Last Updated: April 26, 06:25
Friday, April 26, 2024
ޚަބަރު

ޕީޕީއެމްގެ އެންމެ ބޮޑު މައްސަލައަކީ ބަލި ގަބޫލު ނުކުރުން: ނިހާން

އަހުމަދު ނިހާން - ފޮޓޯ: މަޖިލިސް

ޕީޕީއެމްގެ އެންމެ ބޮޑު މައްސަލައަކީ ބަލި ގަބޫލު ނުކުރުން ކަމަށް، އެ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ދާދިފަހުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުން ވަކިވެ ވަޑައިގެންނެވި ނިހާން "ޕީއެސްއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ޕީޕީއެމްގެ އެންމެ ބޮޑު މައްސަލައަކީ ބަލި ގަބޫލު ނުކުރުމާއި، ބަލިވުމުން ދެން ތެދުވެގެން ދުއްވައިގަންނާނެ އުސޫލުތަކެއް ކަނޑައަޅަން ނޭނގި ހިމޭންވެފައި ތިބުން ކަމަށެވެ.

"އަދި ޖަޒުބާތުތަށް ހަމައެކަނި ވައިބާ ގްރޫޕްތަކުގައި ބޭނުން ކުރުން. ސޯޝަލް މީޑިޔާގެ އެހެން ވަސީލަތެއް ވެސް ބޭނުމެއް ނުކުރާނެ. މީހަކަށް ރައްދެއް ދޭން ވެސް، ރަނގަޅު ވާހަކައެއް ދައްކާލަން ވެސް އެކްޓިވް ނުވާނެ. ހަމަ އެއްކަލަ ގްރޫޕްގައި ތިބެގެން ވާހަކަ ލިޔެލަ ލިޔެލާ ތިބެނީ. އެ އުސޫލު ދޫކޮށްލުމަށް ޕީޕީއެމްގެ އާއްމު މެމްބަރުންނަށް އިހުލާސްތެރިކަމާ އެކު ދަންނަވަން" ނިހާން ވިދާޅުވިއެވެ.

އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ވެސް ޕީޕީއެމް އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު ނިހާން ވިދާޅުވީ ޕީޕީއެމް ކާމިޔާބު ޕާޓީއެއްގެ ގޮތުގައި އެނބުރި އަންނާނެ މަގު ވަރަށް ތަނަވަސްކަމާއެކު އަދިވެސް އެބައޮތް ކަމަށާއި ދުވަހަކުވެސް ރާއްޖެ އަށް އިދިކޮޅު ޕާޓީއެއް ބޭނުން ނުވާ މިންވަރަށް މިއަދު އިދިކޮޅު ޕާޓީއެއްގެ ބޭނުން ޖެހިފައިވާ ކަމަށެވެ.

"ޕީޕީއެމް މިއަދު މިކަން ހަނދާން ނައްތާލާ ގެއަށް ވަދެއްޖެކަމުގައިވާނަމަ، ދިވެހިރާއްޖެ ދިވެހި ރައްޔިތުންނަށް ނުލިބޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ގޮތްތަކެއް ހަމަ އެމްޑީޕީގެ ފަރާތުން ކުރިމަތި ކުރުވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން" ނިހާން ވިދާޅުވިއެވެ.

އެމްޑީޕީ އަކީ ވަރަށް ނުރައްކާތެރި ވިސްނުމެއްގައި އޮތް ޕާޓީއެއް ކަމަށާއި އެހެންކަމުން މިއަދަކީ ޕީޕީއެމްގެ މެމްބަރުން އަތާއި އަތް ގުޅާލައިގެން ކޮނޑާއި ކޮނޑު ޖައްސައިގެން ކުރިއަށްދާންވީ ވަގުތެއް ކަަމަށްވެސް ނިހާން ވިދާޅުވިއެވެ.