Last Updated: April 20, 10:23
Saturday, April 20, 2024
ކުޅިވަރު

މިލާން ސިއްސުވާލުމަށްފަހު ލާޒިއޯ ފައިނަލަށް

އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުގައި އޭސީ މިލާން އަތުން 1-0 އިން މޮޅުވެ ލާޒިއޯ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗު ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިނަމަވެސް ލާޒިއޯ ފައިނަލަށް ދަތުރުކުރީ 1-0 ގެ އެގްރިގޭޓުންނެވެ.

މިލާންގެ ސެންސީރޯގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. މި ހާފުގައި މިލާނުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލައިފައިވަނީ ލާޒިއޯ އިންނެވެ.

އެގޮތުން، ލާޒިއޯގެ ސަރްގެއި މިލިންކޮވިޗް-ސަވިޗް އާއި ޗީރޯ އިމޯބިލޭ އަދި ވަކީން ކޮރެއާ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. ލާޒިއޯ އިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މިލާންގެ ގޯލްކީޕަރު ޕެޕޭ ރެއިނާއެވެ.

އޭގެފަހުން، ލާޒިއޯގެ އިތުބާރު މިޑްފީލްޑަރު މިލިންކޮވިޗް-ސަވިޗްގެ ކަކުލު ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރިއިރު އޭނާގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ މާކޯ ޕަރޯލޯ އެވެ. މި ހާފުގައި މިލާނަށް ލީޑްނަގައިދިނުމަށް އެންމެ ރަނގަޅު ފުރުޞަތެއް ލިބުނު ޑެވިޑޭ ކަލާބްރިއާ ވެސް ލިބުނު އަނިޔާއަކާއި ގުޅިގެން ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ބަދަލުކޮށްފައިވާއިރު އޭނާގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ އަންދްރެއާ ކޮންޓީ އެވެ.

ދެވަނަ ހާފު ފެށިގެން ވެސް ލާޒިއޯ އަށް ވަނީ ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއްލިބިފައެވެ. އެގޮތުން، އެ ޓީމުގެ ލޫކަސް ލެއިވާ އާއި ކޮރެއާ ފޮނުވާލި ހަމަލާތައް މިލާންގެ ކީޕަރު ރެއިނާ މަތަކުރިއިރު ބަސްޓޯސް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 58 ވަނަ މިނެޓުގައި ލާޒިއޯ އަށް ޖަހައިދިނީ ކޮރެއާ އެވެ. މިއީ އެ ޓީމުން އުފެއްދި އަވަސް އެޓޭކެއްގައި އިޓާލީގެ ފޯވާޑް އިމޯބިލޭ ދިން ޕާހަކުން ކޮރެއާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ލާޒިއޯގެ ލީޑް ފުޅާކުރުމަށް ފްރާންސެސްކޯ އަސާބީ އާއި ލުއިސް އަލްބާޓޯ އަދި އިމޯބިލޭ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ހާފުގައި މިލާނަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ހަކާން ޗާހަނަގްލޫ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ލާޒިއޯގެ ގޯލްކީޕަރު ތޯމަސް ސްޓްރަކޯޝާ މަތަކުރިއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުގެރޭ ލާޒިއޯގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅޭ ފައިނަލުގައި އަނެއްކޮޅުން ނުކުންނާނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގެ ދެވަނަ ލެގުގައި މިރޭ އެޓަލާންޓާ އާއި ފިއޮރެންޓީނާ ކުޅެ ކާމިޔާބު ހޯދާ ޓީމަކާ ދެކޮޅަށެވެ. ފުރަތަމަ ލެގު ފިއޮރެންޓީނާގެ ދަނޑުގައި ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.