Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކުރީގެ މެމްބަރުންނަށް އިތުރު އިނާޔަތްތަކެއް ދިނުމާ އެމްޑީޕީން ދެކޮޅު

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އިތުރު އިނާޔަތްތަކެއް ދިނުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އެމްޑީޕީން ދެކޮޅު ހަދާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް ވަކި ވަކިން ދެ އިސްލާހެއް ހުށަހަޅުއްވާފައިވަނީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ. މި ދެ ބޭފުޅުންނަކީ ވެސް މިދިޔަ މަޖިލިސް އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ބޭފުޅުންނެވެ.

އާއްމުންގެ މެދުގައި ވެސް މިކަމާ ހިތްހަމަނުޖެހުންތަކެއް ހުރިއިރު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީން އެކަމާ ދެކޮޅަށް ވިޕްލައިނެއް ނެރޭނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް މުސްތަފާ އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.

މެންބަރު ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބެންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށެވެ.

އިމްތިޔާޒުގެ ގާނޫނު މިހާރު އޮތްގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖެހެނީ ހަމައެކަނި މެމްބަރުކަން ކުރެއްވި ބޭފުޅުންނަށެވެ.

އަދި މެމްބަރުކަން ކުރި މީހުންނާއި، އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެނައުމަށާއި މަޖިލީހުގެ ރައީސްކަން އަދި ނައިބް ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ހެލްތް އިންޝުއަރެންސް ލިބެން ޖެހޭ ގޮތަށްވެސް އިމްތިޔާޒުގެ ގާނޫނު އިސްލާހުކުރުމަށްވެސް ލަތީފް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.

މީގެއިތުރުން މެންބަރުކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ލިބޭނީ އެބޭފުޅަކަށް އުމުރުން 55 އަހަރު ވުމުން ކަމަށް އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާ މާއްދާ އިސްލާހުކޮށް، މެންބަރަކު މެންބަރުކަމުން ވަކިވެވަޑައިގަންނަވާ ދުވަހުން ފެށިގެން އިނާޔަތް ލިބޭނެ ގޮތް ހަަމަޖެއްސެވުމަށްވެސް ލަތީފް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.