Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ސެމީގައި ބާސާ އާއި ލިވަޕޫލްގެ ކުރިމަތިލުމެއް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ ޕޯޓޯގެ މައްޗަށް 1-4 އިން ކުރި ހޯދައި މުބާރާތުގެ ސެމީފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0 އިން ލިވަޕޫލް އިން ކާމިޔާބުކޮށްފައިވާއިރު، ލިވަޕޫލް ސެމީ އަށް ދަތުރުކުރީ 1-6 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ޕޯޓޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ލިވަޕޫލް އަށް މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ލިވަޕޫލް އިން ފުރަތަމަ ހާފްގައި ތަނަވަސްކޮށްފައިވާއިރު މެޗުގެ 65 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

މެޗުގެ 68 ވަނަ މިނެޓްގައި މިލިޓާއޯ ޕޯޓޯ އަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް މެޗުގެ 77 ވަނަ މިނެޓްގައި ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވާޖިލް ވެން ޑައިކްއެވެ.

މިއީ މުބާރާތުގެ ސެމީ އަށް ލިވަޕޫލް ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ސެމީގައި އެޓީމު ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑް ކަޓުވާލުމަށްފަހު ސެމީ އަށް ދަތުރުކުރި ބާސެލޯނާއާއެވެ. މި ދެ ޓީމު ބައްދަލުކުރާ ސެމީގެ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެރޭ ބާސާގެ ދަނޑުގައެވެ.

ޗެމްޕިއަންސް ލީގުގެ އިތުރުން ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް މި ސީޒަނުގައި ލިވަޕޫލް އަށް އޮތްކަން ފާހަގަކޮށްލެވެއެވެ.