Last Updated: April 27, 10:05
Saturday, April 27, 2024
ޚަބަރު

މިސްކިތްތަކަށް އެހީވުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފި

ދަރުމަ ކަމާކެމި ރަސްމިއްޔާތު ފެށުމުގެ ރަސްމިއްޔާތް: ފޮޓޯ - ޕީއެސްއެމް

އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން، ރަމަޟާން މަހަށް މިސްކިތްތައް ރީތިކުރުމާއި އާބާތުރަ ފިލުވުމަށް އަދި މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެހީވުމުގެ ގޮތުން "ދަރުމަ ކަމާކެމި" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ފައްޓަވާ ދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. ނައިބު ރައީސް ވަނީ ޕްރޮގްރާމް ފައްޓަވާ ދެއްވުމުގެ ގޮތުން ހުޅުވާލެވިފައިވާ ފަންޑު ފޮށިތަކަށް ފައިސާގެ އެހީއެއްވެސް ދެއްވާފައެވެ.

އާންމުންނަށް ހުޅުވާލާ ފަންޑު ފޮށިތަކުން ކޮންމެ މީހަކަށް ވެސް އެ މީހަކަށް ވެވުނު މިންވަރަކުން މިސްކިތްތަކަށް އެހީތެރިވެދިނުމަށް ހުޅުވާލާފައިވެއެވެ. މީގެ އިތުރުން، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ފަންޑުތައް ދިރުވައި ފައިސާ ހޯދުމުގެ މަގުވެސް ފަހިކުރުމަށް ވަނީ ނިންމާފައެވެ.

ދަރުމަ ކަމާކެހި ޕްރޮގްރާމް ފައްޓަވައި ދެއްވައި، މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ޒަމާނުއްސުރެ ދިވެހިންނަކީ ދީނީ ކަންކަމަށް އިސްކަންދީ ދީނީ ކަންކަމަށް އެހީވާ ބަޔެއް ކަމަށެވެ. އަދި އެ ނަމޫނާ ޅަދަރިންނަށް ވެސް ދެއްކުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި މިސްކިތްތައް ވަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ނެގި އަނެއްކާވެސް ކައުންސިލްތަކާ ހަވާލުކޮށްފައެވެ. ނަމަވެސް ކައުންސިލްތަކުން، ޚާއްސަކޮށް އައްޑޫ ސިޓީ ކައުންސިލުން ވަނީ މިސްކިތްތައް ހަވާލުކުރިއިރު މިސްކިތް ބަލަހައްޓާނެ ފައިސާއެއް ދީފައިނުވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.