Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

ޖަޕާނުގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ

ރާއްޖެ އައިސްފައިވާ ޖަޕާނުގެ މަނަވަރު - ފޮޓޯ: އެމްއެންޑީއެފް

ޖަޕާނުގެ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު "ޖޭއެސް ސަމިދާރޭ" ރާއްޖެ އަށް ކުރާ މި ދަތުރަކީ އެކުވެރިކަމުގެ ދަތުރެއް ކަމަށެވެ.

އެގޮތުން މި މަނަވަރު ދެ ދުވަސް ވަންދެން ރާއްޖޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޖަޕާނުގެ މަނަވަރެއް ރާއްޖެ އައިސްފައިވާއިރު އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސާވިތްރީ" ވަނީ މި މަހުގެ ކުރީކޮޅު ރާއްޖެ އަށް ދަތުރެއް ކޮށްފައެވެ.

އެގޮތުން އެ ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާފައިވެއެވެ. އެ ދަތުރު ނިންމާލުމަށްފަހު އިންޑިއާގެ ނޭވީ ޝިޕް މި މަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖެ އިން ފުރާފައެވެ.