Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މާލޭގެ މަގުތަކުން ފެން ހިއްކަން ސިފައިން ނުކުމެއްޖެ

ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަނީ - ފޮޓޯ: އެމްއެންޑީއެފް

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އައިޖީއެމްއެޗް އިތުރުން ވެސްޓު ޕާކު ކައިރީގައިވާ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަރަކަށްވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިރޭ 20:30 އާއި ހަމައަށް ރ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ސަރަހައްދަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.

ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަނީ – ފޮޓޯ: އެމްއެންޑީއެފް

މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.