Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އަދީބުއާ ވަކި ހާއްސަ ގުޅުމެއް ނެތް: ނިހާން

ނިހާން އާއި އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ވަކި ހާއްސަ ގުޅުމެއް ނޯންނާނެ ކަމަށް، ވިލިމާފަންނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެއްގެ ގޮތުގައި އަދީބު މީގެކުރިން ފެނިގެންދިޔައިރު ނިހާނަށް "ރޮލެކްސް" ގަޑި އަކާއި އަދި ނިހާންގެ ދަރިކަލަކަށް ކާރެއް އަދީބު ދެއްވި ކަމަށް ބުނާ ވާހަކަތަކެއް ވެސް ސޯޝަލް މީޑިޔާގައި ވަނީ އެއް ދުވަސްރެއްގައި ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ.

"ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ އޭނާ އަށް ލިބިވަޑައިގެންނެވި "ރޮލެކްސް" ގަޑި އަކީ އަދީބުއާ އެއްވެސް ހައިސިއްޔަތަކުން ވެސް އަދި އެއްވެސް މޭރުމަކުން ވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި އެ ގަޑި ހަދިޔާ ކުރެއްވި ފަރާތް މިވަގުތު ދުނިޔޭގައި ނެތް ކަމަށެވެ.

"އެ ހަދިޔާ ކުރި ދުވަހުގައި، އޭގެ ހައްގުވެރި ފަރާތެއްގެ ގޮތުގައި ހުރި ފަރާތާއި، އެ ފޮޓޯ އާއި އެ މަންޒަރު ރަނގަޅަށް އަމިއްލަ އަށް ހާމަކޮށް ނޫސްތަކާ ހަމައަށް ވެސް އެ ވާހަކަ ގެނައިން. މި ގަޑިއަކީ މިވެނި މީހަކު އަޅުގަނޑަށް ހަދިޔާކުރި ގަޑިއެއްކަން. އެކަމަކު ހަމަ އަދިވެސް އެ ގަޑިއަކީ އަދީބު އަޅުގަނޑަށް ދީގެން، އެމްއެމްޕީއާރްސީގެ ފައިސާގެ ގޮތުގައި އަޅުގަނޑަށް ލިބިގެން ވަގަށް ނަގައިގެން އުޅޭ އެއްޗެއްގެ ގޮތުގެ ވާހަކަ ތަކުރާރުކޮށް އެދަނީ ދައްކަމުން. ކަނޑައެޅިގެން ހުވާކޮށްފައި ދަންނަވަން ކެރޭ އެ ބަޔަކު އެ ހަދަނީ ދޮގެކޭ" ނިހާން ވިދާޅުވިއެވެ.

މީގެއިތުރުން ދަރިކަލުންނަށް އަދީބު ކާރެއް ދެއްވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ނިހާން ވިދާޅުވީ މަޖިލީހުގައި ހޭދަކުރެއްވި 10 އަހަރުގެތެރޭ މުސާރައިގެ ގޮތުގައި 9.3 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށާއި އެ ކާރަކީ އެ ކުއްޖާ އަށް 18 އަހަރު ފުރުމުން އޭނާ ގަނެދިން ކާރެއް ކަމަށެވެ. އަދި އެ ކާރަކީ ޖަޕާނުގެ ރިކޮންޑިޝަން މާކެޓުން ރާއްޖެ އަށް، ރާއްޖޭގެ އެޖެންސީ އަކުން އެތެރެކޮށްފައިވާ ކާރެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވި ގޮތުގައި އަދީބު އަކީ ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް އޭނާއާ ގުޅުމެއް އޮތް މީހެއް ނޫނެވެ. އަދި އެފަދަ ގުޅުމެއް އޮތްނަމަ އަދީބު އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީ އަށް ސޮއިކުރެއްވީސް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑާއި ސީދާ ގޮތެއްގައި އަދި ނުސީދާ ގޮތެއްގައި، ވަކި އިތުރު އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނޭ އަދީބަކީ. އޭރަކު ވެސް މިހާރަކު ވެސް އަދި މާދަމާ ވެސް" ނިހާން ވިދާޅުވިއެވެ.