Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ދެން ވެސް ސިޔާސީ މައިދާނަށް ޖޭޕީ މުހިއްމު ވާނެ: ރިޔާޒު

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު - ފޮޓޯ: މަޖިލިސް

ދެން ވެސް ރާއްޖޭގެ ސިޔާސީ މައިދާނަށް ޖުމްހޫރީ ޕާޓީ މުހިއްމު ވާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއާ ގުޅިގެން ވާދަކޮށް ޖުމްހޫރީ ޕާޓީ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެ އިންތިހާބަށް ޖޭޕީން 41 ކެންޑިޑޭޓުން ނެރުނުއިރު އެ ޕާޓީ އަށް ކާމިޔާބު ކުރެވުނީ އެންމެ ފަސް ގޮނޑިއެވެ.

ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތިމަރަފުށީ ދާއިރާގެ ގޮނޑި މިފަހަރު ކާމިޔާބު ކުރެއްވި ރިޔާޒު ވިދާޅުވީ ރާއްޖޭގައި ސިޔާސީ މައިދާނަށް ޖޭޕީ ކުރިއަށް އޮތް ތަނުގައި ވެސް މުހިއްމު ވާނެ ކަމަށާއި ވަރަށް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ޖޭޕީ އޮންނާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އަށް ބަލާއިރު، ވަކި އެއް ޕާޓީއަކަށް ޕޮޕިއުލާ ވޯޓު (އާއްމުންގެ ގިނަ ވޯޓު) ބަލާލި ކަމުގައިވިޔަސް 50 ޕަސެންޓަށް ވުރެ މަތިން ނެތް ލިބިފައެއް. އެމްޑީޕީ އަކަށް ވެސް ނެތް ލިބިފައެއް. 86 ދާއިރާ އަށް އެ ބޭފުޅުންގެ މީހުން ނިކުމެގެން ލިބިފައި ހުރީ 94،000 ވޯޓު. އެއްލައްކަ އަށް ވުރެ ގިނަ އަދަދެއްގެ ވޯޓު ބޭނުންވޭ ރައީސްކަމުގެ މަގާމަށް ބޭފުޅަކު ވަޑައިގަންނަވަން. އެހެންވީމަ ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވެސް ޖޭޕީ އަކީ ހަމަ ވަރަށް މުހިއްމު ޕާޓީއަކަށް ވާނެ" ރިޔާޒު ވިދާޅުވިއެވެ.

ޖޭޕީ އަކީ ސިޔާސީ ގޮތުން ވަރުގަދަ، ނުފޫޒުގަދަ އަދި ރައްޔިތުން ބަލައިގަންނަ ޕާޓީއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެއީ އެވަގުތަކު އޮންނަ ޕާޓީގެ ލީޑަޝިޕަކުން ކުރަންޖެހޭ ކަމެއް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލިސް އިންތިހާބަށް އިދިކޮޅު ފަރާތްތަކާ ގުޅިގެން ވާދަކުރި ނަމަވެސް މަޖިލީހުގައި ޖޭޕީން މަސައްކަތް ކުރާނީ ސަރުކާރާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ޖޭޕީ ފެނިގެންދާނީ ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައިދޭން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.