Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

އައްޑޫގެ ސިއްހީ ނިޒާމް އިސްލާހު ކުރަން ސަރުކާރަށް ނުކުޅެދިފައި!

އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ ދިރިއުޅޭ އަތޮޅެވެ. ސިޓީގެ ނަން ބޯޑު އަޅުވާފައިވާ އެއްވެސް ހިދްމަތެއް ލިބެން ނެތް ސިޓީއެކެވެ. އަސާސީ ހިދްމަތް ބަރާބަރަށް ނުލިބޭ އެންމެ ބޮޑު ސިޓީއެވެ. މުޅި ސިއްހީ ނިޒާމު ފެއިލްވެފައިވާ އެންމެ ބޮޑު ސިޓީއެވެ.

އައްޑޫއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިޓީއެއްގެ ދަރަޖަ ދިނުމުންވެސް އެތައް ބަޔަކު ފާޑުކިއެވެ. އެފަރާތްތަކުން އޭރުގެ ސަރުކާރަށް ފާޑުކީ ސިޓީއެއްގެ ފެންވަރަށް ތަރައްޤީ ނުކޮށް އައްޑޫގައި ސިޓީއެއްގެ ނަންބޯޑު އެޅުވުމުންނެވެ. ޚިދުމަތުގެ ގޮތުން ބަލާނަމަ އައްޑޫއަކީ ސިޓީއެއްގެ ދަރަޖަ ދެވޭވަރުގެ ތަނެއް ނޫންކަމަށް ބުނެއެވެ. ސަބަބު ބައިވަރެވެ. އެންމެ ބޮޑަށް އައްޑޫގެ ރައްޔިތުން ޝަކުވާ ކުރަމުންދާ އެއްކަމަކީ އައްޑޫގެ ސިއްޙީ ނިޒާމްގެ ހާލަތު ދުވަހުން ދުވަހަށް ދަށްވަމުން ދިއުމެވެ. މިވާހަކަތައް ރައްޔިތުން ދައްކަމުން ދައްކަމުން ގޮސް ވަރުބަލިވެއްޖެއެވެ. އަދިވެސް ފަރުވާއެއް ނުލިބެއެވެ.

އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން ފަރުވާ ހޯދަން އަންނަނީ ވެރިރަށް ހިތަދޫގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލު ކަމަށްވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. މިއީ ރީޖަނަލް ހޮސްޕިޓަލްގެ ނަން ބޯޑު އަޅުވާފައިވާ "ސުމެއް"ގެ ޚިދުމަތް ފޯރުކޮށްދޭ ތަނެކެވެ. ރީޖަނަލް ހޮސްޕިޓަލެއްގެ ނަމުގައި މިތަން ހުއްޓަސް މިތަނުން ލިބެމުން އަންނަނީ ވަރަށް މަދު ޚިދުމަތެކެވެ. އެންމެ ކުޑަމިނުން ޒަރޫރީ ވަސީލަތެއްވެސް ހޮސްޕިޓަގައި ނުހުރެއެވެ.

ރޮޒައިނާގެ ޓްވީޓް

ދާދި ފަހުން އައްޑޫގައި ހިނގައި ދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އެކިވަރުގެ އަނިޔާ ލިބުނެއެވެ. ނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ވަގުތުން ޖެހުނީ އެކްސިޑެންޓްވި މީހާ އެމަޖެންސީކޮށް އިތުރު ފަރުވާ ހޯދުމަށް މާލެ ފުރުވާށެވެ. ސިޓީއެއްގެ ދަރަޖަ ދީފައިވާ ތަނަކުން ކަށީގެ ޑޮކްޓަރެއްގެ ޚިދްމަތް ނުލިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

އައްޑޫ ސިޓީގެ ވަކިން އޮންނަ ހަމައެކަނި ރަށް، ހުޅުމީދޫގެ ވާހަކަ ދައްކާނަމަ، މިވާހަކަ ދައްކާ ކޮޅުން ނުލާ ވަރުވެއެވެ. ރީޖަނަލް ހޮސްޕިޓަލެއްގައި ކޮންމެވެސް ވަރެއްގެ ޚިދުމަތެއް ލިބުނު ނަމަވެސް ސިއްޙީ މަރުކަޒުތައް ހުންނަ ރަށްރަށުގެ ޙާލަތު އިންތިހާއަށް ދަށެވެ. ހުޅުމީދޫގެ ސިއްހީ މަރުކަޒުތަކުން ރަނގަޅު ފަރުވާއެއް ނުލިބުމުން ދާންޖެހެނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. ނަމަވެސް އެތަނުން ވެސް ލިބޭ ޚިދުމަތެއް މިތަނުންވެސް ލިބޭ ޚިދުމަތެއްވެސް ނޯވެއެވެ.

ހުޅުމީދޫގެ ސިއްޙި ނިޒާމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި މީހުން ދައްކަމުން އަންނަ ވާހަކަތަކައް ޖަވާބު ދެއްވަމުން އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އައްޑޫގެ ޞިއްޙީ ނިޒާމަށް މެދުވެރިވެފައިވާ ގޮންޖެހުންތަކަކައް ވަރަށް އަވަސް ހައްލެއް ލިބިގެންދާނެކަމަށެވެ.

މިއީ އައްޑޫގެ ހުރިހާ ރައްޔިތުން ބަލިވުމުން، އެތަނަކަށް ޚިދުމަތް ހޯދަން ދާން ހުރިތަނުގެ ޙާލަތެވެ. އައްޑޫ ސިޓީގެ ސިއްޙީ ނިޒާމުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ކޮންމެ ސަރުކާރަކުންވެސް ދެއްވަނީ އެންމެ ޖަވާބެކެވެ. އަބަދުވެސް ކުރީގެ ސަރުކާރު ގޯސްކޮށް، ކުރީގެ ސަރުކާރުން އިހުމާލުވެފައިވާ ވާހަކަތަކެކެވެ. މިފަހަކަށް އައިސް މިހާރު ބުނަމުން ދަނީ އައްޑޫ ސިޓީގެ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނިމުމުން، އައްޑޫގެ ސިއްޙީ ނިޒާމް މިއަށްވުރެން ރަނގަޅު ވާނެކަމަށެވެ. 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ކުރަމުންދާތާ އަހަރުތަކެއްވެއްޖެއެވެ. އަދި އަދަށްވެސް އެތަނުން އެއްވެސް ޚިދުމަތެއް ނުލިބެއެވެ. އެތެރޭގެ ޙާލަތެއް އެތެރޭގެ މަސައްކަތް ނިމިފައިވާ ވަރެއްވެސް ރައްޔިތުންނަށް އެނގޭ ވަރެއް ނުވެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ މުޅި ރާއްޖޭގެ ރައްޔިތުން ތަޙައްމަލްކުރަމުންދާ ކެމެކެވެ. ރާއްޖޭގެ އެހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނެކޭ އެއްގޮތަށް އައްޑޫގެ ރައްޔިތުންގެވެސް އުއްމީދަކީ އައްޑޫ ސިޓީގެ ސިއްޙީ ނިޒާމަށް އަވަސް ޙައްލެއް ލިބިގެން ދިއުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބުނެފައިވަނީ މި ސަރުކާރުން އެންމެ ހާއްސަ އިސްކަމެއްދޭނެ އެއްދާއިރާއަކީ ސިއްހީ ނިޒާމް ހަރުދަނާ ކުރުން ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ހެލްތު މިނިސްޓަރ ފާއިތުވި ފަސް މަސް ދުވަހު ކުރައްވާ މަސައްކަތްތަކަކީ ތަންތަނުގެ ރިބަން ކަނޑުއްވާ ދެއްވުމެވެ. އޭގެ ސަބަބުން މި ފާއިތުވި މުއްދަތުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް އައި ކުރިއެރުމެއް ނުފެނެއެވެ.

ސަރުކާރަކަށް ފަސް މަސް ފުރިގެންދާ އިރު ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގައި ހުރި ހޮސްޕިޓަލަށް ކަށީގެ ޑޮކްޓަރެއް، ލޮލުގެ ޑޮކްޓަރެއް ގެނެސް ނުދެވުމަކީ ބޮޑު ފެއިލްވުމެކެވެ. އެތައް ބަޔަކު ޝަކުވާ ކުރަމުން އަންނަ އިރު އެއްވެސް ބަދަލެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ހެލްތު މިނިސްޓްރީން ނުގެނެސް ތިބުމަކީ ބޮޑު އިހްމާލެކެވެ.

މަޖްލިސްގެ 7 މެމްބަރުންނަކީ މިހާރު ސަރުކާރު ޕާޓީގެ މެމްބަރުންނެވެ. ކައުންސިލްގައި ތިއްބެވީ ސަރުކާރު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހަތް ކައުންސިލަރުންނެވެ. ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި އައްޑޫ ރައްޔިތުން 70 ޕަސެންޓު ވޯޓު ދެއްވިއެވެ. ނަމަވެސް އެންމެ ކުޑަމިނުން އައްޑޫގެ ސިއްހީ ނިޒާމު ހަރުދަނާ ކުރައްވަން ކުރައްވާ މަސައްކަތުގެ އެއްވެސް ތަފްސީލެއް ދެއްވޭ ތަނެެއް ނުފެނެއެވެ. މުޅި ސަރުކާރު އަދި މިފެންނަނީ ހުރިހާ ބާރެއް އޮވެ ރައްޔިތުންގެ އުންމީދު ހާސިލްކޮށްދިނުމުގައި ނުކުޅެދިފައިވާތަނެވެ. ހާއްސަކޮށް އައްޑޫގެ ބޮއްސުންލާފައިވާ ސިއްހީ ނިޒާމަށް އެއްވެސް ފަރުވާއެއް ނުދެވިވާތަނެވެ.