Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

މަޖިލީހަށް ނުހޮވުމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން: މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ، ފޮޓޯ: ރާއްޖެއެމްވީ

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ނުހޮވުމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން ކަމަށް އެ ޕާޓީ އަށް ނިސްތަބްވެ ވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާއާ ވާދަކޮށް މިފަހަރު ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ އަށް ނިސްތަބްވެ ވަޑައިގަންނަވާ އަދި މިހާރު ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ރިޔާޒެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ ގޮނޑި ރިޔާޒު ކާމިޔާބު ކުރެއްވީ 306 ވޯޓުގެ ތަފާތުންނެވެ.

އިންތިހާބުގެ ނާކާމިޔާބީގެ ވާހަކަ ފުރަތަމަ ފަހަރަށް އާއްމުންނާ ހިއްސާކުރަމުން މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ މަޖިލީހަށް ނުހޮވުމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން ކަމަށާއި ޕާޓީން މަސައްކަތް ކުރީ އޭނާ ހޮވުމާ ދެކޮޅަށް ކަމަށެވެ.

"ރައީސް ނަޝީދު ފިޔަވާ މުޅި ޕާޓީ އޮތީ އަޅުގަނޑާ ދެކޮޅަށް. މި ހަގީގަތް މޮޅަށް ދެނޮވޮޑިގެން ވަނީ މާތްﷲ" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވިއިރު، 18 ވަނަ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު މުސްތަފާ ވަނީ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. މުސްތަފާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއާ ދިމާކޮށެވެ.

ތިމަރަފުށީ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ގެއްލުނު ނަމަވެސް އެ ޕާޓީން ވަނީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށް ތާރީހީ ކާމިޔާބެއް ހޯދާފައެވެ.