Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ގުޅޭ 100 އެއްހާ މައްސަލަ، މިނިސްޓަރ ހިމޭނުން!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ގުޅުން ހުރި 100 އަށް ވުރެ ގިނަ ކަންބޮޑުވުން ހެލްތު މިނިސްޓްރީ އާއި ހިއްސާކޮށްފައިވާ އިރު އެކަންކަން ހައްލު ނުކުރެވޭތީ އައްޑޫ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ފާއިތުވި ދުވަސްތަކުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު އިންތިހާއަށް ދަށްވުމާއި ގުޅިގެން އެކަންކަން ރަނގަޅު ކުރުމަށް ހެލްތު މިނިސްޓްރީން އެކަށީގެންވާ މަސައްކަތް ނުކުރާތީ އާއްމުންގެ ތެރޭގައިވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ.

ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި، މުވައްޒަފުން އަދި ވަސީލަތް ނެތުމުގެ ޝަކުވާ ފާއިތުވި ދުވަސްތަކުގައި ހެލްތު މިނިސްޓްރީއަށް ހޮސްޕިޓަލްގެ ފަރާތުން ހުށަހެޅި ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބެއެވެ.

ހޮސްޕިޓަލާއި ގުޅޭ ޝަކުވާ އާއްމުން ކުރަން ފެށުމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ބައްދަލުކޮށްފައެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ހޮސްޕިޓަލްގެ ހާލަތު މިވަގުތު ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށެވެ.

އެގޮތުން ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރަކު ނެތްތާ ހަ މަސްވެފައިވާ އިރު ޑޮކްޓަރަކު ހޯދިފައި ނެތުމަކީ ސީރިއަސް މައްސަލައެއްކަމަށް ސޯބެ ވިދާޅުވިއެވެ. ސޯބެ ވިދާޅުވީ ހޮސްޕިޓަލްގެ މައްސަލަ ބޮޑުވެގެން އެތަނަށް ޒިޔާރަތް ކުރުމުގެ ކުރިން ހެލްތު މިނިސްޓަރަށް މެސެޖަކުން ހޮސްޕިޓަލަށް ޒިޔާރަތް ކުރާކަން އެންގެވި ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް މިނިސްޓަރގެ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

ސޯބެ ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ހިންގުމުގެ ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަ ކުރެވޭކަމަށެވެ. އެގޮތުން މިވަގުތު ހޮސްޕިޓަލް ހެންގެވުމާއި ހަވާލުވެ ހުންނެވި ޝާހު ސައީދަށް ގިނަ ޒިއްމާއެއް ހަވާލުކޮށްފައިވާއިރު އިދާރީގޮތުން ބޮޑެތި ގޮން ޖެހުން ހުރިކަން ފާހަގަ ކުރެވޭ ކަމަށް ސޯބެ ވިދާޅުވިއެވެ.

"ޝާހު މިވަގުތު މިހުންނަވަނީ ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެވަޑައިގެން، ޝާހު އަކީ ޑޮކްޓަރުންގެ އިސް މީހާ، ހޮސްޕިޓަލްގެ އިދާރީ ކަންކަމުގެ އިސްމީހާ، ފައިނޭންސް ކޮންޓްރޯލާ، މިހެން ގޮސް 4 ޒިއްމާއެއް އެބައޮވޭ ޝާހު އާއި މަތިކޮށްފައި، ހޮސްޕިޓަލްގެ ކަންކަން ހުންނަ ގޮތުން މީގެ ތެރެއިން އެންމެ މުހިއްމުކަމަށް ކޮންމެ ދުވަހަކުވެސް މި އެޓެންޑް ކުރެވެނީ، މިސާލަކަށް މީހަކު އާސަންދައިން ފޮނުވަންވެސް މި ހުންނަނީ ޝާހު، އެކަހަލަ ގޮތަކަށް ތަނުގެ ކަންކަން އިންތިޒާމް ކުރެވިފައި މިވަނީ، ހޮސްޕިޓަލްގެ ހިންގުން އެބަޖެހޭ ހަރުދަނާވާން، އެންމެ މީހަކަށް ހުރިހާ ކަމެއް ނުކުރެވޭނެ"

ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ހޮސްޕިޓަލްގެ އިދާރީ ކަންކަން ހަރުދަނާ ކުރެވިގެން މިހާރުން މިހާރަށްވެސް ބައެއްކަންކަން އިސްލާހު ކުރެވިދާނެކަމަށެވެ. ނަމަވެސް މި މައްސަލަތަކުގެ މައްޗަށް ސިޔާސީ މީހަކު ވަޒީފާދީގެން ގެނެސްގެން ހޮސްޕިޓަލް ރަނގަޅު ކުރެވޭނެކަމަށް ގަބޫލް ނުކުރެއްވޭ ކަމަށް ސޯބެ ވިދާޅުވިއެވެ.

"މިހާރު އިންތިޒާމްވެފައިވާ ގޮތުން އެންމެ އާދައިގެ ސްޕިރިޓް ފުޅިވެސް މި ލިބެނީ ހެލްތު މިނިސްޓްރީން މާލެއިން ފޮނުވީމާ، އެލިބެންދެން މިޖެހެނީ މަޑުކޮށްގެން ތިބެން، ހޮސްޕިޓަލްގައި ބަޖެޓު އޮތަސް ހަރަދު ކުރުމުގެ ހުއްދައެއް ނޯވޭ، އެކަހަލަ ކަންތަކެއް މިހުރީ"

ސޯބެ ވިދާޅުވިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުންގެ ދަތިކަމަކީވެސް ތަނަށް ކުރިމަތިވެފައިވާ މައްްސަލައެކެވެ. ވަކިވެގެންދާ މުވައްޒަފުންގެ ބަދަލކުގައި މުވައްޒަފުން ނުނެގެއެވެ. އެކަމަށް މިނިސްޓްރީން ހުއްދަ ނުދެއެވެ. އެހެންވެ ތަނުގައި މުވައްޒަފުންގެ ތާށިކަން އިންތިހާއަށް ބޮޑެވެ.

ހޮސްޕިޓަލްގެ އިސް ބޭފުޅަކު ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތަކުގެ ތަފްސީލް ހެލްތު މިނިސްޓްރީއަށް ސާފުކޮށް އެނގޭނެކަމަށެވެ. އެކަން ހައްލު ކުރެވެން އޮތީ މިނިސްޓްރީގެ ޒިއްމާ ބަރާބަރަށް އަދާކޮށްގެންނެވެ.

ހޮސްޕިޓަލާއި ގުޅޭގޮތުން ހެމްތު މިނިސްޓަރ ޖަވާބެއް ނުދެއްވައެވެ. ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލްގެ ޖަވާބަކީ މައްސަލަ ބެލުމަށްފަހު ޖަވާބެއް ދެއްވާނެކަމަށެވެ.