Last Updated: April 30, 06:17
Tuesday, April 30, 2024
ޚަބަރު

ވައިގެ މަގުން ކާޑެއްދޫ އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ފޮޓޯ: ޕޮލިސް

ބޮކްސާތެރެއަށް މަސްތުވާތަކެތި ލައިގެން ގދ. ކާޑެއްދޫއަށް އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ ކާޑެެއްދޫއަށް އަންނަ ފުލައިޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސާއި ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މިއަދު ހެދުނު 10:00ގައި ހިންގި އޮޕަރޭޝަނެއްގައި ކާޑެއްދޫ އެއާރޕޯރޓުންނެވެ.

އެއާރޕޯރޓުން މިމީހާ ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ބޮކްސާތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 05 ކެޕްސޫލާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 02 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤުކުރަމުންނެވެ.