާލީ….އޭނާ ގޯނާއެއް ކުރަންޏާ ލަސްނުކޮށްބުނާތި! އޭނާ ކިތަންމެ ރަނގަޅުވާން އުޅުނަސް އަބަދަކު އެގޮތަށް އެކްޓެއް ނުކުރެވޭނެދޯ…..އޭނާގެ ހަރަކާތްތަކަށް އަބަދުވެސް އަހަރެމެން ފާރަވެރިވާން ޖެހޭނެ…" ވިސްނުމެއްގައި އިނދެ އާއިން ބުނަމުން ދިޔައެވެ.
" އާން…އަހަރެން ވަރަށް ބިޒީ….މިވަގުތު ގޮސްފާނަންތަ؟…." ޝައުން ބޭނުންވީ އަވަހަށް އާއިން ފޮނުވާލުމަށެވެ.
" އާނ…އެކަމު ފޯނު ހުޅުވާފަ ބާއްވާ….އަހަރެން މިއައީވެސް ޕްރޮޖެކްޓެއްގެ ވާހަކަ ދައްކާލަންވެގެން….އެކަމުދެން ފަހުން އަންނާނަން…" އެހެން ބުނުމަށްފަހު އާއިން ނުކުމެގެން ދިޔައެވެ.
އެދުވަހުގެ ބާކީބައިގައިވެސް ޝައުން އުޅުނީ އަދްޔަންއާ ފިލައިގެންނެވެ. ނަމަވެސް އާއިންގެ އެދުމަށް ފޯނު ހުޅުވަން ޖެހުމުން އަދްޔަންގެ މެސެޖްތަކުން އޭނާގެ ބޯހާސް ކުރުވިއެވެ. އަދްޔަންގެ އިންޒާރުގެ މެސެޖްތައް ކެނޑީނޭޅި އަންނަން ފެށުމުން ޝައުން އެއަށް ރައްދުދޭން ނިންމިއެވެ.
" އަދްޔަން…މިރޭ އަހަރެން ބޭނުން ބައްދަލުކުރަން…." ޝައުން މެސެޖެއް ލިޔެލާފަ ފޮނުވާލުމާއެކު އަދްޔަން ގުޅިއެވެ. ފޯނު ނުނަގަން ހުރެފައިވެސް ޝައުން ފޯނުނެގިއެވެ.
" އަސްލުވެސް ބައްދަލުކުރާނަންތަ؟" ޔަގީންނުވެފައި އަދްޔަން އަހާލިއެވެ.
" އާނ….ބައްދަލުކުރާނަން…..ބައްދަލުކުރަންވީތަނާއި ވަގުތު މެސެޖްކުރާނަން…" އެހެންބުނުމާއެކު ޝައުން ފޯނުބޭއްވިއެވެ. އަދްޔަން ވީއުފަލުން ހަޅޭއްލަވައިގަތެވެ.
ރޭގަނޑުގެ ވަގުތެވެ. ޝައުން ތައްޔާރުވަމުން ދިޔައީ އަދްޔަންއާ ބައްދަލުކުރުމަށެވެ. މިރޭ އޭނާ ގޮތެއް ނިންމާނެއެވެ. އޭނާގެ ސަބަބުން އާއިންގެ ދިރިއުޅުމަށް ކުޑަނަމަވެސް ބުރުލެއް އެރިޔަކަ އޭނާ ނުދޭނެއެވެ. އޭނާއަށް ދުވަހަކުވެސް އާއިންގެ ލޯބި ނުލިބުނު ނަމަވެސް، އޭނާގެ ނަމާއި އާއިންގެ ނަންގުޅުވައިގެން ދުނިޔެއަށް ބަދުނާމުވާކަށް އޭނާ ބޭނުމެއް ނޫނެވެ.
" ކޮންތާކަށްދަނީ ހާދަ ރީތިވެލައިގެން؟…" ޝައުން ގެއިން ނުކުމެ ނުކުމެ ހުއްޓައި އުޝާ އަހާލިއެވެ.
" ދުވަސްވީ ރައްޓެއްސަކާ ބައްދަލުކޮށްލަން….ތަންކޮޅެއް ލަސްވެދާނެ…އަހަރެން އަންނަންދެން ނުނިދާ ނުހުންނާތި!…" ޝައުން ބުނެލިއެވެ.
ޝައުން އެދުނު ގޮތަށް އަދްޔަން ހަމަ ވަގުތަށް ޝައުންބުނި ތަނަށް އޭނާ ހާޒިރުވިއެވެ. އެއީ ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހުރި ވަރަށް އާދައިގެ ކުޑަކުޑަ ރެސްޓޯރެންޓެކެވެ. ޝައުން އެތަން ޚިޔާރުކުރީ އޭނާގެ ގެޔާއި ދުރުވެފައި އާއްމުކޮށް މީހުން މަދުން އަންނަ ތަނަކަށްވުމުންނެވެ. ފަހަރެއްގައިވެސް އޭނާގެ އާއިލާމީހަކަށް އޭނާ އަދްޔަންއާއެކު ފެންނާކަށް ނޭދެއެވެ. އޭނާ އެތަނަށް އައިއިރު، އަދްޔަން އިނީ އޭނާގެ އިންތިޒާރުގައެވެ.
" ވާއު….ހާދަ ރީއްޗޭ….ހަމަ ހީވަނީ އަހަރެންގެ ހިތް ތިޔަ އުނގަށް ފުންމާލަފާނެހެން…." އަދްޔަންގެ ކުރިމަތީގައި ޝައުން އިށީނުމުން، ޝައުންއާ ދިމާއަށް އޭނާ ފުންކޮށް ބަލާލިއެވެ.
" ކޯއްޗެއް ކާނީ؟…" ޝައުން ޖަވާބެއް ނުދީ އިނުމުން އަދްޔަން ސީރިއަސްކަމާއެކު އަހާލިއެވެ.
" އަދްޔަން ބޭނުން އެއްޗެއް ގެނޭ…." އާދައިގެ ގޮތަކަށް ޝައުން ބުނެލިއެވެ. އެހެންކަމުން އަދްޔަން ވެއިޓަރަކަށް ގޮވާލާފައި މެނޫއިން ދެނަމްބަރެއް ބުނެލިއެވެ.
" މިރޭ އަސްލުވެސް ވަރަށްރީތި؟…އެކަމު އެހާ މޫޑީވެފަ އިނީމަ ކަމަކު ނުދޭ….ކުޑަކޮށް ނަމަވެސް ހީލަބަލަ!…" ޝައުންއަށް ތަޢުރީފުކޮށްލަމުން އަދްޔަން ބުނެލިއެވެ.
" އަދްޔަން….އަހަރެން މިތަނަށް މިއައީ ވަރަށްބޮޑަށް ވިސްނުމަށްފަހު….އެހެންވީމަ އަހަރެން މިދައްކާ ވާހަކަ ވަރަށް ސީރިއަސްކަމާއެކު ކަނުލާ އަޑުއަހާތި!…" އަދްޔަންގެ މޫނަށް ބަލާލަމުން ޝައުން ވާހަކަ ދައްކަން ފެށިއެވެ.
" އެންމެ ރަނގަޅު…ކޮންމެ ވާހަކައެއް ދެއްކިޔަސް އަޑުއަހަން ތައްޔާރަށް މިހުރީ…އަވަހަށް ފަށާ…" ގޮނޑީގައި ހަމަޖެހިލަމުން ޝައުންއާ ހަތަރުކަޅި ހަމަކޮށްލާފައި ސާބިތުކަމާއެކު އަދްޔަން ބުނެލިއެވެ.
" އަހަރެން އަދްޔަންއާ އިންނާނަން….އެކަމަކު އަހަރެން އެކަން ކުރަންބޭނުމީ ކުޅިވަރެއްގެ ގޮތުގައެއްނޫން….ކައިވެނިކޮށްގެން ރީތި ދިރިއުޅުމެއް އުޅެން އަހަރެން ބޭނުމީ….އަދްޔަން އަހަރެންނާ ކައިވެނިކުރަން ތިއުޅެނީ އަހަރެންގެ ފަރާތުން ބަދަލެއް ހިފަން ކަމުގަވާނަމަ ތިކުރެވެނީ ވަރަށް ތާކުން ތާކު ނުޖެހޭ މޮޔަކަމެއް….އެއްވެސް ހާލެއްގަ އަދްޔަން ހީނުކުރާތީ ފޮޓޯގަނޑެއް އެޑިޓްކޮށްލާހާ ފަސޭހަ ކަމެކޭ އިންސާނެއްގެ ހިތާކުޅުމަކީ….އެއީ ވަރަށް އުނދަގޫކަމެއް….މީހެއްގެ އިތުބާރާ ލޯބި ހޯދޭނީ ހަމަ އެމީހަކުވެސް އިތުބާރާ ލޯބިދީގެން….އަނިޔާވެރިކަމާ ގަދަބާރުން ލިބޭނެ އެއްޗަކީވެސް ހަމަ އަނިޔާވެރިކަން….އަހަރެން ބުނަން މިއުޅޭ ވާހަކައަކީ އެފޮޓޯތަކަށް ބިރުންނެއްނޫނޭ އަހަރެން އަދްޔަންއާ ކައިވެނިކުރަން ބޭނުންވަނީކީ….ހަމަ ހަޤީޤީ ދިރިއުޅުމެއް އުޅެން އަހަރެން ބޭނުންވަނީ….އެގޮތާ ރުހިގަބޫލުވަންޏާ އަހަރެން މިހުރީ އަދްޔަންއާ ކައިވެނިކުރަން ތައްޔާރަށް…." ޝައުން ވަރަށް ސީރިއަސްކަމާއެކު ދެއްކި ވާހަކަތަކުގެ ސަބަބުން އަދްޔަންގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. އެއީ އޭނާ ޝައުންގެ ފަރާތުން އުއްމީދުކުރި ޖަވާބެއް ނޫނެވެ. ޝައުން ދުވަހަކުވެސް އޭނާއާ ކައިވެނިކުރަން ބޭނުންވެދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. އޭނާ ހީކޮށްގެން ހުރީ މިރޭ ޝައުން އޭނާގެ ފަރާތުން ރޮއެ އާދޭކުރާނެ ކަމަށެވެ. އަދި ކައިވެނިކުރަން އެއްބަސްވީނަމަވެސް އެކަމާވެސް ހިތާމަކުރާނެ ކަމަށެވެ.
" އަހަރެންނަކަށް ނުވިސްނުނު….ޝައުން ހަމަ އަހަރެންނާ ކައިވެނިކުރަން ބޭނުންތަ؟…ހަމަ ސީރިއަސްކޮށް އަހަރެންނާއެކު ދިރިއުޅެން ބޭނުންތަ؟…" ޝައްކެއްގެ މަތީގައި ހުރެގެން އަދްޔަން އަހާލިއެވެ.
" އާނ…އަހަރެން މިދެއްކީ ސީރިއަސް ވާހަކައެއް….އަހަރެން ގަބޫލުކުރަނީ އަދްޔަން އަދިވެސް އަހަރެންދެކެ ލޯބިވާނެކަމަށް….ލޯބިނުވާނަމަ ހަމަގައިމުވެސް ކައިވެންޏެއް ކޮށްގެން އަންހެންކުއްޖެއް ފަރާތުން ބަދަލެއް ހިފަންއުޅޭނީ މޮޔައަކު…އެހެންވީމަ މުޅި އުމުރަށްވެސް އަދްޔަންގެ މީހަކަށްވާން އަހަރެން ތައްޔާރު….އަދްޔަން ތައްޔާރުތަ؟…" ޝައުން ހަމަޖެހިލާފައި ސުވާލުކޮށްލިގޮތުން އަދްޔަންއަށް ބަލަން އިނދެވުނެވެ.
" އެކަމު ކީއްވެ؟…ޝައުން ލޯބިވަނީ އާންދެކެއެއްނު….ދެން ކީއްވެ އެހާފަސޭހައިން އަހަރެންނާ ކައިވެނިކުރަން އެއްބަސްތިވީ؟…ތިދެމީހުން ބަދުނާމުވެދާނެތީ ހަމައެހާބޮޑަށް ބިރުގަނޭތަ؟…" މަލާމާތުގެ ރާގަކަށް ހީލަމުން އަދްޔަން އެހިއެވެ.
" ނޫން..ބިރެއްނުގަނޭ….އަހަރެން ނުކުރާކަމަކަށް ބަދުނާމުވެދާނެތީ އަހަރެން ކުޑަކޮށްވެސް ބިރެއްނުގަނޭ….އެހެންނޫނަސް އެފޮޓޯތައް ލީކްކޮށްލައިފިނަމަ އަހަރެންގެ އަބުރާއި އިތްޒަތް ސަލާމަތްކުރުމަށްޓަކާވެސް އާން އަހަރެންނާ އިންނާނެކަން ޔަޤީން….އޭރުން އަހަރެންނަށް އަހަރެންގެ ލޯބި ލިބުނީ….އެހެންގޮތަކުން ބުނާނަމަ އަދްޔަން އެކަންކޮށްފިނަމަ އެވާނީ އަހަރެންނަށް ކޮށްދެވޭ ހެޔޮކަމަކަށް….ކުޑަދުވަސްކޮޅަކަށް ބަދުނާމުވިޔަސް މުޅި އުމުރަށް އާންގެ މީހަކަށްވީމަ އަހަރެން ކިހާ އުފާވާނެ….ވަގުތާއެކީ މީހުން އެފޮޓޯތަކުގެމަތިންވެސް ހަނދާންނެތޭނެ….އަހަރެމެން ލޯބިން އުޅޭތަން ފެނުނީމަ އެއްވެސްމީހަކު އެފޮޓޯތަކުގެ ވާހަކަ ދައްކާކަށްވެސް ބޭނުމެއްނުވާނެ….މިޒަމާނުގަ ފޮޓޯގަނޑެއް ލީކްވުން އެއީދެން އެހާބޮޑުކަމެއްވެސް ނޫނެއްނު….އެހެންވީމަ ބޯޅައޮތީ އަދްޔަންގެ ކޮޅު…ޖަހާނެކޮޅެއް ޚިޔާރުކުރާނީ އަދްޔަން….އަހަރެން މިދިން ފުރުސަތުގެ ބޭނުން ހިފައިގެން އަހަރެންނާއެކު ރަނގަޅު ދިރިއުޅުމެއް ޚިޔާރުކުރިޔަސް ނުވަތު ފޮޓޯތައް ލީކްކޮށް އަހަރެން ބަދުނާމުކުރިނަމަވެސް ފަރުވާލެއްނެތް….ދެގޮތުންކުރެ ކޮންމެގޮތަކަށްވެސް އަހަރެން ރުހޭނަން…" ޝައުން ވަރަށް ސާބިތުކަމާއެކު ބުނެލިއެވެ. ޝައުންގެ ވާހަކަތަކުން ޝޮކެއްލިބިފައި އަދްޔަން އިނީ ބުނާނެ އެއްވެސް އޭނާ ވިސްނުމަށް ނައީތީއެވެ. ޝައުންއަކީ އޭނާ ހީކުރިފަދަ ފިނޑި ކުއްޖެއްނޫނެވެ. އެޔަށްވުރެ ހަރުދަނާ ވިސްނުމެއްގެ ވެރި، ކުޅަދާނަ ކުއްޖެކެވެ. ފަސޭހައިން މީހެއްގެ މަޅީގައި ޖެހޭނެ ކުއްޖެއް ނޫނެވެ. ޝައުން ބުނިފަދައިން އޭނާ ޚިޔާރުކުރަންވީ ގޮތެއް ނިންމަން އޭނާއަށް މަޖުބޫރު ވެއްޖެއެވެ. ވެއިޓަރ ކާތަކެތި ހިފައިގެން އައިއިރުވެސް އަދްޔަން އިނީ ވިސްނުމަކަށް ގެއްލިފައެވެ.
" ކޮބާ ކާންވީނު؟…ބަނޑުހައިކަންމަތީ ހުރެގެން ރަނގަޅަކަށް ނުވިސްނޭނެ…" އަދްޔަންގެ މޫނަށް ބަލާލަމުން ޝައުން ހީލިއެވެ. އަދްޔަންގެ މޫނުގައިވާ ކުލަވަރުން އޭނާދެއްކި ވާހަކައިގެ އަސަރު ވަރަށް ރަނގަޅަށް އަދްޔަންއަށް ކޮށްފިކަން އޭނާއަށް ދޭހަވިއެވެ. ހިތުގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ވީނަމަވެސް، އޭނާ އަދްޔަންއާ ކުރިމަތިލީ ނުހަނު ކެރިގެން ސާބިތުކަމާއެކުގައެވެ. އެހެންކަމުން އޭނާއަކީ ޖެހިލުންކުޑަ ކުއްޖެއްކަން މިހާރު އަދްޔަންއަށް ގަބޫލުކުރެވޭނެއެވެ. ނަމަވެސް އަދްޔަން ޚިޔާރުކުގޮތެއް އަދި ނޭނގެއެވެ. ކޮންމެ ގޮތެއް ޚިޔާރުކުރިނަމަވެސް އެކަމުން އޭނާއަށް ލިބޭނެ މޮޅެއްނެތެވެ.
ނުނިމޭ