Last Updated: April 20, 13:04
Saturday, April 20, 2024
ކުޅިވަރު

މޮރާޓާގެ ގައިގާ ޖެހުމުން ރެފްރީ އަށް އަދަބުދީފި

ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހު އެއިބާއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގައި ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާގެ ގައިގާ އެ މެޗުގެ ރެފްރީ ހަވިއާ އަލްބެރޯލާ ރޯހާސް ޖެހުމުން ސްޕެއިނުގެ އެފްއޭގެ ރެފްރީންގ ކޮމިޓީއިން އޭނާ އަށް އަދަބުދީފިއެވެ.

މިކަމާއި ގުޅިގެން، އެ މެޗަށްފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ރެފްރީ އަށް ފާޑުކިޔާފައެވެ. އެގޮތުން، މިފަދަ އަމަލެއް އޭނާގެ ފަރާތުން މީގެކުރީން ފެނުމުން ހަތަރު މެޗަށް ސަސްޕެންޑްކޮށްފައިވާއިރު އެކަމާއި އެކަށީގެންވާވަރުގެ އަދަބެއް ރެފްރީ އަށް ދިނުމަށް ސިމިއޯނީ ވަނީ ގޮވާލާފައެވެ.

އަލްބެރޯލާ ރޯހާސް އަށް އަދަބެއްގެ ގޮތުން ކުރިއަށް އޮތް ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ އެއްވެސް މެޗަކުން ފުރުޞަތު ނުދިނުމަށް ސްޕެއިނުގެ އެފްއޭ އިން ވަނީ ނިންމާފައެވެ.

ކުރީން އޮތް ގޮތުން، މިރެއާއި މާދަމާރޭ ލީގުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް އޭނާ އަށް ރެސްޓްދީފައިވީނަމަވެސް ދެން ކުރިއަށް އޮތް މެޗުތަކުން އަލްބެރޯލާ ރޯހާސް އަށް ފުރުޞަތުދޭނެކަމަށް ބެލެވުނެވެ. ނަމަވެސް، އެތުލެޓިކޯގެ ފޯވާޑް މޮރާޓާގެ ގައިގާ ޖެހުމުން އަދަބެއްގެ ގޮތުން ސްޕެއިނުގެ އެފްއޭއިން އޭނާ އަށް ފުރުޞަތުނުދޭން ނިންމީއެވެ.

މީގެއިތުރުން، ސްޕެއިނުގެ އެފްއޭ އިން ވަނީ އަލްބެރޯލާ ރޯހާސް އަށް ވީއޭއާރްގެ އެސައިންމެންޓެއްވެސް ނުދޭން ނިންމާފައެވެ.