Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

ސިޓީ ކަޓުވާލުމަށްފަހު ޓޮޓެންހަމް ސެމީ އަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓަރ ސިޓީ އަތުން 3-4 އިން ބަލިވި ނަމަވެސް އަވޭ ގޯލުން ކުރި ހޯދައިގެން މުބާރާތުގެ ސެމީފައިނަލަށް ޓޮޓެންހަމް ދަތުރުކޮށްފިއެވެ.

ރޭގެ މެޗުގެ ނަތީޖާ އާއެކު ޓޮޓެންހަމާއި ސިޓީގެ އެގްރިގޭޓް 4-4 އިން އެއްވަރުވިއިރު، ޓޮޓެންހަމަށް ކުރި ލިބުނީ ރަށުންބޭރުގައި ޖެހި ގޯލު ގިނަވުމުންނެވެ. ޓޮޓެންހަމް ދަނޑުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ޓޮޓެންހަމް އިންނެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ ހަތްވަނަ މިނެޓްގައި ސޮން ޓޮޓެންހަމް އަށް ނަތީޖާ އެއްވަރުކޮށްދިންއިރު އޭގެ ތިން މިނެޓްފަހުން ސޮން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ޓޮޓެންހަމް އަށް ލީޑު ވެސް ނަގާދީފައެވެ.

ޓޮޓެންހަމް އިން މި ގޯލު ކާމިޔާބުކުރިތާ މިނެޓެއްގެ ތެރޭގައި ބަނާޑޯ ސިލްވާ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދިންއިރު މެޗުގެ 21 ވަނަ މިނެޓްގައި ޑެ ބްރައިނާ ނަގައިދިން ހުރަހަކުން ސްޓާލިން ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ނަގާދީފައެވެ.

ސިޓީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 59 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓްގައި ފެނާންޑޯ ލޮރެންޓޭ ޓޮޓެންހަމް އަށް އިތުރު ގޯލެއް ކާމިޔާބުކޮށްދިނުމުން މުބާރާތުގެ ސެމީއަށް ދިޔުމަށް ސިޓީ އަށް އޮތީ އިތުރު ގޯލެއް ކާމިޔާބުކުރަން މަޖުބޫރުވެފައެވެ.

އެގޮތުން އެ ގޯލު ކާމިޔާބު ކުރުމަށް ސިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސްޓާލިން ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމުގައެވެ. އެއާއެކު ސިޓީގެ ކުޅުންތެރިންގެ ފަރާތުން މާޔޫސްކަން ފެނިގެންދިޔައިރު ޓޮޓެންހަމްގެ ކުޅުންތެރިން ދިޔައީ ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ.

މިއީ 1962 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ޓޮޓެންހަމް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީގައި ޓޮޓެންހަމް ނިކުންނާނީ ޔުވެންޓަސް ކަޓުވާލުމަށްފަހު ސެމީ އަށް ދަތުރުކުރި އަޔެކްސްއާއެވެ.