Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

މަރުވި މީހުންގެ އާއިލާތަކަށް ލަންކާ ސަރުކާރުން އެއް މިލިއަން ރުޕީސް ދެނީ

ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް އެއް މިލިއަން ރުޕީސް ދިނުމަށް ސްރީލަންކާގެ ސަރުކާރުން ނިންމައިފިއެވެ.

އިއްޔެގެ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާއިރު ގާތްގަނޑަކަށް 500 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި އަދަދުތަށް އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަންކާ ސަރުކާރުގެ ތަރުޖަމާނު ރަޖިތާ ސެނަރަތްނޭ ވިދާޅުވީ މަރުވި މީހުންގެ އާއިލާތަކަށް އެއް މިލިއަން ރުޕީސް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި މި ހާދިސާތަކުގައި އަނިޔާވި މީހުންނަށް 100،000 ރުޕީސް އާއި 300،000 ރުޕީސްގެ އަދަދެއް ދޭން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބޮމުގެ ހަމަލާތަކުގައި ގެއްލުން ލިބުނު ޗާޗުތަށް ސަރުކާރުގެ ހަރަދުގައި އަލުން ބިނާކުރާނެ ކަމަށް ވެސް ސެނަރަތްނޭ ވިދާޅުވިއެވެ.

"ސަރުކާރެއްގެ ހައިސިއްޔަތުން މި ކަންކަމުގެ ޒިންމާ އަހަރުމެން ނަގަން. އަދި ހުރިހާ ފަރާތްތަކުގެ ކިބައިން މައާފަށް ވެސް އެދެން" އޭނާ ވިދާޅުވިއެވެ.

އިއްޔެގެ ބޮމުގެ ހަމަލާތަށް ދީފައިވާ ތަންތަނުގެ ތެރޭގައި ލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެ ޗާޗުގެ އިތުރުން ޝަންގްރިއްލާ ހޮޓަލާއި ސިނަމަން ގްރޭންޑް ހޮޓެލަކަށާއި ދެހިވަލާގެ ސަރަހައްދެއް ހިމެނެއެވެ.

ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ކާފިއު އިއުލާންކޮށްފައިވާއިރު، މި ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ވަނީ 24 މީހަކު ހައްޔަރުކޮށްފައެވެ. އަދި މިރޭ 12 އިން ފެށިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން އިއްޔެގެ ހާދިސާތަކާ ގުޅިގެން ނުރަނގަޅު މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކާ ލަންކާގައި ވަނީ ބައެއް ސޯޝަލް މީޑިޔާގެ ވަސީލަތްތަށް ބްލޮކް ކޮށްފައެވެ.

މިއީ ލަންކާގައި މިހާތަނަށް ދިން ޓެރަރިސްޓް އެންމެ ބޮޑު ހަމަލާތަކެވެ.