Last Updated: April 18, 22:36
Friday, April 19, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ބަޔާޅީސްވަނަބައި)

ޝައުންގެ ވާހަކަތަކުން ޝޮކެއްލިބިފައި އަދްޔަން އިނީ ބުނާނެ އެއްވެސް އޭނާ ވިސްނުމަށް ނައީތީއެވެ. ޝައުންއަކީ އޭނާ ހީކުރިފަދަ ފިނޑި ކުއްޖެއްނޫނެވެ. އެޔަށްވުރެ ހަރުދަނާ ވިސްނުމެއްގެ ވެރި، ކުޅަދާނަ ކުއްޖެކެވެ. ފަސޭހައިން މީހެއްގެ މަޅީގައި ޖެހޭނެ ކުއްޖެއް ނޫނެވެ. ޝައުން ބުނިފަދައިން އޭނާ ޚިޔާރުކުރަންވީ ގޮތެއް ނިންމަން އޭނާއަށް މަޖުބޫރު ވެއްޖެއެވެ. ވެއިޓަރ ކާތަކެތި ހިފައިގެން އައިއިރުވެސް އަދްޔަން އިނީ ވިސްނުމަކަށް ގެއްލިފައެވެ.
" ކޮބާ ކާންވީނު؟…ބަނޑުހައިކަންމަތީ ހުރެގެން ރަނގަޅަކަށް ނުވިސްނޭނެ…" އަދްޔަންގެ މޫނަށް ބަލާލަމުން ޝައުން ހީލިއެވެ. އަދްޔަންގެ މޫނުގައިވާ ކުލަވަރުން އޭނާދެއްކި ވާހަކައިގެ އަސަރު ވަރަށް ރަނގަޅަށް އަދްޔަންއަށް ކޮށްފިކަން އޭނާއަށް ދޭހަވިއެވެ. ހިތުގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ވީނަމަވެސް، އޭނާ އަދްޔަންއާ ކުރިމަތިލީ ނުހަނު ކެރިގެން ސާބިތުކަމާއެކުގައެވެ. އެހެންކަމުން އޭނާއަކީ ޖެހިލުންކުޑަ ކުއްޖެއްކަން މިހާރު އަދްޔަންއަށް ގަބޫލުކުރެވޭނެއެވެ. ނަމަވެސް އަދްޔަން ޚިޔާރުކުގޮތެއް އަދި ނޭނގެއެވެ. ކޮންމެ ގޮތެއް ޚިޔާރުކުރިނަމަވެސް އެކަމުން އޭނާއަށް ލިބޭނެ މޮޅެއްނެތެވެ.
ކާންއިންއިރު އަދްޔަން ވިސްނަމުން ދިޔައީ ޝައުން ދެއްކި ވާހަކަތަކާ މެދުގައެވެ. އޭނާ ޝައުންގެ ކައިވެންޏަށް އެދުނީ ކޮންމެހެން ޝައުންއާއެކު މުޅި އުމުރު އުޅުމުގެ ބޭނުމުގައެއް ނޫނެވެ. ނަމަވެސް ޝައުންގެ ފަރާތުން ބަދަލެއް ހިފޭނެ އެންމެމޮޅު ގޮތެއްކަމުގައި އޭނާއަށް އެގޮތް ފެނުނީމައެވެ. ކުރިން އޭނާ ޝައުންދެކެ ލޯބިވީނަމަވެސް، ޝައުން އޭނާއާމެދު ކަންތައްކުރި ރަހުމްކުޑަ ގޮތުގެ ސަބަބުން އޭނާގެ ހިތުގައި ޝައުންއަށްޓަކައި އުފެދުނު ލޯބީގެ ޖަޒްބާތުތައް ނަފްރަތަށް ބަދަލުވިއެވެ. ޝައުންގެ ސަބަބުން އެހިތުގައި ލީޒަޚަމްތައް ދާއިމީ ރިހުމަކަށް ބަދަލުވީއެވެ. އެހެންކަމުން އެރިހުމާއި ކެކުޅުން ފިލުވާލެވޭނެ ހަމައެކަނި ގޮތަކީ ޝައުންއަށްވެސް އޭނާގެ ފަރާތުން އެފަދަ ރިހުމެއްދީގެން ކަމުގައި އޭނާއަށް ވިސްނުނެވެ. އެގޮތުން އޭނާ ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބުވުމުން މިފަހަރު އޭނާ އެކަމާ ކުރިމަތިލީ ނުހަނު ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކުގައެވެ. މިހާރު އެވަނީ އޭނާ ބޭނުން ކަންތައް އޭނާގެ އަތްފޯރާފަށަށް އައިސްފައެވެ. ޝިކާރައެވަނީ ޚުދު އޭނާގެ މަޅީގެތެރެއަށް އަމިއްލައަށް ޖެހިފައެވެ.
ޝައުން އޭނާއާއެކު މުޅި ދިރިއުޅުން ހޭދަކުރަން ތައްޔާރަށް ހުރިނަމަވެސް އޭނާއަށް އެކަން އެގޮތަށް ކުރެވޭކަށް ނެތެވެ. އޭނާވަނީ އެފުރުސަތު އެހެން އަންހެން ކުއްޖަކަށް ދީފައެވެ. ޝައުންއަކީ މިހާރު އޭނާގެ ޙަޔާތަށް މުހިއްމު މީހެއް ނޫނެވެ. އަދި އަމުދުން އޭނާގެ އަނބިމީހާގެ ދަރަޖަ ދޭފަދަ އަންހެން ކުއްޖެއްވެސް ނޫނެވެ. އެހެނެއްކަމަކު ޝައުންއަކީ ހިތަށް ފިނިކަމާއި ލޮލަށް އަރާމުކަން ލިބިދޭފަދަ ރީތިކަމާއި ފަރިކަމެއް ލިބިފައިވާ ކުއްޖެކެވެ. ވީއިރު މިލިބުނު ރަނުގެ ފުރުސަތު އޭނާ ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ހަމަ އެންމެ ފަހަރަކު ނަމަވެސް އެމަލުން ފޮނިބޯލަން އޭނާ ބޭނުމެވެ. ޝައުންއާ ކައިވެނިކުރުމަކީ އެކަމަށް އޮތް ހަމައެކަނި ފުރުސަތެވެ. ކައިވެނިކޮށްގެން ކުޑަދުވަސްކޮޅަކު ހިތްއުފާކޮށްލުމަށްފަހު ދޫކޮށްލެވިދާނެ ނޫންހެއްޔެވެ؟ އެކަމުން އޭނާއަށް ވާނެ ގެއްލުމެއްވެސް ނެތެވެ.
" ކޮބާ…ޖަވާބެއް ދެވޭވަރު ވެއްޖެތަ؟…" ވިސްނުމަކަށް ގެއްލިފައިއިން އަދްޔަން ސިހުނީ ޝައުންގެ އަޑުންނެވެ.
" އާނ….ކޮންކަމެއްތަ އޮންނާނީ އަހަރެން ވިސްނަން….އަހަރެން މިހުރީ ހަމަ ތައްޔާރަށް…އެކަމު ޝައުން އެހާފަސޭހައިން އެއްބަސްވީމަ ހަމަ ވިސްނާލެވުނީ…" ހަމަޖެހިލަމުން އަދްޔަން ބުންޏެވެ.
" އެހެންވީމަ ތީގެމާނައަކީ އަހަރެންނާ ކައިވެނިކުރާނީ ސީރިއަސްކޮށް ދިރިއުޅުމެއް އުޅޭށޭދޯ؟…" ޔަޤީންކޮށްލުމުގެ ގޮތުން ޝައުން އަހާލިއެވެ.
" އާނ…ދެން އެހެން ކޮންބޭނުމެއްތަ އޮންނާނީ ކައިވެނިކުރުމުގަ؟…އެނޫން ބޭނުމެއް އޮތްނަމަ އެހެން ކޮންމެވެސް ގޮތެއްދޯ ޚިޔާރުކުރީހީ؟…" ޝައުންއަށް ބަލާލަމުން އަދްޔަން އަހާލިއެވެ.
" ދެން ރައުހާއަށް ކިހިނެއް ހަދަނީ؟….އޭނާ ކިހާދެރަވާނެ އަދްޔަން އަހަރެންނާ އިނީމަ.." ކުއްލިއަކަށް ޝައުން ބުނި އެއްޗަކުން އަދްޔަން ސިހުނެވެ.
" ކީއްވެ އޭނަ ދެރަވާންވީ؟…" ނޭނގޭކަމަކަށް ހެދެމުން އަދްޔަން އަހާލިއެވެ.
" އޭނާ އަދްޔަން ދެކެ ލޯބިވެޔެއްނު….އަދި އަހަރެންނަށް ހީވާގޮތް ގޯސްނޫންނަމަ މިހާރު ތިދެމީހުން އުޅެނީ ލޯބީގެގޮތުން ގުޅިގެންނެއްނު…އެހެންވީމަ އޭނާއާމެދުވެސް ގޮތެއް ނިންމަން ޖެހޭނެއްނު…" އަދްޔަންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ޝައުން ބުންޏެވެ.
" ޝައުން ދައްކާ ވާހަކަ….އޭނަ އެއީ ހަމައެކަނި ރައްޓެއްސެއް….އެނޫން އެއްވެސް ކަމެއްނެތް….ފަހަރެއްގަ އޭނަ އަހަރެންނަށް ހިތްކިޔާފާނެ…އޭގަ އަހަރެން ކުރާނީކީއް؟.." އަދްޔަން ވާހަކަދައްކަމުން ދިޔައިރު، އޭނަގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. ޝައުންއަށް އެހާ ފަސޭހައިން އޭނާގެ ސިއްރު ފަޅާއެރީތީ ހަޤީޤަތުގައިވެސް އޭނާ ކަންބޮޑުވިއެވެ.
" ތިދެމެދުގަ އެއްވެސް ގުޅުމެއްނެތްނަމަ އަހަރެންގެ މައްސަލައެއްނެތް….ރައުހާއަކީ ވަރަށް ރަނގަޅު ކުއްޖެއް….އޭނައަށް ދެރަގޮތެއްވާކަށް އަހަރެން ނޭދެން….އެހެންވެ މިހެން މިބުނީ…" ސީރިއަސް ރާގެއްގައި ޝައުން ބުނެލިއެވެ. ޝައުންގެ ވާހަކައާއި ގުޅިގެން އަދްޔަން އިތުރު އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. އޭނާއަށް މިވަގުތު ބުނަންވީ އެއްޗެއް ނުވިސްނުނީއެވެ.
" އަދްޔަން….އަހަރެމެން ދެމީހުންގެ މެދުގަ މިދެކެވުނު ވާހަކަ އަދި ސިއްރެއްގެ ގޮތުގަ ބާއްވަދީ….ކައިވެންޏަށް ތައްޔާރުވެނުނީމަ އެހެންމީހުންނަށް އަންގާނީ….މާކުރިން އެނގުމަކީ މިކަމަށް ހުރަސްއެޅޭކަމަކަށްވެސް ވެދާނެ….އެނގެއެއްނު މިބުނި އެއްޗެއް؟…" އަދްޔަންއަށް ވިސްނައިދޭފަދަ ރާގަކަށް ޝައުން ބުންޏެވެ.
" މައްސަލައެއްނެތް….ޝައުން ބޭނުންގޮތެއް….އެކަމު ދެން އެހާ ދުރު ދުރުން އުޅެން އަހަރެންނަށް ވަރަށް އުނދަގޫވާނެ….ބައްދަލުވެ ވާހަކަ ދެކެވެން ވާނެ…" އަދްޔަން އެދުނެވެ.
" އެންމެ ރަނގަޅު….އަހަރެން ވާހަކަ ދައްކާނަން…އަދި ބައްދަލުވެސް ކުރާނަން…އެކަމު އަހަރެން އެދޭގޮތަކަށް އެދޭތަނަކުން އެކަނި…އެނޫންގޮތަކަށް އެކަން ކުރަން ވަރަށް އުނދަގޫވާނެ…." ޝައުން އެދުނެވެ. އަދްޔަންވެސް ދެބަސްވުމެއްނެތި އެގޮތާއި ގަބޫލުވިއެވެ.
އެރެއަށްފަހު އަދްޔަންއާއި ޝައުންގެ މެދުގައި އާދައިގެ ރަހުމަތްތެރި ގުޅުމެއް އުފެދުނެވެ. ޝައުން ބޭނުންވީ ކައިވެނީގެކުރިން އަދްޔަން ދަސްކުރުމަށެވެ. ސުކޫލު ދައުރުއްސުރެ އޭނާއަށް އަދްޔަން ފެނިދެނިވެ އުޅުނު ނަމަވެސް، ހަޤީޤަތުގައި އަދްޔަންގެ މިޒާޖާއި އުޅުމާއި ގުޅުން އެނގިފައެއް ނުވެއެވެ. އަދި މިހާރު އަދްޔަން ބޭރުފުށުން ދައްކައިގެން އުޅޭގޮތުގެ ހަޤީޤަތަކީވެސް ކޮބައިކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ އަދްޔަންއަކީ އޭނާގެދެކެ ލޯބިން އޭނާ ހާސިލްކުރަން އުޅޭމީހެއް ނޫންކަމެވެ. އަދްޔަންގެ ފަރާތުން ލޯބި ލިބިދާނެކަމަކަށްވެސް އޭނާ އުއްމީދެއް ނުކުރެއެވެ. އޭނާގެ ހަމައެކަނީ ބޭނުމަކީ އާއިންގެ އިއްޒަތާއި އަބުރު ސަލާމަތްކުރުމެވެ. އޭނާ ކޮންމެފަދަ ޤުރުބާނީއެއް ވެގެންވެސް އެކަން އޭނާކުރާނެއެވެ. އަދްޔަން ހީކުރިފަދައިން އޭނާ ބަލިކައްޓެއް ނުވާނެއެވެ. އަދްޔަންއާއި ކައިވެނިކުރިނަމަވެސް އަދްޔަންގެ އަޅަކަށް އޭނާ ނުވާނެއެވެ. އެހެނެއްކަމަކު އަދްޔަންވެސް އޭނާއާމެދު ރަނގަޅަށް ކައްތައްކޮށްފިނަމަ އޭނާވެސް އެފަދައިން ކުރާނެއެވެ. ނޫންނަމަ އޭނާވެސް އޭނާގެހުރި ނުލަފާކަން އަދްޔަންއަށް ދައްކާލާނެއެވެ. އޭނާއާއި ކައިވެނިކުރެވުނީތީ އަދްޔަން ހިތާމަކުރަން ޖެހޭވަރު އޭނާކުރާނެއެވެ.
އެރޭ ނިދަން އޮތްއިރު އެކިގޮތްގޮތަށް އޭނާ ވިސްނަމުން ދިޔައެވެ. އަދްޔަންގެ ޚިޔާލުތައް ކުރަމުންގޮސް އެރިކް މަތިންވެސް އޭނާ ހަނދާންވިއެވެ. އެރިކްގެ ރަނގަޅުކަމާއި އޯގާތެރިކަން ހަނދާންވެ ދެރަވިއެވެ. އޭނާގެ ޙަޔާތަށް އެރިކް އައިނަމަ މިހެން ނުވީހެވެ. އެރިކްއާ ކައިވެނިކުރެވޭގޮތްވިނަމަ އޭނާ މިހާރު އުޅުނީހީ ނުހަނު އުފަލުގައެވެ. އާއިންގެ މަތިން ހަނދުމަކޮށް ކަރުނައަޅާކަށް އޭނާއަކަށް ވަގުތެއް ނުވީހެވެ. ނަމަވެސް ތަދުބީރުކުރާހައި ކަމެއް ދަޤުދީރުގައި ނުވެއެވެ. ނަމަވެސް އޭނާގެ ދިރިއުޅުން މިފަދަގޮތަކަށް ބަދަލުވެދާނެކަމަކަށް ފަހަރެއްގައިވެސް އޭނާ ހިޔެއްނުކުރެއެވެ. އޭނާގެ ދިރިއުޅުމެކޭ މިސްރާބު ގެއްލިފައިވާ ނަވެކޭ އެއްވެސް ތަފާތެއްނެތެވެ. ދެވޭ ނުދެވޭ މަންޒިލެއް ޚުދު އޭނާއަށްވެސް ނުއެނގެއެވެ.
ދުވަހެއް ދުވަހަކަށް އަދްޔަންއާއި ޝައުންގެ ގާތްކަން އިތުރުވަމުންދިއުމުން، އެހެންމީހުންގެ ލޮލުގައިވެސް އެމަންޒަރު އަޅައިގެންފިއެވެ. އެންމެ ފުރަތަމަ އެކަމުގެ އަސަރެއްކުރީ އާއިންއަށެވެ. އޭނާގެ ހިތުގައި ސުވާލުތައް އުތުރިއަރަކުން ދިޔައީ ޝައުން ހިނިތުންވެހުރެ އަދްޔަންއާއި ވާހަކަދެއްކި މަންޒަރެއް ފެނުމުންނެވެ. އެއީ އޭނައަށް ފެނުނު ހަޤީޤަތެއްކަމަށް ގަބޫލުކުރަން ބޭނުންނުވި ނަމަވެސް އެކަން ތަކުރާރުކޮށް ފެންނަން ފެށުމުން އެދެމެދުގައި ގާތްކަމެއް އޮތްކަމަށް ގަބޫލުކުރަން މަޖުބޫރުވިއެވެ. ނަމަވެސް ޝައުން ހިތުންރުހުމުން އަދްޔަންއާ އެކުވެރިކަމެއް ނުބާއްވާނެކަން އާއިންއަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އެކަމުގެ ހަޤީޤަތެއްބަލަން އޭނާހުރީ ކެތްމަދުވެފައެވެ. އެގޮތުން ސީދާ ޝައުންއާ ސުވާލުކުރުމަށްޓަކައި އޭނާ ޝައުންގެ ބަޔަށްދިޔައެވެ.
" އާން…ކިހިނެއްވީ؟….ކަމަކުތަ؟…" އާއިން ފެނުމުން ވަރަށް އާދައިގެ ގޮތަކަށް ޝައުން އަހާލިއެވެ.
" ރައުހާ އިހަށް ބޭރަށް ގޮސްފާނަންތަ؟….އަހަރެން ޝައުންގާތު ވާހަކައެއް ދައްކާލަން ބޭނުން…" ޝައުންގެ މޭޒުގެ އަނެއްފަރާތުގައި މަސައްކަތެއްގައި އަވަދިނެތި އިން ރައުހާއަށް ގޮވާލަމުން އާއިން އެދުނެވެ. ރައުހާ ހިތާހިތާ ކުދި ކިޔަމުން އެތަނުން ނުކުމެގެން ދިޔައެވެ. މިހާރަކަށް އައިސް ޝައުންއާއި އަދްޔަން އުޅޭލެއް ގާތްކަމުން އޭނާ އެހުންނަނީ ރުޅިގަދަވެފައެވެ. އެދެމީހުންގެ މެދުގައި ގުޅުމެއްނެތްކަމުގައި އަދްޔަން ޔަޤީންކަން ދިންނަމަވެސް އެކަން ގަބޫލުކުރަން ރައުހާއަށް އުނދަގޫވަނީއެވެ.
" އެކަކުން ނުފުދިގެން ދެމީހުންވެސް އަތުއަޅުވާލަން އުޅޭ އަންހެނެއް….ރީތިވީމަ އިންތިހާއަށް ފޮނިވެފަ ހުންނަ އިންސާނެއް….ހާދަފޫހިވެޔޭ…" ލިފްޓަށްއެރިއިރުވެސް ރައުހާ ހިތާހިތާ ޝައުންއަށް އެއްޗެހިގޮވަމުން ދިޔައެވެ.
" ޝައުން….އަހަރެންނަށް މިފެންނަނީ ކޮންކަހަކަ މަންޒަރުތަކެއްތަ؟….މިހާރަކަށް އައިސް އެއަދްޔަން ޝައުންއާ ދެމެދުގަ ކޮންހާ ވާހަކައެއްތަ ދެކެވެނީ؟….އޭނާއާ ދުރުން އުޅޭށޭ އަހަރެންބުނީމަވެސް ޝައުންއަކަށް ނުވިސްނުނުތަ؟….ކީއްކުރަންތަ އޭނާޔާ ހީހީފަ ތިވާހަކަ ދައްކަނީ؟…ބުނެބަލަ! ކުއްލިއަކަށް އޭނަމާ ކަމުގޮސްގެން ތިއުޅެނީ ކީއްވެ؟…." އާއިން ސީދާ މައުލޫއިން ޝައުންއާ ސުވާލުކުރިއެވެ.
" އާން…ހަމަޖެހިބަލަ!…އަހަރެން ހަމަ އެހެން މުއައްޒަފުންނެކޭވެސް އެއްގޮތަށް އޭނަޔާ ވާހަކަދެއްކީ….އެއްއޮފީހުގަ އުޅޭއިރު އަބަދު ކިހިނެއްތަ ރުޅިން އުޅޭނީ…..އެހެންނޫނަސް އޭނަޔާ ވާހަކަދެއްކުން އެއީ އެހާވަރުކަމެއްތަ؟…ހަމައެކަނި ވާހަކައެއްނު ދެއްކީ….އިތުރުކަމެއް ނުކުރަމެއްނު…." އާއިން ނުރުހިފައި ވާހަކަ ދެއްކުމުންވެސް ޝައުން ޖަވާބުދިނީ ނުހަނު އާދައިގެ ގޮތަކަށެވެ. އެހެންކަމުން އާއިންގެ ގާތަށް ރުޅިއަންނަ ގޮތްވިއެވެ.
" ޝައުން މިހާ އަވަހަށް އޭނަގެ ނުބައިކަން ހަނދާން ނައްތާލީތަ؟….މިހާ އަވަހަށް އޭނާއާ ރަހުމަތްތެރިކަން އުފެއްދީތަ؟ ޝައުން ކިހިނެއް އޭނައަށް އެހާ ފަސޭހައިން މާފުކުރީ؟…އަހަރެން ހަމަ ހައިރާންވެއްޖެ….އޭނާ ޝައުންގެ އިތްފަތްތެރިކަމަށް އަރައިގަތްކަންވެސް މިހާ އަވަހަށް ހަނދާންނެތުނީތަ؟…" އާއިން ނުރުހުނުވަރުން ޝައުންގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ.
" އާން….އިންސާނުންނަށްދޯ ކުށްކުރެވޭނީ؟….އަހަރެމެންވެސް އޭނާއާމެދު ކަންތައްކުރީ ރަނގަޅަކަށްނޫން….އޭނާ އަހަރެމެންނަށް އެހާ ފަސޭހައިން މާފްކުރީމަ އަހަރެމެން ކީއްވެ ނުކުރަންވީ؟….އެހެންނޫނަސް އަހަރެން ބޭނުންވަނީ މާޒީ ހަނދާން ނައްތާލާފަ އާފެށުމަކުން ފަށަން….އާންވެސް އެކަން ހަނދާން ނައްތާލާ….އެއީ އެންމެ ރަނގަޅުގޮތް…" އާއިންއަށް ވިސްނައިދެވޭތޯ ޝައުން އުޅުނެވެ.
" ނުވާނެ ތިކަމެއް….އޭނާކުރި ކަންތައް އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން…..އަދި ދުވަހަކުވެސް އޭނާއަށް މާފެއްވެސް ނުކުރާނަން…" އާއިން ރުޅިއައިސްފައި ބުނެލިއިރު، އޭނަގެ ދެލޮލުންވެސް ރުޅިވެރިކަން ފެންނަން ހުއްޓެވެ.
" އާން….އެހާ ކަންބޮޑު ނުވެބަލަ! އޭނާ އެފަދަކަމެއް ކުރަން އުޅެފިނަމަ އަހަރެން ބުނާނަމޭ….އޯކޭއެއްނު…" ޝައުން ބެލީ އާއިން ހަމައަކަށް އެޅުވޭތޯއެވެ.
" ބުނަންވާނެ….އެއްވެސް ކަމެއް ސިއްރުކޮށްގެން ނުވާނެ.." އަމުރުވެރިގޮތަކަށް އާއިން ބުނެލިއެވެ.
" އާނ…ބުނާނަމޭ….މިތާ އިށީނދެބަލަ! އަހަރެން އަންނާނަން ކޮފީތައްޓެއް ހިފައިގެން…" އާއިންގެ އަތުގައި ހިފައިގެން ގެނެސް ގޮނޑީގައި ބައިންދަމުން ޝައުން ބުނެލިއެވެ. އާއިން ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އިރުކޮޅެއްފަހުން ޝައުން ދެކޮފީތަށި ހިފައިގެން އައިސް، އެއްތަށި އާއިންއަށް ދިއްކޮށްލުމުން އޭގައި އާއިން ހިފިއެވެ. އަދި އަނެއްތަށި ހިފައިގެން ގޮސް ޝައުންގެ ގޮނޑީގައި އިށީނެވެ. ދެމީހުން ކޮފީބޯން ތިބިއިރު، އެދެމެދުގައި މާގިނަ ވާހަކައެއް ނުދެކެވުނު ނަމަވެސް ދެމީހުންވެސް ތިބީ ވިސްނުމަކަށް ގެއްލިފައެވެ.
*****
ދުވަހެއް ދުވަހަކަށް ޝައުންއާއި އަދްޔަންގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ދެމީހުންވެސް އެމީހުންގެ ހިތުގައި ސިއްރުވެރި ރޭވުންތައް ރާވަމުން ދުނިޔޭގެ ލޯމައްޗަށް ވަރަށްއެކުވެރިބައެއްގެ ގޮތުގައި ގުޅުން ބަދަހިކުރަމުން ދިޔައެވެ. މިކަމުގެ ސަބަބުން އެންމެބޮޑު އަސަރެއްކުރީ އާއިން އާއި ރައުހާ އަށެވެ. ރައުހާއާއި އެކުގައި ސިއްރުވެރި ލޯބީގެ ގުޅުމެއް ބާއްވަމުން، ފާޅުގައި ޝައުންއާއި ގުޅުން ބަދަހިކުރުންވީ ރައުހާއަށް ނުހަނު ތަކުލީފު ލިބޭ ކަމަކަށެވެ. އެންމެފަހުން އޭނާއަށް ކެތްނުކުރެވިގެން އަދްޔަންގެ ކުރިމަތީގައި އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.
" އަހަރެންނަށް ވަރަށް އުނދަގޫ މިގޮތަށް ސިއްރުން އުޅެން….އެހެންނޫނަސް މިހާރު އަހަރެން ބިރުގަންނަންވެސް ފަށައިފި….އެޝައުންއާއެކީ މާގާތްވެގެން އުޅޭގޮތުން އަހަރެންނަށް ހީވަނީ އަދްޔަން އަހަރެން ދޫކޮށްލާފަ ޝައުންއާ ގުޅެން އުޅޭހެން….އަދްޔަން އަހަރެންނަށް ސާފުކޮށް ބުނެދޭންވީނު ކުރަން ތިއުޅޭކަމެއް….އެހެންނޫނީ ވިސްނާ ވިސްނާ އަހަރެން މޮޔަވެދާނެ…." ރައުހާ ނުރުހުންވެފައި ޝަކުވާކުރިއެވެ.
" ލޯބީ…މިއީވެސް ހަމަ އަހަރެމެންގެ ރޭވުމުގެ ބައެކޭ….އޭނާ އަހަރެންގެ މަޅީގަ ޖައްސާފަ އަހަރެންގެ ބާރުގެ ދަށަށް ގެނެސްފަ، ފިޔަތައް ކޮށާލާފަ ދޫކޮށްލާނީ…" ދަތްކުނޑި ވިކާލަމުން އަދުޔަން ބުނެލިއެވެ.
" ކީކޭ ތިބުނީ؟…އަހަރެންނަކަށް ނުވިސްނުނު…" އަދްޔަން ބުނި އެއްޗެއް ދޭހަނުވެގެން ރައުހާ ބުނެލިއެވެ.
" މިބުނީ…އަހަރެން މިއުޅެނީ އޭނަޔާ އިންނާށޭ….އޭރުންނެއްނު އަހަރެން ބޭނުންގޮތަކަށް އޭނަޔަށް ހަދާލެވޭނީ…" ރައުހާއާ ދިމާއަށް ބަލާލަމުން އަދްޔަން ބުނެލިއެވެ.
" އިންނާށޭ…އެކަމު ކުރިން ނުބުނަމެއްނު އޭނަޔާ އިންނަ ވާހަކައެއް….ކުރިން ބުނީ އޭނަ ބަދުނާމު ކުރާ ވާހަކަ…އޭނަ ބޭޒާރުކުރާ ވާހަކަ…..މިހާރު ކީއްވެ އިންނަން ތިއުޅެނީ؟…" ކަންބޮޑުވެފައި ރައުހާ ސުވާލުކޮށްލިއެވެ.
" ބަލަ މޮޔަކުއްޖާގަނޑާ….އަހަރެން އޭނަޔާ ކައިވެނިކުރީމަދޯ އޭނަ އަހަރެންނަށް އިތުބާރުކުރާނީ….އޭނަގެމައްޗަށް އަހަރެންގެ ފުރިހަމަ ބާރު ހިނގާނީ…އޭރުން އަހަރެން ބޭނުންގޮތެއް އޭނަޔަށް ހަދާލެވޭނެ….އަހަރެން ބޭނުންގޮތަކަށް ބަދަލުހިފޭނެ…" އަދްޔަން އޮޅުން ފިލުވައިދިނެވެ.
" އެއީވެސް މީހުން ބަދަލު ހިފާގޮތްތަ؟…ކައިވެނިކޮށްގެން ކޮންބަދަލެއްތަ ހިފޭނީ؟…އަހަރެންނަށް މިހާރު ޝައްކު އަދްޔަން ތިއުޅޭގޮތުން…..ރަނގަޅަށް ބުނެބަލަ! އޭނާގެ ކިބައިން ބަދަލުހިފަންތަ ތިއުޅެނީ ނޫނީ އޭނަ ބޭނުންވެގެންތަ؟…" ރައުހާ ބޭނުންވީ އޮޅުން ފިލުވާށެވެ.
" އައްޗި! ތިކަހަލަ ލޯބިކުއްޖަކު ހުއްޓާ އަހަރެން އޭނާ ކަހަލަ ރަންޑިއެއް ބޭނުންވާނެތަ؟…މިއީހަމަ ޕްލޭންގެ ބައެކޭ ބުނެފީމެއްނު…ހާސްނުވެބަލަ! އަހަރެން ރައުނޫން މީހަކު ބޭނުމެއްނޫނޭ…" ރައުހާ ގެނެސް ގަޔާލާ ބޮނޑިކޮށްލަމުން އަދްޔަން ބުނެލިއެވެ. އެވަގުތު ރައުހާގެ ހިތުގައިވީހައި ޝަކުވާއެއް ފިލައިގެން ދިޔަ ފަދައެވެ.
އަނެއްކޮޅުން އާއިން ވިސްނަމުން ދިޔައީ އަދްޔަންގެ ރޭވުމަކީ ކޮބައިކަން ނޭނގިގެންނެވެ. ޝައުން އެހާފަސޭހައިން އަދްޔަންގެ މަޅިއެއްގައި ބެދުމަކީ އާއިންއަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި އަދްޔަންފަދަ މީހަކަށް މާފުކޮށް ނުވިތާކަށް އޭނާއާއި ގުޅުމެއް އުފެއްދުމަކީވެސް ބުއްދިގަބޫލު ކުރެވޭފަދަ ކަމެއް ނޫނެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކުން އޭނާގެ ބޮލަށް އުނދަގޫވަމުން ދިޔައެވެ. ޝައުންއާއި އަދްޔަން އެކީގައި އޮފީހުން ނުކުތުމާއި ސައިކަލުގައި ބުރުޖެހުން ފަދަ މަންޒަރުތައްވެސް ފެންނަލެއް އިތުރުވަމުން ދިޔައެވެ. ދެމީހުން އެކުގައި އޮފީސްތެރެއިންނާއި ބޭރުތެރެއިން ފެނުންވެސް އާދައަކަށް ވެއްޖެއެވެ. މިކަމުގެ ސަބަބުން ޝައުންގެ މިޒާޖާއި އުޅުމަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އެކަމާއި ގުޅިގެން ޝައުންއާއި ސުވާލެއް ކުރިނަމަވެސް ނުވަތަ ނަސޭހަތެއްދިން ނަމަވެސް އެދެވޭ ޖަވާބެއް ނުލިބެއެވެ. އެހެންކަމުން އޭނާ ބޭނުންވީ މިކަމާމެދު މާޒްއާ މަޝްވަރާކުރުމަށެވެ.
*****
އާއިން އާއްމުކޮށް ކޮފީބޯން ގޮސްއުޅޭ ރެސްޓޯރެންޓް ލައިޓްކޯނަރގައި އޭނާއިނީ މާޒްގެ އިންތިޒާރުގައެވެ. ގިނައިރުތަކެއްނުވެ މާޒްވެސް އަތުވެއްޖެއެވެ.
" ބުރޯ..ކިހިނެކޭވީ؟…." ގޮނޑިއެއް ދަމާލާފައި މޭޒުކައިރީގައި އިށީއްނަމުން މާޒް އަހާލިއެވެ.
" ކަމެއްނުވަންޏާ ކޮފީއެއްވެސް ނުބޮވޭނެތަ؟…" މާޒް އަހާލިގޮތުން ހިނިއައިސްފައި އާއިން ސުވާލުކޮށްލިއެވެ.
" އަސްލު މަކަންނޭނގެ ތިހެން ބުނަންވީ….ކަމެއްނެތިއްޔާ ތިއިންސާނާ ފެނިވެސް ލަނީކީނޫން….އަހަރެން ހީކުރީ ޝައުންއައީމަ އަހަރެންގެ މަތިން ހަނދާންނެތުނީކަމަށް….ފުރަތަމަ ޝައުން އައި ވާހަކަވެސް މަށަށް އެނގުނީ އައިރާގެ ފަރާތުން…..ހަމަ އެންމެ ފޯނުކޯލެއްވެސް ކޮށްލެވޭވަރު އާންއަކަށް ނުވޭ….އެހެންވީމަ ބުނާނެދޯ މިހެން…" މާޒް ޝަކުވާގެ ފަތިވަރެއް އަމުނާލިއެވެ.
" އޯކޭ…އޯކޭ ސޮރީ….ގަބޫލުކޮށްފިން….އެކަމު އަސްލުވެސް ކަމެއް ދިމާވެގެންނޭ މިއުޅެނީ…" އާއިން މާފަށް އެދެމުން އޭނާގެ އަސްލު މައުލޫއައިގެން ކުރިޔަށް ދިޔައެވެ. އަދްޔަންގެ ވާހަކަ މާޒްއަށް ކިޔައިދީ، އެކަމުގެ މާޒްގެ ޚިޔާލަކަށް އެހިއެވެ.
" އަދްޔަންއޭ…އެއްކަލަ އަދްޔަން….އޭނަ ކޮންއިރަކު މާލެއައީ…ކީއްވެ ކުއްލިއަކަށް ކުންފުންޏާ ގުޅުނީ…." މާޒް ސުވާލުކުރަން ފެށިއެވެ.
" މާޒްގެ ކައިވެނީގެ ހަފްލާއިން މަށަށްވެސް އޭނަ ފެނުނީ…އެރޭ އޭނަފެނިފަ މަށަށްވެސް އޭނަ ނޭނގުނު….އޭނަހުރީ ވަރަށްބޮޑަށް ބަދަލުވެފަ…" އާއިން އޮޅުން ފިލުވައިދިނެވެ. އަދި އެރޭގެ ހާދިސާވެސް ކިޔައިދިނެވެ.
" ތިވަރު ބޮޑުކަމެއް ވެގެން ދިޔައިރުވެސް އާން އަހަރެންނަށް އަންގާވެސް ނުލާ….ކޮންކަހަލަ މީހެއްތީ؟…މިހާ ހިސާބަށް ކަންތައް ދިޔައީމަ މަށަށް ކަމެއް ރޭކާމިލީ…." މާޒް ނުރުހިފައި ބުނެލިއެވެ.
" އަދިވެސް މާބޮޑު ގޯހެއްނުވޭ….އެކަމު އަހަރެންނަށް ހީވަނީ އެދެމީހުންގެ މެދުގާ ކަމެއް ހިނގާހެން….ޝައުން މިހާރުހުރީ މުޅިން ބަދަލުވެފަ….އަހަރެން ދައްކާ އެއްވެސް ވާހަކައެއް އޭނާ އަޑެއްނާހާ….އެންމެންގެ ކުރިމަތީގަވެސް އަދްޔަންއާއެކު ހީހީފަ އުޅޭއިރު ހީވަނީ ޒަމާނުއްސުރެ އެކީއުޅޭ ބައެއްހެން…މާޒް…ޝައުންއަށް ނަސޭހަތްދީބަލަ! އެކަން ހުއްޓުވާބަލަ!.." އާއިން އާދޭހުގެ ރާގެއްގައި ބުންޏެވެ.
" އާން…އަހަރެން ހިޔެއްނުކުރަން އާން ތިހާ ފިނޑިވާނެކަމަކަށް…..އެންމެ ފުރަތަމަ ދުވަހު ކީއްވެތަ އޭނާގެ ވާހަކަ ބައްޕަ ގާތުގަ ނުބުނީ….އެހެންނަމަ މިހާރު އޭނަ އެސަކަރާތްޖަހަން އެތާކު ނުހުރީހެއްނު….އަދިވެސް ބައްޕަ ގާތު ބުނަނިކޮށް އޭނަ އެތަނުން ބޭރުކޮށްލެވޭނެ…ކީއްވެތަ ނުބުނެ ތިހުންނަނީ؟…އާންއަށް ނުކެރެންޏާ އަހަރެން ބުނެފާނަން…" އިވުނު ވާހަކަތަކުގެ ސަބަބުން މާޒްހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
" މާޒް…އޭނާ ބޭރުކޮށްލުން މިހާރު އެއީ އެހާ ފަސޭހަކަމެއްނޫން….މާކުރިންވެފަ އޮތްކަމެއްގެ ސަބަބުން މިހާރު ގޮތެއް ނުނިންމޭނެ…އަދި އަމުދުން ޝައުން އޭނާއާ އެކުގަ އުޅެނިކޮށް ކިހިނެއް އެވާހަކަ ދައްކާނީވެސް….ޝައުން އެކަމާ އިންކާރުކޮށްފިނަމަ އަހަރެންދޯ ބަދުނާމުވާނީ…..އެހެންވީމަ ތިއީ މޮޔަ ޚިޔާލެއް….ދެން އޮތީ އަހަރެމެން އަމިއްލައަށް އޭނައަށް އިންޒާރެއް ދިނުން….ނޫނީ ޝައުން ހުއްޓުވުން…" އާއިން ލަފާދިނެވެ.
" އާން….އޭނަޔަށް އިންޒާރުވެސް ދިނީމެއްނު…އެކަމު ވީކަމެއްނެތެއްނު….ޝައުންވެސް ހުއްޓުވޭތޯ އުޅުނީމެއްނު…އެކަމު އެކަމެއްވެސް ނުވިޔެއްނު….ދެން އަހަރެން ތިކަމާ އުޅޭނަން….އާން ބަލަންހުރޭ….އަހަރެން ޝައުންވެސް ހުއްޓުވާނަން…." މާޒް ޔަޤީންކަމާއެކު ބުނެލިއެވެ.
ނުނިމޭ