Last Updated: April 18, 22:36
Thursday, April 18, 2024
ކުޅިވަރު

ޗެމްޕިއަނުންގެ ކުޅުން ތަކުރާރުކުރުމަށް ސިޓީގެ ކިބައިން ގާޑިއޯލާ އެދިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކުޅުންތެރިންގެ ކިބައިން ލީގުގައި ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު ކުޅުންތެރިން ދެއްކި ކުޅުން މިއަދު ހަވީރު ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ތަކުރާރުކުރުމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އެދިއްޖެއެވެ.

ލީގުގައި މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މެޗުން 2-1 އިން ބަލިވުމަށްފަހު ސިޓީން ވަނީ ވިދިވިދިގެން 14 މެޗުން މޮޅުވެފައެވެ. އޭގެތެރޭގައި، އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި ޗެލްސީ އަތުން މޮޅުވި މެޗު ހިމެނެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިދިޔަ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން 4-3 އިން މޮޅުވި ނަމަވެސް ރަށުންބޭރުގައި ޖެހި ގޯލުން ކުރިހޯދައިގެން 4-4 ގެ އެގްރިގޭޓުން ޓޮޓެންހަމް ވަނީ ސިޓީ ކަޓުވާލުމަށްފަހު ސެމީ ފައިނަލުން ޖާގަ ހޯދައިފައެވެ.

މި ސީޒަނުގައި ހަތަރު ތަށި ހޯދުމަށް ޓާގެޓްކޮށްގެން ތިބި ސިޓީ އަށް މިހާރު އެ ފުރުޞަތު ގެއްލިފައިވީނަމަވެސް، އިނގިރޭސި ތިން މުބާރާތުގެ ތަށި ކާމިޔާބުކޮށް ޑޮމެސްޓިކް ޓްރެބަލް ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އެގޮތުން، އެފްއޭކަޕްގެ ފައިނަލްގައި ކުރިއަށް އޮތް މެއި މަހުގައި ވަޓްފޯޑްއާ ދެކޮޅަށް ނިކުންނައިރު ޕްރިމިއާ ލީގުގެ ރޭހުގައި ސިޓީގެ ވާދަވެރިންނަކީ ލިވަޕޫލް އެވެ.

"މިހާތަނަށް އައިއިރު މި ޓީމުން ދެއްކި ކުޅުމަށް ތައުރީފް ހައްޤު. އޭގެ ނަތީޖާއެއް، ޑޮމެސްޓިކް ތިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު އަހަރެމެންނަށް އަދިވެސް އޮތުމަކީ."

"ފުރަތަމަ މިއޮތީ، ޓޮޓެންހަމްއާ ދެކޮޅަށް. އެއަށްފަހު އޯލްޑް ޓްރެފޯޑްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ." ގާޑިއޯލާ ބުންޏެވެ.

ޓޮޓެންހަމްއާ ދެކޮޅަށް ލީގުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ނިކުންނައިރު، ގާޑިއޯލާ ވަނީ ޗެމްޕިއަންސް ލީގުން ކަޓައިގެންދިއުމުން ސިޓީގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ރައްދެއް ދިނުމަށްވަނީ އެދިފައެވެ.

"ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ސިޓީގެ ކުޅުންތެރިންގެ ކިބައިން ފެނުނު ދަށް ކުޅުމުގެ ސަބަބުން ދެރަވި. އެހެންނަމަވެސް އެއަށްފަހު ކުޅުންތެރިންގެ ފަރާތުން އެއަށް ދިނީ ފުރިހަމަ ރައްދެއް. އެކަމާއި އަހަރެން ވަރަށް އުފާވި."

"އެކަމަށް އަހަރެން ވަރަށް ހިތްހަމަޖެހޭ، އަދި ފަޚުރުވެރިވޭ. އަހަރެން އެދެނީ ޓޮޓެންހަމްއާ ދެކޮޅަށް އެކުޅުން ތަކުރާރުކުރުމަށް." ގާޑިއޯލާ ބުންޏެވެ.

ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން 16:30 ގައެވެ.